އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ: އިބޫ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އައްޑޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފޭދޫގައި ހުންނަވައިގެން މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގަ އެވެ.
އިބޫ ވިދާޅުވީ އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ދެކޮޅަށް ދޭ ވޯޓަކީ އަނިޔާވެރިކަމާ ވައްކަމާ ދެކޮޅަށް ވޯޓެއް ކަމަށެވެ. އެހެންކަމުން ބޮޑު ތަނުން ރައީސް ޔާމީން ބަލިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާޒީވެ ދިޔަ ސަރުކާރުތަކުން އައްޑޫއަށް ވަރަށް ބޮޑަށް އިހްމާލުވި ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެކަން ބަދަލުކޮށް، އައްޑޫގެ ތަރައްގީއަށް އިސްކަން ދެއްވައިގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ.
އިބޫ ވިދާޅުވީ އައްޑޫ ތަރައްގީ ނުވޭ ރާއްޖެއަށް ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން އައްޑޫ ތަރައްގީކުރުމަށް އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތްތައް އަލުން ފެށުމަށްފަހު މަޑުޖެހުމެއް ނެތި އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިބޫ މިއަދު ހަވީރު އައްޑޫ އަށް ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެއްވެ އިބޫ އަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އިބޫ ތިން ދުވަހަށް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ މިދަތުރުފުޅުގައި އައްޑޫގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިބޫގެ ކެމްޕޭންގައި އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވެސް ވިދާޅުވީ އައްޑޫގެ ބޮޑު އަދަދެއް އިބޫއަށް ތާއީދުކޮށް ވޯޓް ދޭނެ ކަމަށާއި އެކަން ޔަގީންކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ