މިދިޔަ 5 އަހަރު މާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފައެއް ނެތް، ކަރަންޓު ކެނޑި މައްސަލަ ދިމާވެދާނެ: ފަހުމީ

ވޭތުވެދިޔަ ފަސް އަހަރު މާލޭގެ ޕަވާ ސެކިއުރިޓީ ކަށަވަރުކުރުމަށް ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތެއް ކޮށްފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން ހޫނު މޫސުމުގައި މައްސަލަތައް ދިމާވެދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މާލޭގެ ޕަވާ ސެކިއުރިޓީ ކަށަވަރުކުރުމަށް ކޮންމެ ތިން އަހަރުން އެއް އަހަރު ނުވަތަ ހަތަރު އަހަރުން އެއް އަހަރު ޕްރޮޖެކްޓެއް ހިންގަން ޖެހޭނެ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެކަމަށް ޕްރޮޖެކްޓެއް ހިންގާފައިނުވާ ކަމަށާއި ވަގުތުުން ވަގުތަށްވެސް އެ މަސައްކަތް ފަށަންޖެހޭ ކަމަށެވެ.
ފަހުމީ ވަނީ މާލޭގެ ޕަވާ ސެކިއުރިޓީ ކަށަވަރު ކުރުމަށް "ސިކްސްތް ޕަވާ ޕްރޮޖެކްޓް"ގެ ނަމުގައި ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވާކަން މިދިޔަ މަހު އިއުލާން ކުރައްވައިފައެވެ. އެ މަސައްކަތް 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ ވިިދާޅުވީ އެ މަޝްރޫރު ނިންމަން އެންމެ މަދުވެގެންވެސް ދެ އަހަރާއި ބައި ނުވަތަ ތިން އަހަރު ހޭދަވާނެ ކަމަށެވެ. އަދި މާލޭގެ ކަރަންޓް ޑިމާންޑް 117 މެގަވޮޓްގައި ހުރި އިރު، މާލޭގެ ކަރަންޓް ކެޕޭސިޓީ މި ވަގުތު ހުރީ 122 މެގަވޮޓްގައި ކަމަށާއި އެހެންކަމުން ޕީކް ދުވަސްވަރު މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ޑިމާންޑް ބޮޑުވެ، ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން މަޖުބޫރުވާނެ ކަމަށެވެ.
"ރޯދަ މަހަށް ޕީކް މި ދިމާވަނީވެސް، 2024ގައި، މާނައަކީ އެއްވެސް ޖެނެރޭޓަރަކަށް ގެއްލުން ލިބިޖެއްޔާ، ޑައުންވެއްޖެއްޔާ އަޅުގަނޑުމެން ޖެހޭނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަން" ފަހުމީ ވިދާޅުވިއެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުން ފަހުމީ ވިދާޅުވީ ދިރާގާއި ދައުލަތުގެ ބައެއް މުއައްސަސާތުގައި ހުންނަ ބެކަޕް ޖަނަރޭޓަރުތަކުގެ ހާލަތު ވަޒަންކުރަމުންދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި، އިތުރު ގްރިޑް ގެނެސްގެން ނަމަވެސް އެ ޖެންސެޓުތައް ބޭނުންކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށާއި ކަރަންޓު ކަނޑާނުލައިވޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ހިންގަން ނިންމާފައިވާ ޕަވާ ޕްރޮޖެކްޓް ނިންމަން މަދުވެގެން ދެ އަހަރާއި ބައި ނަގާނެތީ 2025 އަދި 2026 އަށްވެސް ތައްޔާރުވާންޖެހޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ވީހާވެސް އަވަހަށް ފަށައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ