ވިސާއަކީ ދިވެހި ސަރުކާރާ ރައްޔިތުން ޖައްސަން އިންޑިޔާ ސަރުކާރުން ގެންގުޅޭ ޓޫލެއް- އަލީ އާދަމް

އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް އަޤައުމުން ދޫކުރާ ވިސާއަކީ އޭރެއްގައި އޮންނަ ދިވެހި ސަރުކާރާ ރައްޔިތުން ޖެއްސުމަށްޓަކައި ބޭނުންކުރާ ވަޞީލަތެއް ކަމަށް ކުރީގެ ރައީސް ޔާމިން ސަރުކާރުގައި ޓްރިވެންޑްރަމްގައި ކޮންސިއުލްގެ މަޤާމު އަދާކުރެއްވި އަލީ އާދަމް، ކަކާގޭ އަލިބެ ވިދާޅުވެއްޖެއެވެ.ޗެނަލް 13އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ޔާމިންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި އަލީ އާދަމް ވިދާޅުވީ، އިންޑިޔާ ސަރުކާރުން ދޫކުރާ ޑިޕެންޑެންޓް ވިސާ އަކީ ވެވިފައިވާ އެއްބަސްވުންތަކާ ޤާއިމް ކުރެވިފައި ހުރި މުޢާހަދާތަކެއް މައްޗަށް ބިނާކޮށް ދޫކުރާ އެއްޗެއްކަމަށެވެ. ނަމަވެސް، އެއިރެއްގައި ދިވެހިރާއްޖޭގައި އޮންނަ ސަރުކާރަކާ ދޭތެރޭ އިންޑިޔާއިން ހިތްޕުޅާވެވަޑައިނުގެންފި ނަމަ ދަތި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ފުރަތަަމަވެސް އަޅާ ފިޔަވަޅަކީ ވިސާ ނުދީ ހިފެހެއްޓުން ކަމަށެވެ. އަލީ އާދަމް އިތުރަށް ވިދާޅުވީ، އިންޑިޔާއިން އެކިއެކި ވަޒީފާތަކަށް ރާއްޖެ އައިސް ތިބޭ މީހުންގެ އާއިލާތަކަށް ޑިޕެންޑެންޓް ވިސާ ދޫކުރަނީ އެމީހުން މިޤައުމުގައި އަދާކުރަމުންދާ ވަޒީފާގެ ސަަބަބުން ކަމަށެވެ. ނަމަވެސް އިންޑިޔާގައި ދިވެހިން ވަޒީފާ އަދާނުކުރާ ކަމަށާ ވަޒީފާގައި ތިއްބަވާނީ ހަަމައެކަނި ޑިޕްލޮމެޓިކް ފެންވަރުގެ ބޭފުޅުންކަމަށެވެ. އަދި އެޤައުމުގައި ކިޔަވަންތިބޭ ކުދިންގެ ބެލެނިވެރިންނަށް ދޫކުރާ ޑިޕެންޑެންޓް ވިސާއަކީ ކިޔަވާ ކުއްޖާގެ މައްޗަށް ބަރޯސާވެ ދޫކުރާ އެއްޗެއްކަމަށެވެ. ނަމަވެސް ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، އިންޑިޔާ ސަރުކާރުން ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެހެން ކަމުން މިހާރު ކުރިއަށްދާ، އިންޑިއާ-ރާއްޖެ ކޮންސިއުލާ ޓޯކްސްގައި މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވުމަށް އަލީ އާދަމް ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ