ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ، ރައްޔިތުން ވެރިމީހާގެ ފައިންޕުޅު ދެކުމަށް މާލެ އަންނަންޖެހޭ ގޮތް ނިމުމަކަށް ގެނެސްދެއްވި ރައީސް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.
މަމްދޫހް މިހެން ވިދާޅުވީ ރައީސް މުޢިއްޒު އިއްޔެ ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މަމްދޫހް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ބަސް އިއްވަން ކައުންސިލްތައް، ބޮޑު އަގު ދީގެން ކަނޑުމަގުންނާއި ވައިގެމަގުން، ވެރިމީހާގެ ފައިންޕުޅު ދެކުމަށް، ފޮށިތަންމަތި ބަނދެގެން، މާލެ ދަތުރުކޮށް، ރައީސް އޮފީހުގެ ދޮރުމަތީ ކުރުކާލިކަނޑަން ޖެހުނު ކަމަށެވެ.
އެކަން ނިމުމަކަށް ގެނެސް، ސީދާ ރައްޔިތުންގެ ގާތަށް، ކައުންސިލްތަކުގެ ދޮރުތައް ހުރަސްކޮށް، ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު ކަމަށް މަމްދޫހް ވިދާޅުވެފަވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް އިއްޔެ ގުޅިއަށް ކުރެއްވި ދަތުރުފުޅަކީ 2025 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ރައީސް މުޢިއްޒު ވަނީ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިޢުލާންކުރައްވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފޮށިތަންމަތި ބަނދެގެން ވެރިމީހާގެ ފައިންޕުޅުދެކެން މާލެ ދިޔުން ނިމުމަކަށް ގެންނެވީ ރައީސް މުޢިއްޒު: މަމްދޫހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ