ޢީދު ހަވީރު 1447: އާންމުންގެ ފަރާތުން ބޮޑު ތަރުޚީބެއް

ފިޠުރު ޢީދުގެ މުނާސަބަތުގައި މާލޭ ސަރަޙައްދުގައި މިއަދު ބޭއްވި "ޢީދު ހަވީރަށް" މިވަނީ ވަރަށް ބޮޑު ތަރުޚީބެއް ލިބިފައެވެ.
މި ހަރަކާތް ތިން ދުވަހަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ޢީދު ހަވީރު" މި ހަރަކާތަކީ ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ފިޠުރު ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މިއަހަރުގެ މި ހަވީރު މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެވެސް ޢީދު ހަވީރު އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭ ގޮތަށެވެ. އެގޮތުން ހަވީރު އިންތިޒާމުކުރުމުގައި ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ބައެއް ސްޓޯލްތަކުން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ.
ޢީދު ހަވީރުގެ ތެރެއިން ސަލާމަތީ ބާރުތަކުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްއެންޑީއެފް އަދި އެހެނިހެން މުއައްސަސާތަކުންވެސް އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ވަނީ ދައްކާލާފައެވެ. އަދި މި ތަކެއްޗާއެކު ފޮޓޯ ނަގާލާ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާއިލާތަކަށް ވަނީ ފަހިކޮށްދީފައެވެ.
މި ހަވީރުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ތުއްތުކުދިން އެއްވި އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އަދި މި ހަރަކާތް ދިވެހިން ވަކިން ޚާއްސަކޮށް ތުއްތު ކުދިންގެ ފަރާތުން ލިބުނު ތަރުޚީބު މިވަނީ ފެނިގެންގޮސްފައެވެ.
ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްދާނެއެވެ. އެއީ، ޢީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ. ޖުމްހޫރީ މައިދާން ސަރަޙައްދުގައި ހަރަކާތްތައް ކުރިއަށްދާނީ، އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭ ގޮތަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ، ހަވީރު 16:00 އިން 18:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ