ތިނަދޫ ސިޓީ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގޯސްކޮށް ކަމަށް ބުނެ އެ ސިޓީ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީ ސަރުކާރުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގަ އެވެ. އޭގެ ފަހުން އެކަމުގައި ހުރި ބައެއް ގާނޫނީ ހުރަސްތައް ހައްލުކޮށް މި އަހަރުގެ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފަ އެވެ.
ނަމަވެސް ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ދާދި ފަހުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި އޭނާ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ.
މިކަމުގައި މެމްބަރު ސައުދުﷲގެ އަތެއް ވާ ކަމަށް އާންމުންގެ ތެރެއިން ތުހުމަތުކޮށްފައި ވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ދެކޮޅަށް މެމްބަރު ސައުދުﷲ ވެސް ސޯޝަލް މީޑިއާގައި އަޑު އުފުލާފައިވާތީ އެވެ. އަދި މެމްބަރު މިއަދު ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާކަން ވެސް އާންމުކޮށްފަ އެވެ. މައްސަލަ ލިބިފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ އަސްލު ޓީވީ އަށް ކަށަވަރުކޮށްދީފަ އެވެ.
ސައުދުﷲ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ތިނަދޫ ސިޓީ ކައުންސިލަށް ގިނަތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ތިނަދޫ ސިޓީ އަކަށް ހަދާފައި ވަނީ ތިނަދޫ ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައި އާބާދީ އޮޅުވާލައިގެން ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން 10،150 މީހުން އާބާދީގައި ހަމަކޮށްފައި ވަނީ ތަކުރާރުކޮށް މީހުންގެ ނަން ހިމަނައިގެން ކަމަށް ސައުދުﷲ ތުހުމަތުކޮށްފައިވެ އެވެ.
އެ ސިޓީގައި އޭނާ ބުނިގޮތުން ސަރުކާރުން ވެސް ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން ފޮނުވި ލިސްޓު އެއްވެސް ވަރަކަށް ޔަގީން ނުކޮށެވެ. އަދި އޮޅުވާލުމުގެ ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ވެސް ހޯދަނީ އެހެން ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
ތިނަދޫ ސިޓީ ކައުންސިލަށް ކުރާ މި ތުހުމަތުތައް ކައުންސިލުން މީގެ ކުރިން ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން މެޔަރ ސައުދު އަލީ ވަނީ އެފަދަ އެއްވެސް ކަމެއް ކައުންސިލުން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަސްލު ޓީވީ އަށްދެއްވާފަ އެވެ.
ތިނަދޫގެ މެމްބަރުންގެ ވޯޓާއި އެކު ދާއިރާގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އިންތިޚާބު ކުރި މެމްބަރަކު ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް ކޯޓަށް އަދި މަޖިލީހަށް މައްސަލަ ހުށަހެޅުމަކީ ސީދާ ރައްޔިތުންނާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށް އެ ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މެމްބަރު ސައުދާ ދެކޮޅަށް ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ވެސް އަޑު އުފުލާފަ އެވެ. އެެެހެންނަމަވެސް މެމްބަރު ސައުދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައިވެސް ބުނެފައިވަނީ، އޭނާ މި މައްސަލަ ހުށަހެޅީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
ތިނަދޫ ސިޓީއާ ދެކޮޅަށް، އެ ސިޓީ އުތުުރު ދާއިރާގެ މެމްބަރު ސައުދު މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ