ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އެއްވުމަކީ މޭޑޭ މުޒާހަރާއެވެ. އެ މުޒާހަރާއަކީ ސިޔާސީ ގޮތުން އޭރުގެ ސަރުކާރަށް އެތައް ފިއްތުންތަކެއް އައި އެއްވުމެއް ވެސް މެއެވެ. އެތައް ހާސް ރައްޔިތުންނެއް އެ މަގުމަތީ ހަރަކާތުގައި ބައިވެރިވީއިރު، އެއީ އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް ދުވަހެއްގެ ގޮތުގައި ސިޔާސީ މީހުން ބުނެއެވެ.
އެތައް ބަޔަކު މަގުމައްޗަށް ނެރެ، އޭރުގެ ސިޔާސީ މައިދާނުގެ ވަރުގަދަ އެތައް ބޭފުޅުންތަކެއް ޕޯޑިއަމް ކުރިމަތީ ތަފާތު އެކި ވާހަކަތަކެއް ދެއްކިއެވެ. އެ ވާހަކަތަކުގެ ތެރެއިން މިއަދު ވެސް ކަންފަތްތަކުގައި ގުގުމާ އެއް ވާހަކައަކީ މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅެވެ.
2015 ވަނަ އަހަރު މޭއި އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ކަރުދާސްތަކެއް އެއްކުރައްވައިގެން މުޒާހަރާގެ ކުރިމައްޗަށް އިމްރާން ނިކުތެވެ. ގާނޫނީ ގޮތުން ބުނާނަމަ އެ ލިޔެކިއުންތައް އެއީ މައްސަލަތަކުގެ ”ކިތާބީ ހެއްކެވެ“. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމާއި ދެކޮޅަށް ބޭއްވި އެއް އެއްވުމުގައި އިމްރާން ގެންގުޅުވި އޭގެއިން ކޮންމެ ލިޔެކިއުމެއް އެއީ އޭރު ފެންމަތިވެގެން އައީ ބޮޑެތި މައްސަލަތަކުގެ ހެކިތަކުގެ ގޮތުގައި ވިދާޅުވިއެވެ. ހާއްސަކޮށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަވަހާރަކޮށްލި ހާދިސާއާއި ގުޅުވާ އެތައް ވާހަކައެއް އިމްރާން ދެއްކެވިއެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ލިޔެކިއުންތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެން އެ މަރުގެ އަސްލު ފޮރުވުމަށް މާލޭގައި އެތައް ޒުވާނުންތަކެއް މަރާލާފައިވާކަމަށް ވިދާޅުވީ ވެސް ހަމަ އިމްރާނެވެ. އޭރު އަޅުގަނޑުގެ އުމުރުން 17 އަހަރެވެ. އެހެން ނަމަވެސް އެ އަޑު އެހީމެވެ. ގައުމުގެ އެތައް ލައްކަ ރައްޔިތަކު އެ އަޑުއެހިއެވެ.
އަފްރާޝިމް އަވަހާރަކޮށްލި ހާދިސާގައި އޭރުގެ ރައީސް ޔާމީންގެ އަތެއް ވާކަމަށާއި، އެކަމުގެ ހެކިތައް އެބަހުރި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ ”ލިޔެކިއުންތަކެއް“ ދެއްކުމަށްފަހު، އެއީ އެކަން ސާބިތު ކުރެވޭވަރުގެ ހެކީގެ ގޮތުގައި ވަނީ ވިދާޅުވެފައެވެ.
އަފްރާޝީމްގެ މަރާއި ގުޅުވާ، މާލޭގައި ގަތުލުތަކެއް ހިނގައިދިޔަ ކަމަށް ވިދާޅުވެ ވެސް އިމްރާން ލިޔެކިއުންތަކެއް ދެއްކިއެވެ. އަދި އެ ނޫން ވެސް އެތައް ތުހުމަތުތަކެއް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރަށް ވެސް ކުރެއްވިއެވެ.
މި މުޒާހަރާއާއި ގުޅިގެން އެތައް ބަޔަކު ޖަލަށް ލިއެވެ. އޭގެ ތެރޭގައި އިމްރާން ވެސް ހިމެނެއެވެ. އެހެން ނަމަވެސް އެ ވާހަކަތައް އެއްފަރާތުގައި ބޭއްވުމަށްފަހު، އިމްރާންގެ އެ ދުވަހުގެ ވާހަކަތަކާއި މިއަދު ދައްކަވާ ވާހަކަތަކާއި ހުރި އުޑާއި ބިމާހާ ތަފާތު ބުނެދޭނަމެވެ.
މިއަދާއި ހަމައަށް އައި އިރު ވެސް އިމްރާން ދުވަހަކު ވެސް އެ ދުވަހުގެ ލިޔެކިއުންތައް ނުވަތަ ”ހެކިތައް“ ބަޔަކު އަތުލާފައިވާ ކަމަށް ވިދާޅެއް ނުވެއެވެ. މިވީ އަހަރުތަކުގެ ތެރޭގައި އަފްރާޝީމްގެ އާއިލާ އަދި، ރިޟްވާންގެ އާއިލާ ކުރިހާ ވެސް އާދޭހަކީ އެ ހެކިތަކަކީ ކޮބައިކަމާއި، އިމްރާނަށް އެނގޭ ވާހަކައެއް ނަމަ ހާމަ ކުރުމަށެވެ.
ސިޔާސީ ގޮތުން ދޭތެރެއަކުން އިމްރާން ކައްސާލައިގެން ގޮސް ހޫނު ފެނަށް ވެއްޓޭފަހަރުތަކެއް އާދެއެވެ. މޭޑޭގެ ވާހަކަތައް ދެކެވުނީ ދާދިފަހުން މަޖިލީހުގެ ތެރޭގައެވެ. ރައްޔިތުންގެ މަޖިލީހަށް އިމްރާން ހާޒިރުކޮށް މެމްބަރު ކުރި ސުވާލުތަކުގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ އެ ދުވަހު އިމްރާން ގެންގުޅެއްވި ލިޔެލިއުންތައް ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް އިމްރާން ދިނީ ވަރަށް އާދައިގެ ކުރު ޖަވާބެކެވެ. ހައްޔަރުކޮށްގެން ގެންދިޔަ ދުވަހު ފުލުހުން ލިޔެކިއުން އަތުލީ ކަމަށެވެ. އެހެން ކަމުން އެ ކަރުދާސް ހުންނާނީ އެ ބައެއްގެ އަތުގައި ކަމަށް ވިދާޅުވިއެވެ. މި ހާހިސާބުން އުފެދޭ ސުވާލަކީ ބޮޑު އެތައް މައްސަލަތަކާއި ދެކޮޅަށް މީހަކު ގެންގުޅު ހެއްކެއް އެހާ ފަސޭހައިން އަތުން ގެއްލިގެން ދާނެ ތޯއެވެ. ސަބަބަކީ، ބުއްދިއެއް ހުރި އިންސާނެއްނަމަ މިފަދަ މައްސަލަތަކުގައި އެއް ޑޮކިއުމެންޓެއް ނުގެންގުޅޭނެއެވެ. ކޮޕީތަކެއް ހުންނާނެކަން ކަށަވަރެވެ. ވޯޑްފައިލް ޑޮކިއުމެންޓު ކުރާނެ ކަން ވެސް ޔަގީނެވެ. އެ ނުގެއްލޭނެހެން ރައްކާ ކުރާނެއެވެ. އެހެން ކަމުން އިމާރާންގެ އެ ވާހަކައަށް އިތުބާރު ކުރެވެން ނެތެވެ.
ދެވަނަ ކަމެއްގެ ގޮތުގައި، އޭރަކީ ވެސް ރާއްޖޭގައި ޕްރައިވެޓު ޗެނަލްތަކެއް ހިންގި ދުވަސްވަރެއް ކަމުން، އާކައިވްތައް މިއަދު ވެސް ފެންނާން ހުރުމެވެ. އިމްރާން ހައްޔަރުކޮށްގެން ގެންދާއިރު އެފަދަ އެއްވެސް ލިޔެކިއުމެއް ފުލުހުންގެ އަތުގައި ހުރިތަން ފެންނާކަށް ނެތެވެ.
މި ދެ ހާލަތަށް ރިއާޔަތްކޮށް ދެން ކުރަހާލެވެން އޮތް ހާލަތަކީ އެ ދުވަހު އިމްރާން އެ ހެއްދެވީ ދޮގު ކަމެވެ. ސިޔާސީ ގޮތުން އެ ކުޅުނީ ބޮޑު ޑްރާމާއެއްގެ ގޮތުގައި ބެލުމެވެ. އިމްރާންގެ އަތުގައި އެފަދަ އެއްވެސް ހެއްކެއް، އެއްވެސް ލިޔެކިއުމެއް ހުރިހެން ހީއެއް ނުވެއެވެ. އެ ލިޔެކިއުމެއް ހުރިނަމަ މިއަދު ވެސް އެ ހުންނާނެއެވެ.
މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ، ރިޟްވާން ގެއްލުވާލި މައްސަލައިގެ ލިޔެކިއުންތައް ހިފަހައްޓަނީ އަދީބު ކަމަށެވެ. އަދި މައްސަލައިގެ ހުރިހާ ރިޕޯޓެއް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
”އާދެ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މިތަނުން ފެންނަ ރިޟްވާނު. އާދެ ރިޟްވާނު އަދި އަދަށްދާން ދެން ވެސް ރިޟްވާނަށް ވީ ގޮތެއް ބުނެދިނުމަކަށް ޕޮލިސް ވަނީ ނުކުޅެދިފައި. ޕޮލިސްއަށް އެނގޭ ވީ ގޮތް. ޕޮލިސްއަށް އެނގޭ ވީ ގޮތް. ޕޮލިހުގައި އެބަހުރި ރިޕޯޓުތައް. ޕޮލިހުގައި އެބައޮތް ތަހުގީގު. އެކަމަކު މި ސަރުކާރުން އަހުމަދު އަދީބާއި ހުސެއިން ވަހީދު ވަނީ އެ ރިޕޯޓުތައް ހިފަހައްޓާފައި. މިކަމަކަށް މިއަދަށްފަހު ޖާގައެއް ނުލިބޭނެ…………. އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ހަބަރުތައް އަންނަނީ…. ކޮށާލާފަ ގޯންޏަކަށް އަޅާލާފަވީ. އަނެއް ބަޔަކު ބުނާ ގޮތުން ކަނޑު ފައްތާފަ ވީ. މިކަމުގެ ހަގީގަތް އެބަޖެހޭ ހާމަކޮށް ދޭން“ އިމްރާން ވިދާޅުވިއެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ފަހަތުގައި ވަނީ ރައީސް ޔާމީން ކަމަށް ވިދާޅުވީ ވެސް ހަމަ އިމްރާނެވެ.
”އާދެ. ޑރ. އަފްރާޝީމަށް ވީ ގޮތް. އަފްރަޝީމާއި ގުޅިގެން ހަތް މީހުން، ހަތް މީހުން އަނިޔާވެރިކަމާއެކު މަރާލާ މި ބިންމައްޗަށް ވެއްޓުނީ. ކޮބައިތޯ ޔާމީނަށް އެނގޭ ހަގީގަތް. ޔާމީން އަމިއްލަ ދުލުން އެތައް ފަަހަރަކު ހުމާމުގެ މައްޗަށް ހުކުމްކުރި ދުވަހު، ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމާ ހަގީގީ ގާތިލް ހޯދަން ފަސޭހަ ވާނޭ. މި ހުރީ އަޅުގަނޑު އަތުގައި…. މި ހުރީ ޑޮކިއުމަންޓްތައް އިނގޭތޯ މިއަދު…. ހުރިހާ ޑޮކިއުމަންޓެއް އެބަހުރި އަޅުގަނޑު އަތުގައި. ދިވެހި ލޮބުވެތި ރައްޔިތުން… މިހުރީ ޑޮކިއުމަންޓްތައް…… މި ހުރީ ޑޮކިއުމަންޓްތައް…… މީގެ ހައްގުގައި، މީގެ ފަހަތުގައި ވަނީ ހުސައިން ވަހީދާއި އަދީބު ވަނީ……. އާދެ، މިކަން އަޅުގަނޑުމެން ދޫކޮށްލައިފިނަމަ އަޅުގަނޑުމެންގެ ގައުމަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނެތް. އަޅުގަނޑުމެން ރޭގައި ވެސް ބުނިން އަހުމަދު އަދީބު ގުޅިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ މާފިޔާ ގޭންގުތަކާއި.“ އިމްރާން
އިމްރާން ގެންގުޅުއްވި މި ލިޔެކިއުންތަކަށް ބަލާއިރު އެއީ އޭރުގެ އޮންލައިން މީޑިއާ ”ހަވީރު“ ގައި ޝާއިރުކޮށްފައިވާ ބައެއް ހަބަރުތަކާއި ރިޕޯޓުތަކުގެ ސްކްރީންޝޮޓުތަކެކެވެ.
އިމްރާންގެ ވާހަކަ އަނެއްކާ ވެސް އައީ، ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާއި އެކުއެވެ. އިމްރާން ވިދާޅުވީ ގޮތުން އޭރު ދެއްކެވި ވާހަކައެއް މާބޮޑަކަށް ހަނދާނުގައި ނެތެވެ. އެހެން ނަމަވެސް މިއީ އާކައިވްތަކާއި، ޔޫޓިއުބްއިން މިހާރުވެސް ފެންނަން ހުރި ތަކެއްޗެވެ.
hageegathehneh aniyaaveri vaahaka dheki iru emme faharakuves vinsaalintha Rilwan ge aailaa edharifulhah veegio neygigen roi hithaama kuraakan siyaasi meehunge faidhaa ah mibaavathuge vaahaka dhekumaki dhashu dharajaige amaleh mikan aailaain harukashi ibaaraathun kuhverikuran. https://t.co/EkIQGR3OLg
— Fathimath Shehenaz (@shehenazf) October 25, 2020
ޕްރޮގްރާމުގައި އާއްމުންގެ ފަރާތަކުން ފޮނުވި ސުވާލުގައި ވަނީ ހަމަ ކޮންމެ ދިވެއްސެއްގެ ހިތުގައި އުފެދުނު ސުވާލެވެ. އެ ލިޔެކިއުންތަކުގެ ހަމަ އެންމެ ކޮޕީއެއް ވެސް ނެތީ ތޯއެވެ. މި ސުވާލަށް ވެސް އިމްރާން ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ. އެ ހުންނަން ޖެހޭނެ ތަނެއްގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
”“މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން. އެ ލިޔުންތަކަށް ވީ ގޮތް ބަލަން އިތުރު ތަހުގީގެއް ކުރަން ވަގުތެއް ނެތް………. އަޅުގަނޑު ހަނދާން އެބަހުރި އެ ދުވަހު ދެއްކި ވާހަކަތައް ވެސް އިނގޭތޯ. އަޅުގަނޑު ދެންނެވީ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ. އަޅުގަނޑު އެ ބޭފުޅުން ބައިވެރިވި ކަމަށް ނުވަތަ އެ ބޭފުޅުން އެކަން ކުރެއްވި ކަމަކަށް ދޭހަވާނެ އެއްޗެއް ނުބުނަން“ އިމްރާން
މި ވާހަކަ އާއި، އިމްރާން މީގެ ކުރިން ދެއްކެވި ވާހަކަތަކާއި ވަރަށް ފަސޭހައިން އަޅާ ކިޔާލެވެން އެބައޮތެވެ. އިމްރާން ރާއްޖޭގެ އެއް މީޑިއާއަށް ދޭ އިންޓަވިއު އާއި، އަނެއް މީޑިއާއަށް ދޭ އިންޓަވިއު އާއި ހާސް ތަފާތުތަކެއް ހުރެއެވެ. އެތައް ގޮތަކުން އިތުރުފުޅުތަކެއް ހައްދަވައެވެ.
އެއްވެސް ގޮތަކަށް ސަރުކާރުގެ ވާހަކައެއް ދައްކާކަށް ނެތީމެވެ. އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ބޮޑެތި މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާއި އެކުއެވެ. މިއަދު އެ މައްސަލަތަކަށް ތަހުގީގު ކުރަން އޮތް މުވައްސަސާއެއްގެ ވެރިއަކީ އިމްރާން އަބްދުﷲ އެވެ. މައްސަލަތައް އިންސާފުވެރިވާނެކަމާއި މެދު ސުވާލު އުފެދެނީ މޭޑޭގައި އިމްރާން ސިޔާސީ މަންފާއަށް ވާހަކަ ދެއްކުމުންނެވެ. އެ ދުވަހު އިމްރާން އެ ދައްކަވާ ވާހަކައަކަށް އަތް ޖައްސަވަން ތިއްބެވީ މިއަދުގެ ސަރުކާރުގެ ވެރިންނެވެ. އިމްރާނަށް އަމާޒުވާ ފާޑުކިއުންތަކަށް އޭނާގެ ދިފާއުގައި ނިކުންނާނެ އިލްމުވެރިންތަކެއް ވެސް އެބަތިއްބެވެ. ސޯޝަލް މީޑިއާއިން އެއީ ކޮން ބައެއްކަން އެނގޭނެއެވެ.
މުޅި މުޒާހަރާގައި އެކި ބޭފުޅުން ދެއްކެވި ވާހަކަތައް އަލުން މިއަދު އަޑުއެހީމެވެ. އޭގެ ތެރެއިން އެންމެ ތަފާތީ އިމްރާންގެ ވާހަކައެކެވެ. ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުސެއިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ތާއީދުވެސް ކޮށްފައެވެ.
އަފްރާޝިމްގެ މަރުގެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަދީބަށް ކަމަށް އިމްރާން ވިދާޅުވިއެވެ. އެއީ ހުމާމް ކޯޓުގައި ބުނި ވާހަކައެކެވެ. އަދި ހުމާމް ބުނި ވާހަކައަކީ ތެދެއްކަމަށް އިމްރާމް ވިދާޅުވިއެވެ.
އިމްރާނަކީ ސިޔާސީ ގޮތުން ކިހާ އެދުންވެރި ބޭފުޅެއްކަން މިހުރިހާ ވާހަކަތަކަށް ފުންކޮށް ވިސްނުން އެނގޭނެއެވެ. މިއަދު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިމްރާން އެދުވަހު، ކިތަށް އާއިލާގެ އިހުސާސްތަކާއި ކުޅުނުކަމާއި، ކިތަށް ބޭފުޅުންގެ އަބުރަށް އަރައިގެނެވުނުތޯ އިމްރާން އަމިއްލަފުޅަށް ވިސްނަން ވީއެވެ. މޭޑޭގައި ދެއްކެވި ވާހަކަތައް ހަނދާނެއް ނެތް ނަމަ، ޔޫޓިއުބްގައި ”އިމްރާން މޭޑޭ“ ޖެހިޔަސް ފުލުފުލުގައި އެ ދުވަހު ދެއްކެވި ވާހަކަތައް އަންނާނެއެވެ.
އިމްރާން އަބްދުﷲ އެވެ، މޭޑޭގައި ދެއްކެވި ވާހަކަ މިއޮތީ އެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ