ބެލިސްޓިކް މިސައިލެއްގެ އިންޒާރާ ގުޅިގެން ހަވާއީގެ ރައްޔިތުން ބިރުން "އަވަދިވެއްޖެ"

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީއާ ދިމާއަށް ބެލިސްޓިކް މިސައިލެއް އަންނަ ކަމަށާއި، ރައްކާތެރިކަން ހޯދުމަށް އަންގައި، ހަވާއީގެ ބައެއް އާންމުންގެ ފޯނަށް "އޮޅިގެން" ފޮނުވި މެސެޖެއްގެ ސަބަބުން ހަވާއީގެ ރައްޔިތުން ބިރުން ފިއްކަނޑައިގެން ހިނގައްޖެއެވެ.
އާންމު ބައެއް ފަރާތްތަކުގެ މޮބައިލް ފޯނަށް އައި މެސެޖްގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކުރުމުން މި މެސެޖް މުޅި އެމެރިކާގައި ފަތުއަޑުކިޔާފައި ފެތުރިގެންދިޔައެވެ.
ހަވާއީގެ ބައެއް އާންމުންގެ ފޯނަށް އައި ކުއްލި ހާލަތުގެ މެސެޖްގައި ބުނެފައިވަނީ "ބެލިސްޓިކް މިސައިލެއްގެ ނުރައްކާ ހަވާއީއާ ދިމާއަށް އެބައާދޭ. އަވަހަށް ރައްކާތެރިކަންހޯދާ. މިއީ ޑްރިލްއެއްނޫން!" މިހެންނެވެ.
މިމެސެޖް އާންމުންގެ ފޯނަށް ފޮނުވާފައިވަނީ، މިފަދަ ނުރައްކާތެރި ހާލަތްތަކުގެ ދަނޑިވަޅުތަކުގައި މުޅި އެމެރިކާގެ އާންމުންނާ މައުލޫމާތު ހިއްސާކުރަން ބޭނުންކުރާ "އިމަޖެންސީ އެލަރޓް ސިސްޓަމް" މެދުވެރި ކޮށެވެ.
މިމެސެޖް ބައެއް އާންމުންގެ ފޯނަށް ލިބި، އަދި ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާ ގުޅިގެން ހަވާއީ ރައްޔިތުންގެ މެދުގައި ވަރަށްބޮޑު ބިރުވެރިކަމެއް އުފެދިގެންދިޔަ ކަމަށް މީޑިއާއިން ބުނެއެވެ. ސަބަބަކަށްވީ، ހަވާއީއާ ހަމައަށް ފޯރާވަރުގެ ބެލިސްޓިކް މިސައިލް ތަރައްގީ ކޮށްފައިވާ ކަމަށް އުތުރު ކޮރެއާއިން ބުނެފައިވުމާއި އަދި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސާ ދެމެދު ޒާތީ ބަހުގެ ހަމަލާތައް ބަދަލުކުރަމުން ގޮސްފައިވާތީއެވެ.
އުތުރު ކޮރެއާގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ ބަޓަން ހުންނަނީ އޭނާގެ މޭޒުކޮޅުމަތީގައި ކަމަށް ވިދާޅުވެ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ދާދިފަހުން އެމެރިކާއަށް އިންޒާރު ދެއްވުމުން، އެމެރިކާގެ ރައީސް ޓްރަމްޕް ރައްދުގައި ވިދާޅުވެފައިވަނީ، ކިމް ޖޮންގް-އުންގެ ނިއުކްލިއަރ ބަޓަނަށްވުރެ އޭނާގެ މޭޒުކޮޅުމަތީގައި ހުރި ބަޓަން ބޮޑުވެފައި، ބާރުވެސް ގަދަވާނޭ ކަމަށެވެ.
ބެލިސްޓިކް މިސައިލްގެ ނުރައްކާ ކުރިމަތިވަމުން އަންނަ ކަމަށް ހަވާއީގެ އާންމުންނަށް ލިބުނު މެސެޖާއެކު، މީހުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދި މަސްރަހް ގޯސްވަމުން ދަނިކޮށް އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑޭވިޑް ބެންހަމްވަނީ، ހަވާއީއަށް ބެލިސްޓިކް މިސައިލެއްގެ ނުރައްކާ ކުރިމަތިވަމުން އަންނަކަމެއް، އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ނިޒާމުތަކަށް ފާހަގަ ކުރެވިފައި ނުވާކަމަށް ވިދާޅުވެފައެވެ.
މިސައިލެއް އަންނަކަމަށްބުނެ ހަވާއީގެ ބައެއް އާންމުންގެ ފޯނަށް އިންޒާރުގެ މެސެޖު ފޮނުވުނީ އޮޅުމަކުން ކަމަށާއި، އޮޅިގެން ފޮނުވުނު މެސެޖްގެ އިސްލާހް ހަވާއީގެ ސްޓޭޓް ސަރުކާރުން އާންމުންނަށް ފޮނުވާނެ ކަމަށްވެސް އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްގައި ހަވާއީ ތަމްސީލުކުރައްވާ ޑިމޮކްރަޓިކް މެމްބަރު ޓުލްސީ ގަބާރޑްވެސްވަނީ، ހަވާއީއަށް ބެލިސްޓިކް މިސައިލެއްގެ ނުރައްކާ ކުރިމަތިވާން ނޫޅޭކަމަށް ވިދާޅުވެ ވަގުތުން ޓްވީޓެއް ކުރައްވާފައެވެ. "ހަވާއީ!، އެއީ ނުބައި އިންޒާރެއް. އޮފިޝަލުން ކުރެން އަޅުގަނޑު ކަށަވަރު ކޮށްފިން، މިސައިލެއް ނާދޭ" ޓުލްސީގެ ޓްވީޓްގައި ވެއެވެ.
ހަވާއީ އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީންވެސްވަނީ، ހަވާއީއަށް ބެލިސްޓިކް މިސައިލެއްގެ ނުރައްކާ ކުރިމަތިވާން އުޅޭކަމަށް ފެތުރެމުންދިޔަ ރިޕޯޓްތައް ވަގުތުން ދޮގު ކޮށްފައެވެ.
ހަވާއީއަކީ ސެންޓްރަލް ޕެސިފިކްގައި އޮންނަ، ބޮޑު ހަރަށެއްގެ މައްޗަށް އެކުލެވޭ، އެކަހެރިން އޮންނަ އެމެރިކާގެ ސްޓޭޓެކެވެ. އެއީ ގިނަ އަލިފާން ފަރުބަދަތައް އެކުލެވޭ ސްޓޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ