ޝިއާއުގެ މަރު: ޝާހިލް ތަހުގީގަށް ދިން ބަޔާން ޝަރީއަތުން ބަލައިގެންފި

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ތަހުގީގަށް ދިން ބަޔާން ޝަރީއަތަށް ބަލައިގަންނަން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން
އޮރިޔާން ކާޑު ގެންގުޅުން
ކެނެބިސް ބޭނުންކުރުން
ސިއްރުކޮށްފައިވާ ދެ ދައުވާއެއް
ވީ ކިހިނެއް؟ - ސިއްރުން ކޯޓުގައި ކުރިއަށް ގެންދާ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމިފައިވާ ކްރިމިނަލް ކޯޓުން މިއަދު ބުންޏެވެ. އެގޮތުން:
ދައުލަތުން ހުށަހެޅި ނުވަ ހެއްކެއްގެ ހެކިބަސް ސިއްރުން ނެގުމަށް ނިންމި
ޝާހިލް ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް ޝާހިލް ހުށަހެޅި ނަމަވެސް އެ ބަޔާން ބަލައިގަތުމަށް ކޯޓުން ނިންމި
ދެން އޮންނާނީ ޝަރީއަތް ފެށުމާއި ހެކިބަސް ނެގުން
ފަސް މަންޒަރު - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.
އެ މައްސަލާގައި މީގެ ކުރިން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އޭރުގެ ޕީޖީ ހުސެން ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.
މައްސަލަ ދިގުލައިގެން ދިޔައީ އަޑުއެހުންތަކުގައި ޝާހިލް ވާހަކަނުދައްކާ ގިނަ ދުވަސްވުމުންނެވެ. ދައުލަތުން ފުރަތަމަ އެކި ވަކީލުން ހަމަޖައްސައިގެން ވެސް ކުރިއަށް ނުދެވި އެންމެ ފަހުން އޭނާ ނިންމީ ވަކީލަކާ ނުލައި އަމިއްލައަށް މައްސަލައާ އެކު ކުރިއަށް ދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ