ގަމުގައި މަގު ހެދި ފައިސާ ދޫނުކުރަން އޭސީސީން އަންގައިފި

ލ. ގަމުގައި މޯވޭ ކޮންސްޓްރަކްޝަނުން ހެދި ކަމަށް ބުނާ އެކްސަސް ރޯޑު މަސައްކަތަށް ހުށަހަޅާފައިވާ 992،000 ޑޮލަރު (15 މިލިއަން ރުފިޔާ) ދޭން ޖެހޭ ފައިސާއެއް ނޫން ކަމަށާއި އެ ފައިސާ ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ. އޭސީސީން ބުނެފައިވާ ގޮތުގައި ގަމުގައި އެ ކުންފުނިން ހެދި ކަމަށް ބުނާ މަގަކީ ހަވާލުކުރި މަސައްކަތުގެ ތެރޭގައި ހިމެނޭ ވެސް ކަމެއް ނޫނެވެ. އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރި ތަހުގީގުން އެނގުނީ ނޮވެމްބަރު ،20 2005 ގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ އެ މަސައްކަތްކުރި ފަރާތާ ދެމެދު ކުރި އެއްބަސްވުމާ އެ މަސައްކަތްކުރި ފަރާތުން ހިލާފުވެފައިވާތީ އެގްރިމަންޓް ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ލިބުނު ގެއްލުމުގެ ބަދަލަށް އެއްބަސްވުމުގެ އެކިއެކި މާއްދާތަކުން ޖުމްލަ 2.2 މިލިއަން ޑޮލަރު ( 33.9 މިލިއަން ރުފިޔާ) މަސައްކަތްކުރި ފަރާތުން ދޭން ޖެހޭ ކަމަށް ކުރީގެ މަދަނީ ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އޭސީސީން ބުނީ އެ ކޯޓުން ނޮވެމްބަރު ،8 2007 ގައި ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ހައި ކޯޓުން ނިންމާފައި ނުވާތީ އެ އެއްބަސްވުމުގެ ދަށުން ދައުލަތުން އެ މަސައްކަތްކުރި ފަރާތަށް އެއްވެސް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ކޮންޓްރެކްޓް ވޭރިއޭޝަނެއްގެ ގޮތުގައި އެ މަގުގެ ފައިސާ ހޯދުމާ ބެހޭ ގޮތުން އެ މަސައްކަތްކުރި ކުންފުނީގެ ފަރާތުން ކުރީގެ ހައުސިން އިންފްރާސްޓްރަކްޗާ ރީ ޑިވެލޮޕްމަންޓް ޔުނިޓް (ހިރު) އަށް ހުށަހަޅައި އެތައް ފަހަރެއްގެ މަތިން މަޝްވަރާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އަދި ހިރުގެ ފަރާތުން އަދި އެ މަސައްކަތަށް އެހީ ދިން ފްރެންޗް ރެޑްކްރޮސް އިން ވެސް އެ މަސައްކަތް ގަބޫލްކޮށްފައިވާކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެފައިވެ އެވެ. އެ ކޮމިޝަނުން ބުނީ މަގުގެ މަސައްކަތަށް ހޯދަން ހުށަހެޅި 992،000 ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕޭމަންޓް ވައުޗަރުން އެދިފައިވާ ފައިސާ ދޫނުކުރުމަށް އިއްޔެ ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ