ސުޕްރީމް ކޯޓް އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިދޭނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ސުޕްރީމް ކޯޓަކީ ޝަރުއީ ދާއިރާގެ އެންމެ މަތީ ފަރާތް ކަމަށްވާއިރު ސުޕްރީމް ކޯޓުގެ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަކީ ރައީސް އަބްދުﷲ ޔާމީން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ސުޕްރީމް ކޯޓަށް ބިމެއް ހަމަޖެއްސުމަށްޓަކައި ރައީސް އޮފީހާއި ސުޕްރީމް ކޯޓާއި ދެމެދު މަޝްވަރާ ހިނގަމުން އެބަދޭ. މިމަޝްވަރާތައް ރައީސް ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް އަދި އެހެން މުއައްސަސާއަކަށް ވެސް ބިމެއް ހަމަޖައްސަން ޖެހޭނަމަ އެކަމެއް ކުރުން މިހާރު ލަސްވަމުންދަނީ މާލޭގެ ބިންތައް ތަރައްގީކުރުމުގެ ޕްލޭނެއް ސަރުކާރުން އެކުލަވާލަމުންދާތީ ކަމުގަ އެވެ. ނަމަވެސް މާލޭގެ މިޕްލޭންގެ މަސައްކަތް ނިމުމާއެކު ސުޕްރީމް ކޯޓަށް ބިމެއް ހަމަޖެއްސުމުގައި ގޮތްތަކެއް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް މުއާޒު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓް މިހާރު ހިނގަމުންދަނީ ރައީސް މައުމޫންގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރެއްވި ތީމުގޭގަ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ދާދިފަހުން ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓަށް ބިމެއް ހަމަޖައްސާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓް މިހާރު ހިންގަމުންދާ ތީމުގެ އަކީ ރިޔާސީ ގަނޑުވަރެއް ކަމަށްވެފައި އެތަނަކީ ތާރީހީ މުހިއްމު ބިނާއެއް ކަމަށްވާތީ އެތަނުގައި ސުޕްރީމް ކޯޓް ހިންގަނީ އެއިމާރާތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގަ އެވެ. އަދި އެތަނުގައި ސުޕްރީމް ކޯޓުގެ އިތުރުން ޝަރުއީ ދާއިރާގެ އެހެން މުއައްސަސާތައް ވެސް ހިންގަމުންދާތީ ސުޕްރީމް ކޯޓަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވި އެވެ. ސުޕްރީމް ކޯޓް އެޅުމަށް އަދި ވަކި ބިމެއް ހަމަޖެހިފައި ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ބަޖެޓް ހިމަނާނެ ކަމުގައި ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓް އެޅުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހިންގި ބިން، ހ. ބުލޫހެވަން ވަނީ ސުޕްރީމް ކޯޓާއި ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެބިމުގައި ފްލެޓް އެޅުމަށް ދާދިފަހުން އެ ބިން ވަނީ އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ސުޕްރީމް ކޯޓް އަޅަން ބިމެއް ހަމަޖައްސައިދޭނަން: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ