ކަރަންޓުގެ އަގުތައް: މާލެ އާއި އެހެން ރަށްރަށުގެ ބޮޑު ތަފާތު
އަސާސީ ހައްގުތައް ލިބިދިނުމުގައި "އުފަން ރަށަށް ނުވަތަ މި ނޫން ވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއް ނުވާނެ" ކަމަށް 2008ގެ ގާނޫނުއަސާސީ ބުނެ އެވެ. އެކަމަކު ރާއްޖޭގައި ކަން ހިނގަނީ އެގޮތަކަށް ނޫނެވެ. މާލެ އާއި އެހެން ރަށްރަށުގެ ތަފާތު އަދިވެސް ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް ކުދި ރަށްރަށުގެ މީހުން ތިބީ ބާކީވެފައިކަން ފާހަގަކޮށް، އދ. ގެ ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓުގައި މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި "ދިވެއްސަކަށް ފުރުސަތުތަކާއި އިޚްތިޔާރުތައް ލިބުން ބިނާވެފައި ވަނީ އޭނާ އުފަންވާ ރަށެއްގެ މައްޗަށެވެ." މި ފަރަގު ބައެއް މީހުން ފާހަގަކުރާ އެއް ސަބަބަކީ ކަރަންޓުގެ އަގެވެ. އަސާސީ ހިދުމަތަކަށް ވިޔަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓުގެ އަގުތައް ތަފާތެވެ. މިއީ އަބަދުވެސް ރަށްރަށުގެ މީހުންގެ ހިތްހަމަނުޖެހުން ބޮޑު މައްސަލައެކެވެ. މައިގަނޑު ކަންބޮޑުވުމަކީ ވެރިރަށް މާލެ އާއި އެހެން ރަށްރަށާ ދެމެދު ފަރަގު ބޮޑުވުމެވެ. ކަރަންޓުގެ ރަސްމީ އަގު ކަރަންޓުގެ ހިދުމަތުން ނަގަން ޖެހޭ އަގުތައް ކަނޑައަޅަނީ އެންވަޔަރްމެންޓް އެންޑް އެނާޖީ މިނިސްޓްރީގެ ދަށުން އޮންނަ މޯލްޑިވްސް އެނާޖީ އޮތޯރިޓީންނެވެ. އެ އޮތޯރިޓީ ހިންގަނީ އެކި ދާއިރާތަކުގެ ސްޕެޝަލިސްޓުން ހިމެނޭ ގަވަނިން ބޯޑަކުންނެވެ. އަދި ކަރަންޓުގެ އަގުތައް ކަނޑައަޅަނީ އެ ބޯޑުގެ ލަފާގެ މަތިންނެވެ. ގޭބިސީތަކާއި ވިޔަފާރިތަކާއި ސަރުކާރަށް ވަކިވަކި ރޭޓްތަކެއްގައި ކަރަންޓުގެ ރަސްމީ އަގު ހަމަޖައްސާފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަފާތުކޮށެވެ. އެގޮތުން އަށް ސަރަހައްދަކަށް، ތަފާތު ބޭންޑުތަކުގައި، ހަތަރު މިންގަނޑެއް ކަނޑައަޅާފައިވާ އިރު ކަރަންޓުގެ އަގު އެންމެ ހެވީ މާލޭގަ އެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށި ހިމެނޭ މާލެ ސަރަހައްދަށް ބޭންޑްތައް ކަނޑައަޅާފައި ވަނީ ރާއްޖޭގެ އެހެން ހިސާބުތަކާ ތަފާތުކޮށެވެ. އެގޮތުން މާލެ ސަރަހައްދުގެ ބައެއް ބޭންޑުތަކުގައި 200 ޔުނިޓުގެ ރޭންޖެއް ހިމަނާފައިވާ އިރު ރަށްރަށަށް ކަނޑައަޅާފައިވަނީ މުޅިން ވެސް 100 ޔުނިޓްގެ ބޭންޑުތަކެވެ. ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ނަގަން ޖެހެނީ އެނާޖީ އޮތޯރިޓީން ފާސްކޮށްފައިވާ އަގުތަކެވެ. ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިން (ރަސްމީ އަގަށް ވުރެ ކުޑަކޮށް ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދޭ ކ. އަތޮޅުގެ ފަސް ރަށް ފިޔަވައި) ހ ު ރ ި ހ ާ ހ ި ސ ާ ބ ެ އ ް ގ ަ އ ި ބިލްކުރަމުންދަނީ ވެސް އެ އަގުތަކުގަ އެވެ. މާލެ އާއ ި އެހެން ރަށްރަށް : ގޭބިސީތައް ކަރަންޓު އެންމެ އަގުހެވީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށި ހިމެނޭ ސަރަހައްދު)ކަރަންޓުގެ އަގު މާލެ ސަރަހައްދާ އަޅާބަލާ އިރު އެހެން ރަށްރަށުގައި އެވްރެޖްކޮށް 61 ޕަސެންޓް ބޮޑުރަށްރަށުގައި ދިރިއުޅޭ އާއްމުން މާލޭގެ ވިޔަފާރިވެރިންނަށް ވުރެ ބޮޑު އަގެއް ކަރަންޓަށް ދައްކާއެންމެ ދަށް ބޭންޑުން (0-100 ޔުނިޓް) އެންމެ ބޮޑު އަގެއް ނަގަނީ ގއ. އަދި ގދ. (މަތި ދެކުނު) ސަރަހައްދުން: އެއީ އެހެން އަތޮޅުތަކާ އަޅާބަލާ އިރު ޔުނިޓަކަށް 5ލ. އިތުރަށް އަދި މާލެއާ އަޅާބަލާ އިރު 1.55ރ. އިތުރަށް. - ރާއްޖޭގެ ސަރަހައްދުތަކުގެ ތެރެއިން، އދ.ގެ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގެ އެންމެ ފުލުގައި އޮތީ ގއ. އާއި ގދ. އަދި އެ ސަރަހައްދުގެ 28 ޕަސެންޓް މީހުން ދިރިއުޅެނީ ފަގީރު ހާލަތުގައި ކަމަށް މިދިޔަ އަހަރުގެ ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓްގައިވޭ. އެހެންކަމުން އެންމެ މަދުން ކަރަންޓު ބޭނުންކުރާ (ނުވަތަ އެންމެ ފަގީރު) މީހުންގެ ތެރެއިން ކަރަންޓު ބިލު ދެއްކުމުގެ ބުރަ އެންމެ ބޮޑަށް އުފުލަންޖެހިފައި ވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ސަރަހައްދުގެ މީހުންނަށް. ގޭބިސީތަކުން ކަރަންޓަށް ނަގާ އަގުތައް: މުޅި ރާއްޖެ މާލެ އާއި އެހެން ރަށްރަށް: ވިޔަފާރިތައް މާލެއާ އަޅާބަލާ އިރު ރަށްރަށުގައި ވިޔަފާރި ކަރަންޓުގެ އަގު އެވްރެޖްކޮށް 68 ޕަސެންޓް ބޮޑުމާލެއާ އަޅާބަލާ އިރު އެންމެ ދެކުނުގެ (އައްޑޫ، ފުވައްމުލައް) ވިޔަފާރިވެރިން ޔުނިޓަކަށް އެވްރެޖްކޮށް ދައްކާ އަގު 86ލ. ބޮޑު. އެކަމަކު އެހެން އަތޮޅުތަކަށް ވުރެ އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިން ޔުނިޓަކަށް ދައްކާ ވަރު 1.625ރ. ކުޑަ. ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގުތައް: މުޅި ރާއްޖެ ވިޔަފާރި ކަރަންޓުގެ މައްސަލަ ފެނަކައިން ކަރަންޓު ފޯރުކޮށްދޭ 150 ރަށުގެ ވިޔަފާރިވެރިންނަށް، މިދިޔަ މަހުން ފެށިގެން، ކަރަންޓު ހަރަދު ވަނީ އަތްނުފޯރާ ފަށަށް އަރާފަ އެވެ. އެ ރަށްރަށުގެ ވިޔަފާރިތަކުގެ ބިލްތައް 75 ޕަސެންޓް، 100 ޕަސެންްޓް ނުވަތަ 125 ޕަސެންޓް ބޮޑުވެއްޖެ އެވެ. ފެނަކައިން ބުނެފައިވަނީ ރަށްރަށުގެ ވިޔަފާރިތަކުން ބޭނުންކުރާ 5،765 މީޓަރަށް އަގުބޮޑުކޮށް ބިލްކުރަން ފެށީ ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. އެނާޖީ އޮތޯރިޓީން ބުނާގޮތުގައި މިހާރު އަމަލުކުރަމުންދާ އަގުތައް 2009ގައި ކަނޑައެޅި އިރު، ކަރަންޓު ހަރަދު ސަރުކާރުން ވަނީ ސަބްސިޑައިޒްކޮށްފަ އެވެ. "އޭރު ޑީސަލް ލީޓަރެއްގެ އަގު ހުރީ 11 ރުފިޔާ އަށް ވުރެ ދަށުގައި. އޭރު ވެސް އާދައިގެ ކުޑަކުޑަ ރަށެއްގައި ކަރަންޓު ޔުނިޓެއް ޕްރޮޑިއުސްކުރަން ދާ ވަރަކީ، 5.50-6.00ރ. ވަރު. އެހެންވީމާ މި ގޮތަށް ބޭންޑްތަކަކާއި ކެޓެގެރީތަކެއް ހުރީމާ ޔުނިޓެއް ޕްރޮޑިއުސްކުރަންދާ ވަރު އެ ވަރުގައި ހުރި ނަމަވެސް ކޯސްޓް ސަބްސިޑައިޒް ކުރެވޭނެ. އެކަހަލަ ވިސްނުމެއްގައި އަޅުގަނޑުމެން ގަވަނިން ބޯޑުގެ ލަފާގެ މަތިން މި ޓެރިފް ފާސްކޮށްދީފައި މި އޮތީ،" އެނާޖީ އޮތޯރިޓީގެ ޑިރެކްޓަރު މުއާވިއަތު ޝަރީފް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ކަރަންޓު ހަރަދު ކުޑަކޮށްދިނުމަށް ސަރުކާރުން އަންނަނީ "ފިއުލް ސަބްސިޑީ" އަކާއި "ޔޫޒޭޖް ސަބްސިޑީ"އެއް ދެމުންނެވެ. ފިއުލް ސަބްސިޑީއަކީ ފިއުލް ސާޗާޖަށް (ތެޔޮ ލީޓަރަކުން ބޮޑުވާ ކޮންމެ 10 ލާރިއަކުން ތިން ލާރި ޔުނިޓަކަށް ނެގުމުގެ އިޚްތިޔާރު ކަރަންޓު ފޯރުކޮށްދޭ ފަރާތަށް އޮވޭ) ސަރުކާރުން ދައްކައިދޭ ބައެވެ. އަދި ޔޫޒޭޖް ސަބްސިޑީއަކީ، ކަރަންޓު ޔުނިޓެއް އުފައްދަން ހަރަދުވާ އަގާއި ބިލްކުރާ އަގުގެ ފަރަގު ހަމަޖައްސަން ސަރުކާރުން ލައިދޭ ފައިސާ އެވެ. މުއާވިއަތު ވިދާޅުވިގޮތުގައި ގޭބިސީތަކަށް ދޭ ގޮތަށް އޮންނަ އެ ދެ ސަބްސިޑީ، ރަށްރަށުގެ ވިޔަފާރިތަކަށް ވެސް މިހާތަނަށް އައީ ލިބެމުންނެވެ. އަދި މައްސަލަ ދިމާވީ ވިޔަފާރިތަކަށް މި ސަބްސިޑީތައް ދިނުން ހުއްޓާލި ހިސާބުންނެވެ. މިސާލަކަށް، ރަސްމީ ރޭޓަށް ބަލާ އިރު ހދ. ކުޅުދުއްފުށީގެ ވިޔަފާރިތަކުން 300 ޔުނިޓަށް ވުރެ މައްޗަށް ދައްކަން ޖެހެނީ ޔުނިޓަކަށް 7.50ރ. ކަމަށް ވިޔަސް މިހާތަނަށް ބިލް ހަދާފައިވަނީ 2.75ރ. ގެ ރޭޓުންނެވެ. އަދި ފުވައްމުލަކުގައި 300 ޔުނިޓަށް ވުރެ މައްޗަށް ދިޔުމުން 6.00ރ. ނަގާ ގޮތަށް އޮތަސް މިހާތަނަށް ނެގީ 3.50ރ. އެވެ. އެކަމަކު ފެނަކަ އިން މިހާރު ވަނީ ވިޔަފާރިތަކަށް ވެސް އެނާޖީ އޮތޯރިޓީގެ ރަސްމީ ރޭޓުން ބިލްކުރަން ފަށާފަ އެވެ. ރަށްރަށުގެ މީހުންގެ ސުވާލަކީ، މާލޭގެ ވިޔަފާރިވެރިންގެ އަތުން ނަގާ ވަރަށް ވުރެ މާ ބޮޑު އެއްޗެއް އެ މީހުންގެ އަތުން ނަގަނީ ކީއްވެގެން ހެއްޔެވެ؟ ތަކެތީގެ އަގުތައް އާއްމުންގެ އަތްފޯރާފަށުގައި ބެހެއްޓޭނީ ކަރަންޓުގެ އަގު "ކުޅަދާނަވާ މިންވަރެއްގައި" ބެހެއްޓުމުން ކަން އެ މީހުން ފާހަގަކުރެ އެވެ. އަދި ރަށްރަށުގައި ހުރީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް ކަމަށް ވާއިރު ގައުމުގެ އިގްތިސާދަށް މުހިއްމު އެ ވިޔަފާރިތައް ދަމަހައްޓައި ކުރިއަރުވަން ސަރުކާރުން އިނާޔަތެއް ނުދޭންވީ ކީއްވެގެންތޯ ސުވާލު ވެސް ކުރެ އެވެ. އެހެން ރަށްރަށަށުގައި ކަރަންޓު އަގުބޮޑީ ކީއްވެ؟ މާލެ އާއި އެހެން ރަށްރަށުގެ ތަފާތު އެ ރަށްރަށުގެ މީހުންނަށް ބަލައިނުގަނެވަސް އެ ތަފާތު ގެންގުޅެން ޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށް އެނާޖީ އޮތޯރިޓީން ބުނެ އެވެ. އެގޮތުން މުއާވިއަތު މައިގަނޑުގޮތެއްގައި ފާހަގަކުރެއްވީ ރަށްރަށުގައި މާލެ އަށް ވުރެ އާބާދީ ކުޑަވުމާއި ކަރަންޓު އުފައްދަން ހިނގާ ހަރަދު ބޮޑުވުމާއި ކަރަންޓުގެ އިންފްރާސްޓްރަކްޗާ ކުރިންސުރެ ގާއިމްކޮށްފައިވާ ގޮތެވެ. މުއާވިއަތު ވިދާޅުވީ މާލެއާ އަޅާބަލާ އިރު ރަށްރަށުގައި ޑިމާންޑް ކުޑަވުމަކީ ގޮންޖެހުމެއް ކަމަށެވެ. އޭގެ ސަބަބުން، ކަރަންޓު ޔުނިޓެއް އުފައްދަން ހިނގާ ހަރަދު ރަށްރަށުގައި މާ ބޮޑު ކަމަށާއި ބައެއް ހިސާބުތަކުގައި އެ އަދަދު، މާލެއާ އަޅާބަލާ އިރު، ދެގުނަ މަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިސާލަކަށް ޖެނެރޭޓަރު އެންމެ އެފިޝެންޓްކޮށް ހުންނާނީ 75-80 ޕަސެންޓުގައި އޭގެ އިންޓެންޑެޑް ލޯޑު ނަގާއިރު. އެހެން ނޫނީ އިންއެފިޝެންޓް ވާނެ. އެހެންވީމާ އޭގެ މާނައަކީ ގިނަ ތެލުންނޭ މަދު ޔުނިޓް އުފެއްދޭނީ. އެފިޝެންޓް ވެއްޖެ ކަމަށް ވަންޏާ މަދު ތެލުން ގިނަ ޔުނިޓް އުފެއްދޭނޭ. އެ ގޮތަށް އެ އެޑްވާންޓޭޖު ވެސް މާލޭގައި އޮވޭ. ލޯޑް ވޭރިއޭޝަން ވަރަށް ބޮޑަށް ތަފާތުވޭ. އެކަން ބިނާވަނީ ޑިމާންޑަށް،" ރަށްރަށުގައި އަގުބޮޑުވާން ދިމާވާ އެއް ސަބަބު މުއާވިއަތު ފާހަގަކުރެއްވި އެވެ. މިފަދަ ޓެކްނިކަލް ކަންތައްތަކެއް ހުއްޓަސް، ބައެއް މީހުންނަށް މިއީ ހަމައެކަނި ބަހަނާތަކެކެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަރަންޓު ލިބެން ޖެހޭނީ މާލެއާ އެއް އަގެއްގައި ކަމަށް ގަބޫލުކުރާތީ އެވެ. ގާނޫނުއަސާސީގެ ދެވަނަ ބާބުގައި، 23 ވަނަ މާއްދާ އިން ލިބިދޭ އިގުތިސާދީ އަދި އިޖުތިމާއީ ހައްގުތަކުގެ ތެރޭގައި، ކަރަންޓުގެ ހިދުމަތް ހިމެނެ އެވެ. އަދި އެ ބާބުގައިވާ ހައްގުތައް "އެއްވެސް ގޮތަކުން ތަފާތު ކުރުމެއް ނެތި"، އުފަން ރަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ނުބަލައި، ފޯރުކޮށްދޭންވާނެ ކަމަށް ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ހ. ގައި ބުނެފައިވެ އެވެ. އެއާ ޖެހިގެން 18 ވަނަ މާއްދާގައިވާ ގޮތުން އެ ހައްގުތައް "ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ." ތަރައްގީގެ ސިޔާސަތުތައް އެންމެ ކުރިންސުރެ ތަންފީޒުކޮށްފައިވާ ގޮތުންނާއި އާބާދީ ގިނަ ރަށްތަކަކަށް ބެހިފައި އޮތުމުން، މާލެ އާއި ރަށްރަށުގެ ފަރަގު އެހާ ފަސޭހަ އިން ނައްތާލެވިދާނެތޯ ސުވާލު އުފެދެ އެވެ. އެކަމަކު މާލެ ނޫން ރަށްރަށުގެ މީހުން ދެކޭގޮތުގައި އެކަމުގައި އުޒުރ ު ތ ަ ކ ެ އ ް ނ ު ދ ެ އ ް ކ ޭ ނ ެ އ ެ ވ ެ . ކަރަންޓުގެ މައްސަލައިގައި ވެސް އެ މީހުން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ މާލެއަށް ވުރެ ބޮޑެތި އަގުތަކެއް ދައްކަން ޖެހުމެވެ. އަމުދުން ގާނޫނުއަސާސީގައި ހަމަހަމަކަން ކަށަވަރުކޮށްދީފައި ވަނިކޮށް މިފަދަ ތަފާތެއް ގެންގުޅެގެން ވާނެ ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ