ރައީސް ޔާމީންގެ ކިބައިން މިގައުމުގެ ރައްޔިތުން ސަލާމަތްވާން ޖެހޭ: ސައުދު

ރައީސް އަބްދުﷲ ޔާމީންގެ ކިބައިން މިގައުމުގެ ހުރިހާރައްޔިތުން ސަލާމަތްވާން ޖެހޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިގނލީދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު ވިދާޅުވީ ޔާމީންގެ އަނިޔާވެރިކަން މިހާރު ހައްދުފަހަނައަޅާގޮސްފައި ވާކަމަށާއި، އެހެންކަމުން ރައީސް ޔާމީން މިއަދު މުޅި ދުނިޔެއަށް ދައްކަމުން ދަނީ ޚުދްމުޚްތާރުކަމާއި އެމަނިކުފާނުގެ ނުބައި ނުލަފާކަން ކަމަށެވެ. އެހެންކަމުން ރައީސްޔާމީންގެ އަނިޔާވެރިކަން ބަލަން ރައްޔިތުން ތިބެއްޖެކަމުގައިވާނަމަ ދެން މިގައުމު ވެއްޓިގެންދާ އަދަވަޅުން ދުވަހަކުވެސް ސަލާމަތް ނުވާނެކަމަށްވެސް ސައުދު ހުސައިން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިޚާބު ބާަޠިލްކުރުމަށް މިހާރު ސްޕްރީމްކޯޓަށް ހުށަހަޅުއްވައިގެން ކުރިޔަށްގެންދާ ދުސްތޫރީ މައްސަލައަށް އަލިއަޅުއްވަލައްވަމުން ސައުދު ވިދާޅުވީ އެމައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނަކޮށްގެން ހުށަހެޅިގެންއުޅޭ މައްސަލައެއްނޫންކަމަށެވެ.އަދި އެމައްސަލަ ހުށަހަޅުއްވައިގެން އުޅުއްވަނީ ބަލީގަބޫލުނުކުރެވިގެން އެމަނިކުފާނު ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައީސް ޔާމީން މިރާއްޖޭގެ ވެރިކަމުގައި ދެން އިތުރުދައުރަކަށް ނުހުންނެވޭނެކަމަށާއި، އެމަނިކުފާނު ކިތަންމެވަރަކަށް  ނުލަފާކަން ދައްކަން މަސައްކަތް ކުރެއްވިޔަށް ވެރިކަމުގެ ހުވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުކުރެވޭނެކަމަށެވެ. އަދި ރައްޔިތުން މިއަދު ތިބީ އެބޭފުޅުން ދެއްވި ވޯޓާއިމެދު ޝައްކުއުފައްދައިގެން ނޫންކަމަށެވެ.
ސައުދު ވިދާޅުވީ ސަލާމަތީ ބާރުތަކުން މިރާއްޖެ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ އަދަވަޅަކަށް ވައްޓާލައްވަން ފުރުސަތު ނުދެއްވާނެކަމުގެ 100ޕަސެންޓް ޔަގީންކަން އެބައޮތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ