އައު ސަބްސިޑީ ނިޒާމުން ފަގީރުންނަށް ލިބޭ އެހީ ބޮޑުވާނެ

އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ޢަމާޒުކޮށްގެން ސަބްސިޑީ ދޭންފެށުމުން، އެމީހުން ކުރަންޖެހޭ ޚަރަދަށްވުރެ އިތުރަށް ފައިސާ އެހީ ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަބްސިޑީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ. ރައްޔިތުންނަށް އަސާސީ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ދައުލަތުން އަންނަނީ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި އެތައް ބިލިޔަން ރުފިޔާއެއް ހޭދަކުރަމުންނެވެ.
ދައުލަތުގެ ބަޖެޓު ތަންފީޒު ކުރާނެ ގޮތުގެ ބައެއް ތަފްސީލްތައް ހިމަނައި، އާންމުކޮށްފައި ބަޖެޓް ޕޮޒިޝަން ރިޕޯޓުގައި ސަބްސިޑީއަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިހާރު ކަރަންޓާއި، ތެލާއި، ކާޑު އަދި ނަރުދަމާގެ ޚިދުމަތަށް ދެމުންދާ ނުސީދާ ސަބްސިޑީ ބަދަލުގައި ޓާގެޓެޑް ސަބްސިޑީ ނުވަތަ އެންމެ ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިފަދަ ނިޒާމަކަށް ބަދަލުވާން ނިންމާފައިވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި ސަބްސިޑީ މިހާރު ދެމުން އަންނަ ގޮތުގެ ސަބަބުން، ދުވަހުން ދުވަހަށް ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު އަގުތައް އުފުލި، ސަބްސިޑީތަކަށް ކުރަންޖެހޭ ޚަރަދުތައް ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންކަމަށްވާތީއެވެ.
މާލީ ވުޒާރާގެ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން ސަބްސިޑީއަށް ކުރާ ޚަރަދު ވޭތުވެދިޔަ 5 އަހަރުތެރޭ 1.2 ބިލިޔަން ރުފިޔާއިން 3.2 ބިލިޔަން ރުފިޔާއަށްވަނީ އިތުރުވެފައިވެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މިހާރު ސަބްސިޑީތައް ދޭ އުސޫލަށް ބަލާއިރު، ސަބްސިޑީތަކުން އެންމެ ބޮޑު ފައިދާއެއް ކުރަނީ އާބާދީގެ އެންމެ މުއްސަނދި މީހުންނަށެވެ. އެގޮތުން ސަބްސިޑީ ތަކުގެ 43 އިންސައްތަ އާބާދީގެ އެންމެ ތަނަވަސް 40 އިންސައްތަ މީހުންނަށް ލިބެއެވެ.
ސަރުކާރުން، ސަބްސީޑީ ނިޒާމު ބަދަލު ކުރުމަށް އަމާޒު ހިފާފައިވަނީ ޕްރޮގްރެސިވް ނިޒާމަކަށެވެ. އެއީ އާމްދަނީގެ ނިސްބަތުން ސަބްސިޑީ ދެވޭނެ ނިޒާމެކެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ސަބްސިޑީ ނިޒާމަށް ބަދަލު ގެނައުމަށް ބޭރު ޤައުމުތަކުގައިވެސް މިކަން ކުރެވޭ ގޮތް ބަލާފައިވާ ކަމަށެވެ. އެގޮތުން ގިނަ ޤައުމުތަކުގައި ތެލަށް ކުރާ ޚަރަދު ބޮޑުވުމުން އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ސީދާ ފައިސާ ދޭ ނިޒާމަކަށް 2000 ގެ އަހަރުތަކުގައި ވަނީ ބަދަލުކޮށްފައެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރު ދެމުންދާ ސަބްސިޑީތައް ކަނޑާލުލުމުން އާބާދީގެ އެންމެ ފަޤީރު 20 އިންސައްތައިގެ އުޅޭ ގޭބީސީތަކުގެ ޚަރަދު 1770 ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. ނަމަވެސް ސީދާ ގޭބީސީތަކަށް ފައިސާ ދޭ ނިޒާމަކަށް މި ނިޒާމު ބަދަލުވާއިރު، އެ ގޭބީސީތަކަށް މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 2450 ރުފިޔާ، އައު ސަބްސިޑީ ނިޒާމުގެ ދަށުން ދޭނެއެވެ. އެހެން ކަމުން މަދު އާމްދަނީ ލިބޭ ގޭބީސީތަކަށް މި ނިޒާމުގެ ސަބަބުން ކުރާ ފައިދާ ބޮޑުވާނެއެވެ.
ދައުލަތުން މިވަގުތު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭއިރު، އެ ސަބްސިޑީތަކުގެ ފައިދާ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ނުކުރާ ކަމަށް ބޭރުގެ މާލީ އިދާރާތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެންކަމުން އަލަށް ގެންނަ ބަދަލާއެކު އެންމެ ބޭނުން ޖެހޭ ފަރާތްތައް ދެނެގަނެ ސަބްސިޑީ އެފަރާތްތަކަށް ދެވޭނެއެވެ.
ސަރުކާރުން އެފަރާތްތަށް ކަނޑައަޅަނީ "ޕްރޮކްސީ މީންސް ޓެސްޓް"، ޕީއެމްޓީ މޮޑެލްގެ ދަށުންނެވެ. މިއީ ސަރުކާރުތަކުން ގޭބީސީއެއްގެ އާމްދަނީ ސީދާ ދެނެނުގަނެވޭ ހާލަތެއްގައިވެސް ލިބެން ހުރި މައުލޫމާތު ބޭނުންކޮށްގެން ދިރިއުޅުމުގެ ފެންވަރު ދަނެގަނެވޭ މޮޑެލެކެވެ. މިގޮތުން ކޮންމެ ގޭބީސީއަކުންވެސް ޕީއެމްޓީއަށް ބޭނުންވާ ސުވާލު ކަރުދާސް ފުރިހަމަ ކުރުމުން އެއަށް ބިނާކޮށް ސްކޯއެއް ދެވޭނެއެވެ.
ގޭބީސީތަކުން ހިއްސާ ކުރާ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ދައުލަތުގެ ހުރިހާ ނިޒާމެއްގެ ތެރޭ އެއްކުރެވިފައި ހުރި މައުލޫމާތަށް ރިޢާޔަތް ކުރެވޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން މީރާ، ޕެންޝަން އޮފީސް، އަދި ބޭންކުތަކުން މައުލޫމާތު ހޯދާ މަޢޫލޫމާތުގެ ކަށަވަރުކަން ސާވޭތަކެއް ހިންގާނެއެވެ. މި ނިޒާމު ތަންފީޒު ކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ޓެންޑަރ ކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންދާޒާ ކުރާގޮތުގައި، ސީދާ ރައްޔިތުންގެ ޖީބަށް ސަބްސިޑީ ދިނުމަށް، އަހަރަކު 1.2 ބިލިޔަން، ރުފިޔާ ޚަރަދުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ