އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަޅާއެރި ވަގު ފޯމު ފުރުމުގެ މައްސަލައާ ގުޅިގެން، 2024 ވަނަ އަހަރުގެ ފަހު ތިންމަސް ދުވަހުގެ ތެރޭގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 39,985 މީހުން ވައްދާފައިވާކަން ހާމަވެއްޖެއެވެ.
ހަމަ އެއާއެކު, އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ދަފްތަރުގައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވަނީ 68,968 މެންބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެފައެވެ. އީސީން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ހާމަކޮށް, އަދި އެންމެ މެމްބަރު ގިނަ ޕާޓީއަކީ ޕީއެންސީކަން ހާމަވެފައިވަނީ, ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާ މައްސަލަ ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.
”އަދަދު“ ނޫހުން އިން މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ދަށުން ހޯދި މައުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕީއެންސީގައި ރަޖިސްޓްރީވެފައިވަނީ 68,968 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28,983 މީހުންނެވެ.
މިއީ އާދަޔާ ޚިލާފު ބޮޑު އިތުރުވުމެކެވެ. އެންމެ ތިންމަހާއި 12 ދުވަހުގެ ތެރޭގައި މަހަކު 13,000 އަށްވުރެ ގިނަ މީހުން، ނުވަތަ ދުވާލަކު 388 މީހުން، ނުވަތަ ގަޑިއިރަކު 16 މީހުންގެ މަގާމުން ޕާޓީއަށް މީހުން ވައްދާފައިވެއެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 284,663 މީހުންގެ ތެރެއިން ގާތްގަނޑަކަށް 24 ޕަސެންޓު މީހުން މިހާރު ވަނީ ޕީއެންސީގައި ރަޖިސްޓްރީވެފައެވެ. ނަމަވެސް، ފުލުހުންނާއި، ސިފައިންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންފަދަ ފަރާތްތަކަށް ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭތީ، ޕާޓީއަށް ވަނުމުގެ ހައްގު ލިބޭ މީހުންގެ ނިސްބަތުން ބަލާއިރު މިއަދަދު 24 ޕަސެންޓަށްވުރެ މަތިވާނެއެވެ.
މި ވަގު ފޯމުތައް ފުރުމުގެ މަސައްކަތް ހިންގާފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ތެރެއިން، ހޯމް މިނިސްޓަރު އަލީ އިހުސާނުގެ ބެއްލެވުމުގެ ދަށުންނެވެ. އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއެންއާރުގެ ވެރިން، އަބްދުލްމަޖީދު އަދި އަހުމަދު އާލީ، މިކަން ހިނގާފައިވާކަން ވަނީ އެއްބަސްވެ އިއުތިރާފުވެފައެވެ.
ޕާޓީއަށް ވަންނަން އެދޭ އެއްވެސް މީހަކު އެތަނުގައި ނެތި، ހަމައެކަނި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާ މީހުން އެކަނި ތިބެގެން މިކަން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ޤަވާއިދާ ޚިލާފު ކަމެކެވެ. އެއީ ޕީއެންސީއަށް މީހުން ވައްދާ ފޯމުގެ އިގުރާރުގައި ބަޔާންކޮށްފައިވަނީ ހެކިވެރިޔާ ސޮއިކުރަންވާނީ ޕާޓީއަށް ވަންނަން އެދޭ މީހާގެ ހާޒިރުގައި ކަމަށެވެ.
ޕީއެންސީއަށް 3 މަސްދުވަހުގެ ތެރޭ ވައްދާފައިވާ މީހުން %90 އަކީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށްގެން ޕާޓީއަށް ވައްދާފައިވާ މީހުންނެވެ.
ވަގު ފޯމު އީސީއަށް ވައްދައިގެން އެންމެ މެމްބަރުން ގިނަ ޕާޓީގެ ޝަރަފް ޕީއެންސީން ފޭރިގަނެ, ދައުލަތުގެ މާލިއްޔަތުން ހަރާމް ގޮތުގައި ފައިސާ ނަގަން މުއިއްޒު ލަދެއްވެސް ނުގަތެވެ. ދައުލަތުގެ މާލިއްޔަތުން ޕާޓީތަކަށް ފައިސާ ދޫކުރަމުންދަނީ ޕާޓީތަކުގެ މެމްބަރުންގެ ނިސްބަތުންނެވެ.
އެހެންނަމަވެސް ޕީއެންސީއަށް ވައްދާފައިވާ މެމްބަރުންގެ 90 އިންސައްތައަކީ ވަގު ފޯމު އީސީއަށް ހުށަހަޅައިހެން ޕާޓީގެ ދަފްތަރުގައި ހިމަނާފައިވާ މީހުންނަށް ވާއިރު, މި އެންމެންގެ ނަމުގައި ޕީއެންސީއަށް ދައުލަތުގެ މާލިއްޔަތުން ފައިސާ ލިބޭނެއެވެ. އެހެންނަމަވެސް ވަގު ފޯމު ހުށަހަޅައިގެން ޕީއެންސީން މިހޯދާ ފައިސާއަކީ ހަރާމް ފައިސާކަން އެއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
ހަރާމް ފައިސާއިން މެމްބަރުން ގަނެ, އަދި ސަރުކާރުން ހިންގާ އެތައް މަޝްރޫއަކުން ރިޝަވަތުގެ ފައިސާ ނަގަމުންދާ މުއިއްޒުގެ ލެގަސީއަކީ ވައްކަމާއި ފަސާދައަށް ވެގެން ގޮސްފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
ވަގު ފޯމު އީސީއަށް ވައްދައިގެން އެންމެ މެމްބަރުން ގިނަ ޕާޓީގެ ޝަރަފް ފޭރިގަނެ, ދައުލަތުގެ މާލިއްޔަތުން ހަރާމް ގޮތުގައި ފައިސާ ނަގަން މުއިއްޒު ލަދެއްވެސް ނުގަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ