މޫދު އަޑިން ކަރަންޓް ކޭބަލެއް އަޅައި ކަރަންޓްގެ ހިދުމަތް ދިނުމުގެ ޝަރަފު ފެނަަކަށް!

ރާއްޖޭގައި ފުރަތަަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް މޫދު އަޑިން ކަރަންޓް ކޭބަލެއް އަޅައި އެއް ވިއުގައަކުން ގުޅާލައި ފެނަކައިން ކަރަންޓްގެ ހިދުމަތް ދޭން ފަށައިފިއެވެ.
ސަތޭކަ ޕަސެންޓު ދިވެހިންގެ މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރި އިންޖީނުގެއިން ފަރެސް މާތޮޑާއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޭބަލް ވިޔުގައަކުން ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ، ރާއްޖޭގެ ރައްރަށަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުން ޒަމާނީ ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓުގައި ގާއިމް ކޮށްފައިވާ އިންޖީނުގެއަކީ 10 މެގަވޮޓުގެ ކަރަންޓް އުފެއްދޭ ފެންވަރަށް ގާއިމް ކޮށްފައިވާ އިންޖީނުގެއެއް ކަމަށެވެ.
މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑު ޕުރޫފް ކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ކަމަށް ފެނަކައިން ފާހަގަކުރެއެވެ.
ފެނަކައިން ބުނީ، މިއަދު ރަސްމީކޮށް ހުޅުވި މި އިންޖީނުގޭގެ ކޭބަލް ވިޔުގައިން ފަރެސްމާތޮޑާއަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދެވިގެންދާނެ ކަމަށާއި އަދި ފަރެސްމާތޮޑާ އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ ހިދުމަތް ވެސް ދެމުން ދާނީ ފެނަކައިގެ މި އިންޖީނުގެއިން ކަމަށެވެ.
ކުރިއަށް އޮތް 50 އަހަރަށްވެސް ފުދޭ މިންވަރަށް ހަދާފައިވާ މި އިންޖީނުގެއަކީ ފެނަކައިން ރާއްޖޭގެ ރައްތަކުގައި އަސާސީ ހިދުމަތްތައް ކަށަވަރު ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދައުރުގައި ފަށައިގެން ކުރިއަށް ގެންދެވުނު ކާމިޔާބު މަސްރޫއެއް ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ