ސްކޫލް ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ހަތަރު ކުއްޖަކު ޖަމާލުއްދީނުން ގެޔަށް ފޮނުވާލައިފި

ޖަމާލުއްދީން ސްކޫލް ލިސްޓުގައި ނަން ނެތް ކަމަށް ބުނެ އެ ސްކޫލަށް ކިޔަވަންދިޔަ ގްރޭޑް އެކެއްގެ ހަތަރު ދަރިވަރަކު އަނބުރާ ގެއަށް ފޮނުވާލައިފި އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލް ލިސްޓުގައި ނެތްކަމަށް ބުނެ ތިން ކުއްޖަކު މިދިޔަ އާދިއްތަ ދުވަހު ގެޔަށް ފޮނުވާލާފައިވާއިރު އަނެއް ކުއްޖާ ގެޔަށް ފޮނުވާލާފައިވަނީ އިއްޔެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެތަނުން ކުއްޖެއްގެ ބެލެނިވެރިޔަކު މިއަދު ބުނީ، އޭނާގެ ދަރިފުޅު ސްކޫލަށް ފޮނުވީ ޖާގަ އޮތްކަމަށް ސްކޫލުން ބުނެފައި އޮތުމުން ކަމަށެވެ.
"ޖާގަ ލިބުނުކަމަށް ބުނެފަ އޮތީމަ ސްކޫލަށް ފޮނުވީ. ގެއަށް އައިސް އިރުކޮޅެއް ނުވެ ބުނެފި ދަރިފުޅު ސްކޫލު ލިސްޓުގައި ނެތް ވާހަކަ. ދެން ހަދާނެ ގޮތެއް ނެތް. ވައްދާނެ ސްކޫލެއްވެސް ނެތް. އެޑިއުކޭޝަނަކުންވެސް ޖަމާލުއްދީން ސްކޫލަކުންވެސް ނުބުނޭ ލިސްޓުން އުނި ކުރިވާހަކައެއް. ސްކޫލުތައް ހުޅުވުނީމަ މިހެން ހެދީމަ ވަރަށް ދެރަ." އާދިއްތަ ދުވަހު ގެއަށް ފޮނުވާލި ތިން ކުދިންގެ ތެރެއިން ކުއްޖެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
އޭނާ ބުނީ ގެއަށް ފޮނުވާލި ހުރިހާ ދަރިވަރުންގެ ބެލެނިވެރިންވެސް ތިބީ ވަރަށް ރުޅިއަސްފައި ކަމަށާއި އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅުމަށް ބެލެނިވެރިން ނިންމާފައިވަ ކަމަށެވެ.
އިއްޔެ ޖަމާލުއްދީނުން ގެޔަށް ފޮނުވާލި ކުއްޖާގެ ބެލެނިވެރިޔާ ހަސަން ސައީދު މިއަދު ބުނީ، އޭނާގެ ދަރިފުޅު ދެ ދުވަހު ސްކޫލަށް ފޮނުވި ކަމަށާއި ނަމަވެސް ތިންވަނަ އަށްވީ ދުވަހު، ސްކޫލުން ގުޅާފައި ދަރިފުޅު ބަލައި އައުމަށް އޭނާ ގާތު ބުނި ކަމަށެވެ.
"އަޅުގަނޑު ދަރިފުޅު ދެދުވަހު ސްކޫލަށް ފޮނުވިން. ތިންވަނަ ދުވަހު ބުނީ ދަރިފުޅު ހުންނާނެ ހެލްތް ރޫމުގައި ބަހައްޓާފައި ދަރިފުޅު ބަލާއަންނާށޭ. އެޑިއުކޭޝަނަށް މިހާރު ސިޓީއެއް ލާފައި އޮންނާނީ. ދަރިފުޅު ލާނެ ސްކޫލެއް އަދި ހަމައެއް ނުޖެހޭ." ހަސަން ސައީދު ބުންޔެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު މިއަދު ވިދަޅުވީ، އެޑްރެސް އޮޅުވާލައިގެން އެ ސްކޫލަށް ވަންނަން ހުށަހެޅި އަށް ކުއްޖެއްގެ ނަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ސްކޫލް ލިސްޓުން ވަކިކޮށްފައިވާ ކަމަށާއި ގެޔަށް ފޮނުވާލި ހަތަރު ކުދިން ހިމެނެނީ އޭގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން އެ ހަތަރު ކުދިން ސްކޫލަށް އައުމުން ގެއަށް އަނބުރާ ފޮނުވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ކަންތައްތަކާ ހަވާލުވެފައި އޮންނަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި، އެކުދިން ލިސްޓުން އުނިކުރިކަން ބެލެނިވެރިންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޖަމާލުއްދީން ޕްރިންސިޕަލް ވިދާޅުވި އެވެ.
ނަމަވެސް، އެކުދިންގެ ބެލެނިވެރިން ބުނަނީ، ޖަމާލުއްދީނުން އެމީހުންގެ ކުދިން ވަކިކޮށްފައިވާކަން ސްކޫލުން އަންގާފައިނުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ