އަލީ ހަމީދުގެ މައްސަލަ ނިންމި ގޮތުން ޝަރުއީ ދާއިރާގެ އިތުބާރު ވަނީ ގެއްލިފައި: މެމްބަރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ކަސްބީ އަންހެނުންތަކަކާ އެކު ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބަލައި ނިންމި ގޮތުން، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިފައިވާ ކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން މި މޭރުމުން ވާހަކަ ދެއްކެވީ އަލީ ހަމީދުގެ މައްޗަށް ކުރެވުނު އެ ތުހުމަތާ ގުޅިގެން އޭނާގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމާފައިވާތީ، އެކަމާ މެދު މަޖިލީހުން ދެކޭ ގޮތް ބެލުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރާ ބެހޭ ގޮތުން ކުރި ބަހުސްގަ އެވެ. އިމްތިޔާޒް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވާ ގޮތުގައި "އަލީ ހަމީދުގެ މައްސަލަ ޖޭއެސްސީން ނިންމި ގޮތުން ގާއިމުކުރެވިގެން އެ ދިޔަ މިންގަނޑަކީ ކަސްބީ އަންހެނުންނާ އެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގުމުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވީ ނަމަވެސް އަދި އެކަން ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވީ ނަމަވެސް އަދި އެކަމަކީ ހަގީގަތެއް ކަމުގައި އެންމެހައި ރައްޔިތުން ގަބޫލުކޮށްގެން ތިބިކަމުގައިވީ ނަމަވެސް، އެއީ އެއްވެސް މައްސަލައެއް ނޫން ކަމުގެ މިންގަނޑު ކަމާއި، އެހެންކަމުން މި ރާއްޖޭގެ ޖުޑީޝަރީ މީގެ ފަހުން ބިނާވެގެން ވާނީ އެ މިންގަނޑުގެ މައްޗަށް" ކަމަށެވެ. މި ގަރާރު ހުށަހެޅުއްވުމަށް ފަހު ކުރި ބަހުސްގައި އިމްތިޔާޒް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ އެންމެ ގިނަ މީހުންނަށް އިހްސާސްވާ ކަމަކީ އަދުލު އިންސާފު ނުލިބޭ ކަމެވެ. ނަމަވެސް އެކަން ދިމާވަނީ ކީއްވެކަން ގިނަ މީހުންނަށް ނޭނގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން އެހެން ވަނީ ފަނޑިޔާރުގޭގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމުގެ މައްޗަށް ބައެއް ފަނޑިޔާރުން އަރައިގެންފައިވާތީ އެވެ. އިންސާފު ހޯދުމަށް ދާ ރައްޔިތުންނަށް ލިބިދޭންޖެހޭ އިތުބާރު ގާއިމުކޮށްދިނުމުގެ ބަދަލުގައި ފަނޑިޔާރުން އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކުރާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ދައުވަތު ދީގެން އަންނަ ޝަރުއީ ދާއިރާގެ ފަންނީ ތަޖުރިބާކާރުން ވެސް ދައްކަނީ މި ރާއްޖޭގެ ޖުޑިޝަރީގެ މައްސަލަތަކުގެ ވާހަކަ އެވެ. އަދި ސުޕްރިމް ކޯޓު ބައްދަލުވާ ކޮންމެ ދުވަހަކީ ގާނޫނު އަސާސީ އަށް ނުރައްކާކުރާ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީދޫ ދާއިރާގެ ރޮޒައިނާ އާދަމް ވިދާޅުވީ ކަސްބީ އަންހެނުންތަކަކާ އެކު އަލީ ހަމީދު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުނު އިރު، އެ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދު ނޫން ކަން ސާބިތުނުކުރެވޭހާ ހިނދަކު އަލީ ހަމީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި އިނދެވިގެން ނުވާނެ ކަމަށެވެ. މި ރާއްޖެ ނޫން އެހެން ތަނެއްގައި ނަމަ އެފަދަ ތުހުމަތުކުރެވިފައިވާ މީހަކު ފަނޑިޔާރުންގެ ބެންޗުގައި ބައިންދައިގެން އުއްތަމަ ފަނޑިޔާރު ނުހުންނަވާނެ ކަމަށާއި އަލީ ހަމީދަކީ ފަނޑިޔާރެކޭ ބުނީމާ ލަދުގަންނަ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި އެބަ ތިއްބެވި ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. އަދި އުއްތަމަ ފަނޑިޔާރު އިންނެވި ބެންޗު އޮތީ ތަޣައްޔަރުވެފައި ކަމަށާއި އެ ބެންޗު ސާފުކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރުގެ ކިބައިން ރޮޒައިނާ އެދިވަޑައިގަތެވެ. މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓު ހިންގާތީ ދެރަވާ ކަމަށާއި އެންމެ ބޮޑު މައްސަލައަކީ ސުޕްރީމް ކޯޓު ސިޔާސީ ވެފައި އޮތުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ޖޭއެސްސީ އަކީ އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރާ ބައެއް ނޫން ކަމަށާއި ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ އެންމެ އިސް ވެރިން އަންގަވާ ގޮތަކަށް ކަން ކުރުމަށް ތިބޭ ބައެއް ކަމަށެވެ. "]ގާނޫނު އަސާސީގެ[ 149 ވަނަ މާއްދާގައި ބުނަނީ ކީކޭތޯ؟ އަޚުލާގު ސާބިތުވާ ވާހަކައެއް ނޫން، ރަނގަޅު މީހުންނަށް ވާންވާނެޔޭ. ރަޝިޔާގެ ކަސްބީ ހަށިވިއްކާ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގާ ފަނޑިޔާރުން ކިހިނެއްތޯ އަޚުލާގު ރަނގަޅު ބަޔަކަށް ވާނީ. އެކަމަކު އެއީ ހަމަ ކުރަން އެކަށީގެންވާ ކަމެކޭ މިއަދު އަޅުގަނޑުމެންގެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނަނީ. އަޅުގަނޑު ލަދުގަނޭ އިއްޒަތްތެރި މަނިކުފާނު އަޅުގަނޑުމެންގެ ރައީސަކީ ވެސް އެ ކޮމިޝަންގެ މެންބަރަކަށްވާތީ،" ޝަރީފް ވިދާޅުވި އެވެ. މި މައްސަލައިގައި ބަހުސްކުރުމަށް ދެ ގަޑިއިރުގެ ވަގުތެއް ކަނޑައެޅި ނަމަވެސް ވަގުތު ހަމަނުވަނީސް ހުއްޓާލީ ބަހުސްކުރާނެ އިތުރު މެމްބަރުން ނެތިގެންނެވެ. މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރު ކެންދޫ ދާއިރާގެ އަލީ ހުސައިން ވެސް މި މައްސަލައިގައި ބަހުސްކުރެއްވި އެވެ. އޭނާ ވެސް ވާހަކަ ދެއްކެވީ މި މައްސަލައާ ދެކޮޅަށެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ މެމްބަރު ވެސް މި މައްސަލައިގައި ވާހަކައެއް ނުދައްކަވަ އެވެ. މިއާ ހިލާފަށް ޕީޕީއެމްގެ ފަރާތުން މި މައްސަލައިގައި ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރު، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު، އޭނާގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މި މައްސަލައަކީ ކަމާ ބެހޭ އިދާރާއިން ބަލައި ނިންމާފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ދެން އިތުރަށް ބަލަން ނުޖެހޭނެ ގޮތަށެވެ. "ކޮންމެ ކަމެއްގައި ވެސް އޮންނަ ގާނޫނީ ހަމައަކީ، އެކަމެއް ބައްލަވަންޖެހޭ ނުވަތަ އެކަމެއް މަތިކުރައްވާފައިވާ ފަރާތުން އެކަމެއް ބައްލަވާ ނިމުނީމާ އެ ތަހުގީގެއްގެ މައްްޗަށް ރިއާޔަތްކުރުމޭ. އެ ތަހުގީގުގެ މައްޗަށް ރިއާޔަތްކޮށް ބަލާ ބެލުމަށް އަޅުގަނޑުމެންނަށް ފެންނަން މި އޮތީ އެ ވިދާޅުވާ ފަނޑިޔާރުގެ އެފަދަ ބާވަތުގެ ކަމެއް ނެތް ކަމަށް،" ވަހީދު ވިދާޅުވި އެވެ. މި މައްސަލައިގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ، މި މައްސަލަ ބެއްލެވި ޖޭއެސްސީގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ހުށަހަޅުއްވައިފަ އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ބައެއް މެންބަރުން ތާއީދުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ