ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހިޔާނާތްވި ކަމަށް ބުނާ މައްސަލަ ޖިނާއީ ކޯޓުން އިއްޔެ ބަލައިގެންފި އެވެ. ކޯޓުން އެ ދެ މައްސަލަ ބަލައިގެންފައި ވަނީ އެ ދެ މައްސަލަ ބަލައިނުގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އަނބުރާ ފޮނުވާލި މައްސަލަ ބަލައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް އުނިވެގެން ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލި އެ ދެ މައްސަލަ އިއްޔެ ބަލައިގަތީ އެ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އެއީ ކޮންތައްތަކެއް ކަމެއް އޭނާ ވިދާޅެއްނުވި އެވެ.
ކޯޓުން އެހެން ބުނި ނަމަވެސް ޕީޖީގެ ނައިބު ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލަތައް އަލުން ކޯޓަށް ހުށަހެޅުއްވީ ހަމަ ކުރިން ވެސް ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އަދި އެ ދެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ކޯޓުން ވެސް އަދި ޕީޖީ އޮފީހުން ވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެ ދެ މައްސަލަ ކޯޓުން ބަލައިނުގަތުމަކީ ގާނޫނު އަސާސީން ލިބިދޭ ހަމަހަމަކަމާއި، ޝަރުއީ އަދުލުގެ ނިޒާމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރައްވާފައިވާ ކަމެއް ނޫންކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އެ ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައި ވަނީ ކޯޓުން އެ ދެ މައްސަލަ ބަލައިނުގަތީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބައްލަވައިދެއްވުމަށެވެ.
އެ ދެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު ކޯޓުން ބުނެފައި ވަނީ، މައްސަލައަކާ ގުޅިގެން ހުށަހަޅާ ލިޔުންތަކާއި ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާ ތަކެތީގެ އަސްލާއި މައްސަލައިގައި ހިމެނޭ މީހުންގެ އައިޑީ ކާޑުގެ ކޮޕީ އާއި އެޑްރެހާއި ޕީޖީ އޮފީހުން ހުށަހަޅާ ތަކެތީގެ ތަފްސީލު އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އަންގައި މިދިޔަ ޖުލައި 1 ގައި ޕީޖީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޕީޖީ އޮފީހުން ހުށަހަޅާ ތަކެތީގެ ތެރޭގައި މައްސަލައާ ނުގުޅޭ ލިޔުންތަކެއް ހުރެގެން ނުވާނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ނާޒިމާއި ހަމީދުގެ މައްސަލަ އަނބުރާ ފޮނުވާލީ އޭގެ ތެރެއިން ކަމެއް ފުރިހަމަ ނުވެގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަބްދުﷲ ހަމީދާއި ނާޒިމްގެ މައްސަލަ ފުރިހަމަކޮށްގެން ހުށަހެޅުމުން ކޯޓުން ދެ މައްސަލަ މިހާރު ވާނީ ބަލައިގެންފައި: ޖިނާއީ ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ