އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގެ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް: ވަކީލް އަލީ ހުސައިން

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދައުވާ ބިނާކުރައްވާފައިވާ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށާއި ސައްހަ ތަހުގީގެއް ކުރުމަށް ފަހު ނޫނީ މައްސަލަ ނުބެލޭނެކަމަށް އެމްއެންޑީއެފް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޖަލީލުގެ ވަކީލު ހުޅުމާލެ ކޯޓާއި ގުޅޭ ގޮތުން ފާހަގަކުރެއްވި އިޖުރާއީ ދެ ނުކުތާއަށްފަހު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރުން ނިންމެވުމާ ގުޅިގެން އަލީ ހުސައިން ވަނީ މިމައްސަލަ ތަހުގީގު ކޮށްފައިވާ ގޮތާގުޅޭ އިޖުރާއީ ދެ ނުކުތާ ނަންގަވާފައެވެ.
ގާނޫނީވަކީލު އަލީ ހުސައިން ވިދާޅުވީ ޕީޖީގެ އޮފީހުން ޖިނާއީ ދައުވާ އުފުލާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީމް) އާއި ފުލުހުންގެ ކޮށްފައިވާ ތަހުގީގަށް ބިނާކޮށްކަމަށެވެ.
ޖިނާއީ ތަހުގީގުގެ ފުރަތަމަ މަރުހަލާއަކީ ފުލުހުން ކުރަންޖެހޭ ތަހުގީގެއް ކަމަށާއި އެޗްއާރްސީއެމްއަށް ޖިނާއީ އެއްވެސް ތަހުގީގެއް ހިންގުމުގެ ބާރު އެޗްއާރްސީއެމްގެ ގާނޫނުން އެކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ. އެކޮމިޝަނަށް ހިންގޭނީ އިންސާނީ ހައްތުތަކާ ގުޅޭ ތަހުގީގެއް ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ތަހުގީގާގުޅޭ ދެވަނަ އިޖުރާއީ ނުކުތާއާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ އެޗްއާރްސީއެމްގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވަނީ މައްސަލައެއް ތަހުގީގު ކުރަންވާނީ އެކޮމިޝަނުންގެ މެމްބަރުން ނުވަތަ އެކޮމިޝަންގެ މެމްބަރެއް ހިމެނޭގޮތަށް ކަމަށާއި ނަމަވެސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ބަޔާންތަކުގައި އެކޮމިޝަންގެ މެމްބަރުން ނުވަތަ މެމްބަރެއް ބައިވެރި ނުވެ ކޮށްފައިވާ ތަހުގީގީ ބަޔާންތަކާއި ލިޔެކިޔުންތައް އެބަހުރިކަމަށެވެ.
އަލީ ހުސައިން އެގޮތަށް ވިދާޅުވުމުން ދައުލަތުގެ ގާނޫނީވަކީލު ވިދާޅުވީ ތަހުގީގުގައި ކޮމިޝަނުގެ ބައިވެރިވުމެއް ނެތްކަމަށް ތިޔަ ދައްކަވާ ވާހަކަ ސާފުކޮށްދިނުމަށެވެ.
ދައުލަތުގެ ވަކީލަށް ރައްދުދެއްވަމުން އަލީ ހުސައިން ވިދާޅުވީ އެޗްއާރްސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށް ކަމަށް އެޗްއާރްސީއެމްގެ ގާނޫނުގައިވާ ކަމަށާއި އަދި އެކޮމިޝަނަށް ހުށަހެޅޭ ނުވަތަ އެކޮމިޝަނުން އަމިއްލައަށް ބަލާ މައްސަލަތަކުގައިވެސް އެމައްސަލައެއް ތަހުގީގު ކުރަންވާނީ އެކޮމިޝަނުގެ މެމްބަރުން ނުވަތަ އެކޮމިޝަނުގެ މެމްބަރެއްގެ ބައިވެރިވުމާއެކު ކަމަށް އެޗްއާރްސީއެމްގެ ގާނޫނުގައި ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ދައުލަތުން މިމައްސަލާގައި ހުށަހަޅާފައިވާ ބަޔާންތަކާއި ތަހުގީގު ރިޕޯޓްތަކަށް ބަލާލާއިރު ބައެއް ތަހުގީގުތައް އެކޮމިޝަނުގެ މުވައްޒަފުން ބޭނުންކޮށްގެން އެޗްއާރްސީއެމްގެ އެއްވެސް މެމްބަރެއް ނުހިމެނޭ ގޮތަށް ތަހުގީގު ހިންގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން އެބަހުރިކަމަށެވެ.
ނަމަވެސް އެޗްއާރްސީއެމްގެ ތަހުގީގެއް އެތަނުން އެހެންބަޔަކަށް ހަވާލުނުކުރެވޭނެ ކަމަށާއި ގާނޫނުންވެސް އެޖާގަ ނުދޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ކޮމިޝަންގެ މުވައްޒަފުންނަކީ ކޮމިޝަންގެ މެމްބަރުން ނޫންކަމަށާއި އެއީ އެތަނުގެ މުވައްޒަފުން ކަމަށާއި އެޗްއާރްސީއެމްގައި ތިއްބާވާނީ ފަސް މެމްބަރުންކަމަށްވެސް ގާނޫނީވަކީލު އަލީ ހުސައިން ތަކުރާރުކޮށް ވިދާޅުވިއެވެ.
އަލީ ހުސައިންގެ އިޖުރާއީ އެނުކުތާއަށް ޕީޖީން އެކަށީގެންވާ ޖަވާބެއް ދެވިފައި ނުވެއެވެ. އެހެންކަމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އިޖުރާއީ ދެ ނުކުތާއަށް ގޮތެއް ނިންމަވާނެ ކަމަށާއި މިއަދުގެ ޝަރީއަތް ކުރިއައް ގެންދެވޭނެ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ދައުވާ ރައްދުވާ ފަރާތުން އިޖުރާއީ ނުކުތާތަކެއް ނަންގަވާއިރު އެއަށް ވަކިގޮތެއް ނުނިންމާ ޝަރީއަތް ކުރިއަތް ގެންދަވާތީ ވަރަށް ހިތާމަ ކުރައްވާކަމަށާއި ނަމަވެސް ފަނޑިޔާރު އެދިލެއްވުމުގެ މަތީން ޖަވާބުދާރީ ވާނެ ކަމަށެވެ.
ދައުވާއަށް ޖަވާބު ދާރީވަމުން އަލީ ހުސައިން ވިދާޅުވީ އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަނެއްގައި ފަރުދީ ގޮތުން އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އެމްއެންޑީއެފްގެ މަގާމުތަކާއި ޒިންމާތައް އެކުލެވިގެންވާ ސްޓްރަކްޗަރ މިޝަރީއަތުގެ މަޖިލީހަށް ލިބުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އެހެންކަމުން ކޯޓު މެދުވެރިކޮށް އެމްއެންޑީއެފްގެ ސްރަކްޗަރ ލިބޭނެގޮތް ހައްދަވާދެއްވުން އެދޭކަމަށެވެ. އޭގެ އިތުރަށް މިމައްސަލަ ކުރިއަށް ގެންދުމަށާއި މޫސާ އަލީ ޖަލީލު އަށް ޖަވާބު ދާރީވުމަށް ފަސޭހަވާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ