މިދިޔަ އަހަރު ކޯވިޑް-19 ޖެހިގެން 17،000 ޞިއްޙީ ޚިދުމަތްތެރިން މަރުވި

މިދިޔަ އަހަރުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން 17،000އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލާއި ޕަބްލިކް ސާވިސަސް އިންޓަނޭޝަނަލާއި ޔޫއެންއައި ގްލޯބަލް ޔޫނިއަނުން ގުޅިގެން ކުރި ދިރާސާ ބިނާކޮށްފައިވަނީ 70އަށްވުރެ ގިނަ ޤައުމުގެ ސަރުކާރުތަކާއި މަދަނީ ޖަމުޢިއްޔާތަކާއި ނޫސް އިދާރާތަކުން ޝާޢިއުކޮށްފައިވާ ތަފާސްހިސާބުތަކުގެ މައްޗަށެވެ. އެ ޢަދަދުތަކުން ދެއްކި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ކޮންމެ ބައި ގަޑިއިރަކު އެއް ފަހަރު ޞިއްޙީ ޚިދުމަތްތެރިއެއް ކޯވިޑް-19ގެ ސަބަބުން މަރުވިއެވެ. އެގޮތަށް އެކަން ދިމާވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް އަދި ހިތާމައެއްކަމުގައި އެމްނެސްޓީން ސިފަ ކުރިއެވެ.
އެމްނެސްޓީން ޝާޢިއުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ 3،507 ޞިއްޙީ ޚިދުމަތްތެރިންވަނީ ކޯވިޑް-19 ޖެހިގެން މަރުވެފައެވެ. އޭގެ އިތުރުން މެކްސިކޯގައި 3،371، ބުރެޒިލުގައި 1،143، ރަޝިޔާގައި 1،131 އަދި އިނގިރޭސިވިލާތުގައި 931 ޞިއްޙީ ޚިދުމަތްތެރިންވަނީ މަރުވެފައެވެ. އެމްނެސްޓީން ބުނީ ޤައުމުތަކުގައި މަރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަސްލު ޢަދަދުތައް އެއަށްވުރެ އިތުރުވުން އެކަށީގެންވާކަމަށެވެ.
އެމްނެސްޓީން ބުނީ ބަލިމަޑުކަމުގެ ޙާލަތުގައި ޞިއްޙީ ޚިދުމަތްތެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކަމުގެ ސާމާނުކަމުގައިވާ ޕީޕީއީ ލިބުމުގައި ހުރި ދަތިތައްކަމަށެވެ. ބަލިމަޑުކަން ފެތުރެން ފެށުނުތާ ކުރީކޮޅު ގިނަ ޤައުމުތަކަށް އެ މައްސަލަ ކުރިމަތިވިކަމަށް އެމްނެސްޓީން ބުންޏެވެ. ޕީޕީއީ ލިބުމުގެ ދަތިކަމާ ބައެއް ޤައުމުތަކުން އަދިވެސް ކުރިމަތިލަމުންދާކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރިއެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން އަދިވެސް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް އެމްނެސްޓީން ބުންޏެވެ.
އެމްނެސްޓީން ބުނި ގޮތުގައި ކޯވިޑް-19އާ ދެކޮޅަށް ޤައުމުތަކުން ވެކްސިން ދޭން ފަށާފައިވީނަމަވެސް މިހާތަނަށް ދީފައިވާ ވެކްސިންގެ ދެބައިކުޅަ އެއްބައި ދީފައިވަނީ މުއްސަނދި ދިހަ ޤައުމެއްގައިކަމަށެވެ. 100އަށްވުރެ ގިނަ ޤައުމުގައި އެންމެ ޞިއްޙީ ޚިދުމަތްތެރިއަކަށްވެސް މިހާތަނަށް ވެކްސިން ނުދެވޭކަމަށްވެސް އެމްނެސްޓީން ބުންޏެވެ. ވެކްސިން ދިނުމުގައި ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދިނުމަށް ޤައުމުތަކުގެ ސަރުކާރުތަކަށް އެ ޖަމުޢިއްޔާއިންވަނީ ގޮވައިލައިފައެވެ. އަދި ޞިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި ބަލާ މީހުންގެ ތެރޭގައި ހަސްފަތާލުތަކުގައި މަސައްކަތްކުރާ މީހުންނާއި އިޖުތިމާޢީ މަސައްކަތްތެރިން ހިމެނުމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ގޮވައިލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ