ރަސްމާލެ ހިއްކަން "ޓަކީ ޖޯސް" ފަނާކޮށް ނެތިކޮށްލަނީ ރަސްމާލެ ހިއްކަން "ޓަކީ ޖޯސް" ފަނާކޮށް ނެތިކޮށްލަނީ

ފުށިދިއްގަރު ފަޅަކީ ރާއްޖޭގެ އޮތް އެންމެ ބޮޑު އެއް ފަޅެވެ. މީގެ އެތައް ހާސް އަހަރެއްކުރިން އުފެދި ހެދިބޮޑުވަމުން އައި އެ ފަޅުގައި މިއަދު ހިންގަމުން އެދަނީ ރާއްޖޭގެ ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު އެވެ. ރަސްމާލެ މަޝްރޫއު އާއެކު ފުށިދިއްގަރު ފަޅާއި އެ ފަރުގެ ވަށައިގެންވާ ހުރިހާ ދިރިއުމެއް ނެތި ފަނާވެ ދިޔައީ އެވެ.
އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ތަނަކަށް އޮތީ "ޓަކީ ޖޯސް" ރާޅު ބްރޭކެވެ. ފުށިދިއްގަރު ފަޅުގެ ދެކުނުއިރުމަތީ ކަނުގައި އުފެދޭ މި ރާޅަކީ ރާއްޖޭގެ ނިސްބަތުން މަގުބޫލު އަދި ދުނިޔޭގެ އެތައް ސާފަރުންނެއް ފަރިތަ ރާޅެކެވެ. މިއީ ކ. ގުޅި އާއި ފުށިދިއްގަރުފަޅާ ދެމެދު އޮންނަ ކަނޑުއޮޅިން ރަސްމާލެގެ ފަރުމައްޗަށް ވާތުން ބިންދާ ރާޅެކެވެ.
ރަނގަޅު ދުވަހެއްގައި ތިން "ބެރެލް ސެކްޝަން" ހިމެނޭ "ޓަކީ ޖޯސް"ގެ ހޮޅި ތެރޭ 200 މީޓަރަށް ދެވެ އެވެ. މިހާރު ވެސް ރިސޯޓުތަކަށާއި، ސަފާރީތަކަށާއި، ގެސްޓުހައުސްތަކަށް އަންނަ ސާފަރުން މި ރާޅަށް ފައިބަ އެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަނައި ދިވެހި ރާޅާއެޅުންތެރިން ވެސް ހިމެނެ އެވެ.
ރާޅުގެ ކޮލިޓީ، ކޮންސިސްޓެންސީ، އަދި ބޭނުންކުރާ މިންވަރާއި އިގުތިސޯދަށް ނަފާ އިތުރުކޮށްދޭތީ އެއީ ސަރަހައްދީ ގޮތުން ވެސް އަދި ގައުމީ ފެންވަރުގައި ވެސް މުހިންމު ތަނެމެވެ. އެއީ ރަސްމާލެ މަޝްރޫއުގެ އީއައިއޭގައި ވަސީލަތެއްގެ ގޮތުގައި އެތަން ކަނޑައަޅާފައި އޮތް ސަބަބެވެ.
ޓަކީ ޖޯސްގައި ސާފަރަކު ރާޅު ބެރެލްއެއް ތެރޭގައި
""ޓަކީ ޖޯސް އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ގައުމީ ފެންވަރުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ބަލާނެ ފަދަ ސިފަތަކެއް ލިބިފައިވާ ތަނެއް. މަތީ ފެންވަރުގެ ރާޅު އަޅާ ސަރަހައްދުތަކަކީ، ހާއްސަކޮށް ފެންވަރު ރަނގަޅު ބްރޭކްތަކަކީ، ދުނިޔޭގައި އިންތިހާއަށް މަދު ވަސީލަތްތަކެއް." ރަސްމާލެ އީއައިއޭ ރިވިއުކުރި ތިމާވެށީގެ ސައިންޓިސްޓު އަދި އޯޝަނޯގްރާފަރެއް ކަމަށްވާ ޑރ. އެޑްވާޑް އެޓްކިން އޭނާގެ ރިވިއުގައި ލިޔުއްވި އެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ލިބޭނެ ގެއްލުންތަކުގެ ފުރިހަމަ ދިރާސާއެއް ހަދާފައި ނުވާކަމުގެ ކަންބޮޑުވުން އެޓްކިން ފާޅުކުރެއްވި އެވެ.
"މިފަދަ ރާޅާއަޅާ ވަސީލަތްތައް ރައްކާތެރިކުރުމަކީ، ދިވެހި ޒުވާނުންނަށް އެ ކުދިންގެ އަމިއްލަ ވަޒަނުގައި ރާޅާއެޅުމުގެ ފައިދާ ހޯދުމަށް ލިބޭ ފުރުސަތެއް. ހާއްސަކޮށް، ހިކިފަސްތަން މަދު މިފަދަ ގައުމެއްގައި، ރާޅާއެޅުމަކީ ގުދުރަތީ މާހައުލެއްގައި ސިއްހަތަށް ފައިދާހުރި ގޮތެއްގައި ވަގުތު ހޭދަކުރުމަށް ހުޅުވިފައިވާ ފުރުސަތެއް،" އެ ތަނުގެ މުހިންމުކަން ފާހަގަކުރަމުން ސޭވް އަވާ ވޭވްސް މޯލްޑިވްސްގެ ފަރާތުން އީއައިއޭއަށް ފޮނުވި ޓެކްނިކަލް ނޯޓުގައި ބުނެފައިވެ އެވެ.
1970 ގެ އަހަރުތަކުގެ މެދުން ފެށިގެން ރާއްޖެއަކީ ރާޅާ އެޅުންތެރިން ހަރަކާތްތެރިވާ ގައުމެކެވެ. ބޭރު ގައުމުތަކުން އެތައް ޓޫރިސްޓުންނެއް ރާއްޖެއަށް ރާޅަށް ފޭބުމަށް ޒިޔާރަތްކުރެ އެވެ. ވަކިން ހާއްސަކޮށް ކޮވިޑަށް ފަހު ރާއްޖެ އަންނަ ސާފަރުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
އެފަދަ ބޮޑު އިގުތިސޯދީ ނަފައެއް ލިބެމުންދާ ތަނެއް ހަލާކުކޮށްލުމާ ދެކޮޅަށް ދިވެހި ސާފަރުންނާއި، ސާފު ގައިޑުންނާއި އަދި ރާޅާއި މޫދަށް ލޯބިކުރާ މީހުން އަންނަނީ ގޮވާލަމުންނެވެ. ރަސްމާލެ މަޝްރޫއުއާއެކު ރާއްޖޭގައި އޮތް އެންމެ ސަޅި "ލޭފްޓް ހޭންޑަރު" އެއްކޮށް ހަލާކުވެ ހިނގައިދިނެކަމުގެ ބިރު އެބައޮތެވެ.
އިންޓަކޯސްޓަލް ކޮންސަލްޓަންޓިންއިން ތައްޔާރުކުރި އެ ނޯޓުގައި ލަފާދީފައި އޮތީ ރާޅު ބިންދާ ހިސާބުން ފެށިގެން 500 މީޓަރު ދުރުން މެނުވީ ހިއްކުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ނުކުރުމަށެވެ. އެ ތަން ބޭނުންކުރާ ސާފަރުން ބުނާ ގޮތުގައި ސަރުކާރުން އޮތީ 300 މީޓަރަށް ވުރެ ކައިރިން އެފަދަ މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
"އަހަރުމެން ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅުވަނީއެއް ނޫން، ފުށިދިއްގަރު މަޝްރޫއުއާ ދެކޮޅުވަނީއެއް ނޫން. ސަރުކާރުން އަނގަބަހުން އޮތީ ޔަގީންކަން ދީފައި އެއްގަމުން ރާޅާ ހަމައަށް 300 މީޓަރު ލިބޭނެ ކަމަށް. ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކުން މިފަދަ ގޮތަކަށް ކަންކަން ކުރުމަކީ ލަދުވެތި ކަމެއް،" ސާފް ގައިޑެއް ކަމަށްވާ މުހައްމަދު ސަމާހު (ޗެޗޭ) އޭނާގެ އިންސްޓަގްރަމް އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ.
ޓަކީ ޖޯސް އަދި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ނަމަވެސް، އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިން ހިއްކަން އަޅާފައިވާ ހޮޅިތަކާއި، އެކްސްކެވޭޓަރުތަކާއި ލޯޑަރުތައް ހަރަކާތްތެރިވަމުން ދަނީ ރާޅު ބިންދާ ހިސާބުގެ ބުޑުގަ އެވެ. 500 މީޓަރެއް އަދި ކުޑަމިނުން 300 މީޓަރު ވެސް މަސައްކަތު ސައިޓާއި ރާޅު ބިންދާ ހިސާބާ ދެމެދު ނުހުންނާނެ އެވެ.
"ޓަކީ ޖޯސް ރައްކާތެރިކުރުމަކީ ހަމައެކަނި ރާޅެއް ހިމާޔަތްކުރުމެއް ނޫން، އެއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ބޮޑު ހިއްސާއެއް ވެދާނެ އަގުހުރި ވަސީލަތެއް ސަލާމަތްކުރުން. ދުނިޔޭގެ އެހެން ތަންތަނާ އަޅާނުކިޔޭ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ މި ރާއްޖެއަށް، ދުނިޔޭގެ ރާޅާއެޅުމުގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ކުރިއަރާފައިވާ މަންޒިލަކަށް ވުމުގެ ފުރުސަތު އެބައޮތް،" ރާޅުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް އަވާ ވޭވްސްއިން ބުނެފައިވެ އެވެ.
ރަސްމާލެ ހިއްކާތީ މިފަހުން އެ މަޝްރޫއުއަށް ގެނެސްފައިވާ ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ރިސްޓޮބަލް ކޯލޮން ކައިރީގަ މުޒާހަރާ ވެސް ކުރި އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކުމަށް ވެލި ނަގަމުންދަނީ ދެކުނު މާލެ އަތޮޅުތަކުގައި އޮތް ރަށްރަށާ ވަރަށް ކައިރިންނެވެ.
ރަސްމާލޭގެ ދެކުނުން އޮންނަ ގުޅި، މާފުށި އަދި ގުރައިދޫއަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ތިން ރަށެވެ. ދެކުނު މާލެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ވެސް ހިންގަމުން އަންނައިރު ގެސްޓުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓްތަކާއި ރާޅުތައް ހަލާކުވަމުން އަންނަ ކަމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފަ އެވެ.
ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރީގައި މުޒާހަރާ ކުރަނީ
ވެލި ނެގުމުގެ ސަބަބުން މާލެ އަތޮޅު ދެކުނު ބުރީގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި ކުނޑި ކިސަޑު ފެތުރެމުންދާކަން ޑްރޯން ވީޑިއޯތަކުންނާއި ސެޓްލައިޓު ފޮޓޯތަކުން ވެސް ދަނީ ފެންނަމުންނެވެ. ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ވެސް ވަނީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ކޮންޓްރޯލެއް ނެތި ކުނޑި ކިސަޑު ފެތުރެމުން ދިއުމުގެ ސަބަބުން، ވަށައިގެންވާ މުރަކަ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ފަޅު ފުންކުރުމާއި ބިން ހިއްކުން ހިމެނޭކަން ގަބޫލުކުރަން. ނަމަވެސް، ހުރިހާ ކޮންޓްރެކްޓަރުން ވެސް ސަރުކާރުގެ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ގަވާއިދުތަކަށާއި، އީއައިއޭ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
------
ދިވެހިންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ބިން އެބައޮތެވެ. ނަމަވެސް މާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ސިޔާސަތު ސަރުކާރަކަށް ފަހު ސަރުކާރަކުން އަންނަނީ ތަންފީޒު ކުރަމުންނެވެ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތަށް ބާރުދޭން ހިންގަނި ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިކޮސައިޑެވެ.
ރަސްމާލޭގެ ފަޅުން 1153 ހެކްޓަރު ހިއްކި ނަމަވެސް އެ ތަން އާބާދުކޮށް އެ ތަނުން އިގުތިސޯދީ ނަފާ ނެރުމަށް އެތައް އަހަރެއް ނަގާނެ އެވެ. ލޯނު ނަގައިގެން ހިންގާ މިފަދަ މަޝްރޫއުތަކުން ދައުލަތް ސަލާމަތްނުވެވިގެން އުޅޭއިރު އިގުތިސޯދީ ނަފާ ހޯދައިދެމުން އަންނަ ވަސީލަތްތައް ފަނާކުރަމުންދިޔުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.
އޭގެ ބަދަލުގައި އެ ހަލާލުކޮށްލެވެނީ ގުދުރަތުގެ ނިޒާމެވެ. "ޓަކީ ޖޯސް" ފަދަ ރާޅުތަކަކީ ގުދުރަތީ ތަރިކަ އެވެ. އެފަދަ ތަންތަން ފަނާނުކޮށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ގޮތްގޮތް އެބަހުއްޓެވެ. އެ މަގުން ކަންކަން ނުކުރުމަކީ އަންނަން އޮތް ޖީލުތަކަށް ވެވޭ ހިޔާނާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ