ތިން މާއްދާއިން އޭ ސްޓާ ހޯދާ ކުދިންނަށް ހާއްސަ ސްކޮލަޝިޕެއް މި އަހަރު ތައާރަފުކުރާނަން: ރައީސް

މަތީ ތައުލީމު ހާސިލް ކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އޭ ލެވެލްގައި ތިން މާއްދާއިން އޭ ސްޓާ ހޯދާ ކުދިންނަށް ހާއްސަ ސްކޮލަޝިޕް ސްކީމެއް މި އަހަރު ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.
ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލަޝިޕް މި އަހަރު ލިބުނު ކުދިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަތީ ތައުލީމް ހާސިލުކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެއީ މެރިޓް ސްކޮލަޝިޕްގެ ނަމުގައި، މި އަހަރުގެ ތެރޭގައި އަލަށް ފެށުމަށް ސަރުކާރުން ގަސްދުކުރާ ސްކޮލަޝިޕް ސްކީމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ރައީސްގެ އެވޯޑާއި ސްކޮލަޝިޕް ލިބުނު މަތީ ސާނަވީގެ ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ރައީސް އޮފީސް
މެރިޓް ސްކޮލަޝިޕް ލިބޭނީ ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ނުހިމެނޭ ކުދިންނަށެވެ.
"މިއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާން ޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ހާއްސަކުރާ ސްކޮލަޝިޕެއް،" ރައީސް ވިދާޅުވި އެވެ.
"މި ސްކީމާ ގުޅޭ އިތުރު ތަފުސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރާނެ."
މިދިޔަ ދިރާސީ އަހަރުގެ އޭ ލެވެލް އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާސިލުކޮށް، ރައީސްގެ ހާއްސަ ސްކޮލަޝިޕް 17 ދަރިވަރަކަށް މިރޭ ލިބުނެވެ. އަދި ހައި އެޗީވާސް ސްކޮލަޝިޕް 138 ދަރިވަރަކަށް ލިބުނެވެ.
ރައީސްގެ އެވޯޑާއި ސްކޮލަޝިޕް ލިބުނު މަތީ ސާނަވީގެ ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މި ސްކޮލަޝިޕްތައް ލިބުމަކީ ކުއްޖަކަށް ލިބޭ ވަރަށް މަތިވެރި ފަހުރެއް ކަމަށެވެ. ކޮންމެ ގައުމެއްގައި އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަފު ފަހިވުމަކީ އެ ކުއްޖަކަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު 155 ދަރިވަރުންނަށް އަޅުގަނޑު ދަންނަވަން އޮތީ، ގައުމުގެ އިންސާނީ ވަސީލަތް މުއްސަނދިކުރަން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ތިޔަ ދަރިވަރުންނަކީ ވަރަށް އުންމީދީ ކުދިންކޮޅެކޭ. ތިޔަ ދަރިވަރުންނާ މެދު މި ގައުމު ކުރާ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
"ތިޔަ ކުދިންގެ ކިބައިގައި އެ ގާބިލުކަމާއި އެ ހިތްވަރު އެބަހުރިކަން، ތައުލީމީ ރޮނގުން ތިޔަ ކުދިން ހާސިލުކުރި މަތީ ވަނަތަކުން ސާބިތުވޭ. އަދި ތިޔަ ކުދިންނަކީ، ސަރުކާރުން މިހާރު ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، މި ގައުމު ބިނާކުރާނެ ކުދިންކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
• މީގެ ކުރިން ދުވަހަކު ވެސް ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ އަދަދަށް އަދި ނުލިބޭ އެތައް ދާއިރާއަކުން ދިވެހި ދަރިވަރުންނަށް މިހާރު ސްކޮލަޝިޕްގެ ފުރުސަތު ލިބޭނެ.
• 17،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީގެ ފުރުސަތު ދީ، އެ ކަމަށް ދައުލަތުން މިހާތަނަށް 567 މިލިއަން ރުފިޔާ ހަރަދުކޮށްފި.
• ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ހަރަދުގަ އާއި އެހެން ގައުމުތަކުގެ އެހީގައި 25 ގައުމެއްގައި އެކި ސްކޮލަޝިޕްތަކުގައި 418 ދަރިވަރުން މިހާރު ވެސް އަންނަނީ މަތީ ތައުލީމު ހާސިލް ކުރަމުން.
• ސްކޮލަޝިޕްތަކަށް މި ސަރުކާރުން 528 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފި.
• މި ސަރުކާރުން ހަ ފަހަރެއްގެ މަތިން ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި 1،986 ދަރިވަރަކަށް ލޯނު ދީ، ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް އަދި މަތީ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން ދޭ އެހީތަކަކީ ދައުލަތުން ކުރާ ހަރަދުތަކެއް ނޫނެވެ. އެއީ އޭގެ އަންދާޒާ މުގާބިލު ވަރަށް ބޮޑު އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވި އެވެ. އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބޭނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ