ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރި ނަމަވެސް އިސްލާހީ ހަރަކާތް ހުއްޓާ ނުލާނެ ކަމަށާއި މިހަރަކާތާ ވީހާވެސް ގިނަ ބޭފުޅުން ގުޅުމަށް ގުޅިފައިވާ ޕާޓީތަކުން އިލްތިމާސްކޮށްފި އެވެ.
މާފަންނު ކުނޫޒުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ގާސިމް އިބްރާހީމް މިރޭ އިޝާ ނަމާދާ ދިމާކޮށް ކުއްލި ގޮތަކަށް ހައްޔަރުކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކުރުމަށްފަހު ކަމަށެވެ.
އިބޫ ވިދާޅުވީ ގާސިމް އިބްރާހީމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގުޅިފައިވާ ޕާޓީ ތަކަށް ކާމިޔާބު ލިބޭނެކަން މިހާރު މިދަނީ ސާފުވަމުން ކަމަށެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީނާ އެކު މިނިވަން އިންސާފުވެރި އިންތިހާބަކަށް ދިއުމަށް މިގައުމުގައި މިއަދު ފުރުސަތެއް ނެތް ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީ ތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރަންޖެހޭ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ގާސިމް އިބްރާހީމްގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ސީރިއަސް ތުހުމަތެއް ކަން ފާހަގަކުރައްވާ އެމައްސަލަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރާތީ ގާސިމަށް ކުރާ ތުހުމަތުގެ ސީރިއަސް ކަމާ ދޭތެރޭ ސުވާލު އުފައްދަވާފަ އެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރި ނަމަވެސް އަދި ގުޅިފައިވާ ސިޔާސީ ޕާޓީ ތަކަށް ނިސްބަތްވާ އެހެން ބޭފުޅަކު ހައްޔަރުކުރި ނަމަވެސް ގުޅިފައިވާ ޕާޓީ ތަކާއެކު ޖޭޕީން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން ޖޭޕީގެ ކައުންސިލުން މިހާރު ވާނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާފައިކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ސިޔާސީ ހަރަކާތުގެ އިސް ސަފުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ލަފާގެ މަތިން އެމަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމުން މަޖިލީހުގެ ރައީސްއަށާއި އަމީންއާންމަށް ވަކިވަގުތެއްގައި އެކަން އަންގަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނި ނަމަވެސް އަންގަންޖެހޭ ވަގުތު ފަހަނައަޅައި ދިޔައިރުވެސް އެކަން މަޖިލީހަށް އަންގާފައި ނުވާނެ ކަމަށެވެ. އެހެންކަމުން ގާސިމް ހައްޔަރުކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ދޮގު ތުހުމަތެއް ކުރުމަށްފަހު ކަމަށްވާތީ ގާސިމް ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވާ ފާރިސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން ގާސިމް މިނިވަންކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއަދު ފެންނަމުން މިދަނީ ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިނގަމުންދާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކުރުމުން މިމައްސަލާގައި އަދާލަތު ޕާޓީން އަމަލުކުރާނެ ގޮތްތަކެއް މިރޭ ނިންމާ އެކަން ރައްޔިތުންނަށް ފަހުން ހާމަކުރާނެ ކަމަށެވެ.
އަލީ ޒާހިރު އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ނަމަވެސް މިއަދު އެކަހަލަ އެއްވެސް މައްސަަލައެއް ބަލައި ފިޔަވަޅު އެޅެން ނެތް ކަމަށެވެ. ނަމަވެސް މިއަދު ހިންގާ ގާނޫނާ ހިލާފު އަމަލުތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހަކުން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ ދޮގު ތުހުމަތެއްގައި: ގުޅިފައިވާ ޕާޓީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ