އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތައް ހުރީ ހުދުމުހުތާރުވެރިކަމެއް ކުރަން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަން މެދުނުކެނޑި 30 އަހަރު ކުރެއްވި މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުން ވަގުތުން މިވެނި ކަމެއް ހުއްޓުވާނެ ކަމަށް ވިދާޅުވާ ކަމަށެވެ.
"ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ހުދު މުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ގާނޫނު. ކޮބައިތޯ ޑިއު ޕްރޮސެސް،" މައުމޫން ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރައްވާ މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެސްޓް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލެވެ.
އެ ހުރިހާ ބޭފުޅުންވެސް ގެންދަވަނީ ސިޔާސަތުތައް ހާމަކުރައްވައި ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ ވެރިކަމަށް އައިސް އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ކަމަށެވެ.
ބައެއް ކެންޑިޑޭޓުންގެ ވާހަކަތައް ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ