ނިއުގެ އަމާޒަކީ އޭއެފްސީ ކަޕުން ޖާގަ ހޯދާ ފުރަތަމަ ޓީމަށް ވުން: ސޮބާ

ނިއު ރޭޑިއަންޓުގެ އަމާޒަކީ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ކާމިޔާބުކޮށް އަދި އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާ ރާއްޖޭގެ ފުރަތަމަ ޓީމަށް ވުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާާ) ބުނެފި އެވެ. މުބާރާތުގެ ސެމީ ފައިނަލުގައިި މިއަދު އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން "ހަވީރަ" ށް ވާހަކަ ދައްކަމުން ސޮބާ ބުނީ އީގަލްސް އަކީ ދެރަ ޓީމެއް ކަމަށް ނުދެކޭނެ ކަމަށާއި މެޗަށް ނުކުންނާނީ އެޓީމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދީގެން ކަމަށެވެ. "އީގަލްސް އަކީ ދެރަ ޓީމެއް ކަމަށް ނުދެކެން. އެ ޓީމަކީ ލީގަށް ވެސް ވާދަކުރާ ޓީމެއް. ގްރޫޕް ސްޓޭޖުގައި މާޒިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި އީގަލްސް އިން ވަނީ 1-1 އިން އެއްވަރު ކޮށްފަ. ކުރިން ވެސް ފާހަގަ ކުރިން ސެމީގައި ވަކި ޓީމަކާ ޖެހިގެން ރަނގަޅެއް ވާން ނެތް ކަން. ތަށި ބޭނުމިއްޔާ އެބަޖެހޭ ވަރުގަދަ ޓީމުތައް ބަލިކުރަން،" ސޮބާ ބުންޏެވެ. މިިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުގައި އީގަލްސްއާ ވާދަކޮށް ނިއު ކުރި ހޯދީ 1-0 އިންނެވެ. ސޮބާ ބުނީ އޭރާ އަޅާބަލާއިރު މިހާރު މި ދެ ޓީމު ތަފާތު ކަމަށެވެ. "ލީގުގައި ވެސް އީގަލްސްއާ ކުޅެފިން 1-1 އިން އެއްވަރުވީ. މިދިޔަ އަހަރާ އަޅާކިޔާއިރު މިހާރު މި ދެ ޓީމުގައި ތިބީ ތަފާތު ކުޅުންތެރިންތަކެއް. ބުނެވޭނީ މިއަދުގެ މެޗުގައި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް،" ސޮބާ ބުންޏެވެ. އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށާއި މި މެޗަށް ނުކުންނާނީ އެކަން ދަނެގެން ކަމަށް ސޮބާ ބުންޏެވެ. "ސާންތީ އަކީ މޮޅު ކޯޗެއް. ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސް އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުން. މި މެޗަށް ނުކުންނާނީ އެކަން ދަނެގެން. ސާންތީ އަށް ދޭން ޖެހޭ އިހުތިރާމް ނިއު އިން ދޭނެ،" އޭނާ ބުންޏެވެ. ހިތަދޫ ޒޯން ސްޓޭޑިއަމް އަކީ ވިނަގަނޑު މަޑު ދަނޑެއް ކަމަށާއި އެހެން ވުމުން ކުޅުންތެރިން ވަރުބަލި ވުން އަވަސް ކަމަށް ސޮބާ ބުންޏެވެ. ނިއު މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅުނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. އީގަލްސް ކުޅުނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. ސެމީ ފައިނަލު އައްޑޫގައި ކުޅުމަކީ އީގަލްސް އަށް އޮތް އެޑްވާންޓޭޖެއް ކަމަށް ސޮބާ ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ދަނޑުގެ އެޑްވާންޓޭްޖް އީގަލްސް އަށް އެބައޮތް. ނިއު އަށް ވުރެ އީގަލްސް މި ދަނޑަށް ފަރިތަވާނެ. އެއީ އެ މީހުން މި ދަނޑުގައި ތިން މެޗު ކުޅެފި. ނިއު އަށް މެޗެއް ނުކުޅެވޭ މި ދަނޑަކު އަދި. އެހެންކަމުން ދަނޑަށް ހޭނުމުގައި ނިއު އަށް ދަތިތަކެއް އެބަހުރި،" އޭނާ ބުންޏެވެ. އީގަލްސްއާ ދެކޮޅަށް ނިއު މިއަދު ނުކުންނައިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ހުރީ ސަސްޕެންޝަންގަ އެވެ. އަދި އަނިޔާގެ ސަބަބުން ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) މިއަދުގެ މެޗުން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސޮބާ ބުންޏެވެެ. މިދިޔަ އަހަރު މުބާރާތުގެ ތަށި މިލްކުކޮށް، ވިކްޓަރީގެ ރެކޯޑާ ނިއު އެއްވަރުކުރިއިރު މިހާތަނަށް މުބާރާތް ޖެހިޖެހިގެން ހަތަރު ފަހަރު ހޯދުމުގެ ޝަރަފް އޮތީ ވެސް ވިކްޓަރީގެ އަތުގަ އެވެ. ވިކްޓަރީން 2003 ވަނަ އަހަރު އެ ކާމިޔާބީ ހޯދިއިރު ސޮބާ އަކީ އެ ޓީމުގެ ޑިފެންޑަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ