ޢިއްޒުއްދީން ސްކޫލް ހުޅުވުމާއެކު ސަރުކާރުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އައު މަރުޙަލާއެއް ފެށިގެންދާނެ- ރައީސް

މިއަދު ހުޅުވި ޢިއްޒުއްދީން ސްކޫލާއެކު ސަރުކާރުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އައު މަރުޙަލާއެއް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާލޭގައި ހުޅުވި އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލު " ޢިއްޒުއްދީން ސްކޫލު" ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މިފެށުނު އައު މަރުޙަލާގެ ދަށުން މިސިޔާސަތު ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއެކު، ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން ކަމުގައެވެ.
ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށް، މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން ގެންނަވާނެ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން މިއަހަރު ވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް، ކަނޑައަޅާފައި ވަނީ ތަޢުލީމީ ދާއިރާއަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ބަޖެޓްގެ 12 އިންސައްތަ، ނުވަތަ 4.4 ބިލިއަން ރުފިޔާ މިއަހަރު ތަޢުލީމަށް ކަނޑައަޅާފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރު ތަޢުލީމީ ދާއިރާއަށް ސަރުކާރުން ފަހިކޮށްދެއްވި ބައެއް ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ފަހިކޮށްދިން ފުރުޞަތުތަކުގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު 5590 ދަރިވަރަކަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ފައިސާ ދޫކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކިޔެވުމަށް ދެވޭ ސްޓޫޑެންޓް ލޯނުގެ އިންސްޓަރެސްޓް 3 އިންސައްތަ ކުޑަކޮށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު25 އިންސައްތަ އިތުރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ