މަނަދޫގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ހުޅުވާލައިފި

ނ. މަނަދޫގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން މަނަދޫ ކައުންސިލް އިދާރާ އިން ހުޅުވާލައިފި އެވެ. މަނަދޫގައި ސިޓީ ހޮޓަލެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން މަނަދޫ ކައުންސިލް އިދާރާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އޮތް 13،200 އަކަފޫޓުގެ ބިމަކީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވައި އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން އެ ބިމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ބިމެއް ކަމަށެވެ. އަދި މި ބިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ޓޫރިޒަމް ގާނޫނުގެ ދަށުން 50 އަހަރަށް ކަމަށެވެ. މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އެ ރަށުގެ ތުނޑީގައި ހަދާ ސިޓީ ހޮޓަލުގައި ހުންނާނީ ކިތައް ކޮޓަރިތޯ ނިންމާނީ އެތަން ތަރައްގީކުރާ ފަރާތަކުން ކަމަށެވެ. "މިރަށް ވަށައިގެން ވެސް ދެ ރިސޯޓް ވަރު އެބައޮތް. އަދި ރަށަށް ވެސް ކޮންމެވެސް ވަރަކަށް ޓޫރިސްޓުން އާދޭ. އެހެންވެ އުންމީދެއް އެބައޮތް މިތަނަށް ވެސް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް،" ނަސީރު ވިދާޅުވި އެވެ. މަނަދޫ ކައުންސިލުން ބުނީ ސިޓީ ހޮޓާ ހަދަން އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 21ގެ ކުރިން ކަމަށެވެ. ނަސީރު ވިދާޅުވީ ސިޓީ ހޮޓަލެއް ތަރައްގީކުރަން ހުޅުވާލާފައިވާއިރު، ކުރިންވެސް ބައެއް ފަރާތްތަކުން އެކަމަށް ޝައުގުވެރިވެފައިވާ ކަމަށެވެ. "ބޭރުގެ ބައެއް ފަރާތްތަކުން ވެސް އެތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. އަދި މިހާތަނަށް އެއް ފަރާތުން ވަނީ ބީލަން ހުށަހަޅާފައި. ނަމަވެސް އެއީ ދިވެހި ބައެއް،" ނަސީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ