ބަނަފުސާ 12

މުރައްރިފް ބުން އަބްުދުﷲ ވިދާޅުވިއެވެ."ﷲގެ އަޅުތަކުންގެ ތެރެއިން އެ އިލާހުގެ ހަޟުރަތުގައި އެންމެ ލޮބުވެތި މީހަކީ ޝުކުރުވެރިވެ ކެތްތެރިވާ މީހާއެވެ. އޭނަ މުސީބާތެއް ޖެހިއްޖެނަމަ ކެތްތެރިވެއެވެ. އަދި ނިއުމަތެއް ދެއްވައިފިނަމަ ޝިުކުރުވެރިވެއެވެ." އަހްމުަދު ބިން ހަންބަލް" *** މިއީ ކޮން ކަހަލަ ގަލެއްތަ؟" އަދިލް ކުޑަކަކޫމައްޗަށް ތިރިވެ އޭގައި އަތް ޖައްސައިލިއެވެ. އޭރު އޭނާއަކަށް މިއީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުހުރި ހުދަންބަރު މާވަަހަރެއްކަމެއް އެނގިފައެއްނެތެވެ. އޭނަ ހީކުރީ އެއީ ކަނޑުން ލެއްގި ހިލަގަނޑެއް ކަމަށެވެ. އެކަމަކު އޭގައި ތަފާތު ސިފައެއް ހުރުމުން ގެއަށް ގެންނަން ހިތަށް އެރީއެވެ. އޭނަ ގޯންޏެއް ހޯދައިގެން އެ ނަގައިގެން ގެއަށް އައެވެ. އޭނަ އެ ހިފައިގެން ގޮސް ބޭއްވީ އެމީހުންގެ ގޭގެ ފުރަގަހުގައި ހުރި ދުވަސްވީ ކުޑަ ގުދަނަކަށެވެ. އެތަނަކީ އެއްވެސް މީހަކު ވަދެއުޅޭ ތަނެއް ނޫނެވެ. ދޮރުގެ ތަޅު ހަލާކުވެ ފާރުތަކުގައި ފެހި ޖަހާ ފުރާޅު ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ތަނެކެވެ. އެ ގުދަނުގެ ކަނެއްގައި ބާ ފޮށިތަކެއްގެ ފުރަގަހުގައި އެ މާވަހަރު ފޮރުވާލިއެވެ. "މިއޮތީ ސަޅި އެއްޗެއް ހޯދިފައެއްނު.....ސިދްރާގެ ކުރެހުމަކަށް މިވެސް ހަމަ ރަގަޅުވާނެ....." އޭނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދަލް ފޯނު ހުޅުވާލައިގެން ހުރެ އޭނައަށް ފެނުނު އާދަޔާ ޙިލާފު ގަލާއި ބެހޭގޮތުން މައުލޫމާތު ހޯދިވަރަކަށް އެއިން ފެންނަން ފެށީ ކަނޑުގެ އަގުބޮޑު ޚަޒާނާއެއްކަމަށްވާ މާވަހަރުގެ ސިފަތަކެވެ. މިއީ ހަމަ ހަގީގަތުގައިވެސް މާވަހަރެއްހެއްޔެވެ؟ އަދަލްގެ ހިތަށް ޔަގީންކަމެއް ނުލިބުނަސް އޭނަގެ ދެލޯ ކަރުނުން ފުރުނެވެ. ލޮލުން ފޭބި ކަރުނަ ތިކިތައް ކޯތާފަތްމަތިން ވިދަމުން ދިޔައިރު އޭނަ ވަގުތުން ﷲ ތައާލާގެ ހަޟުރަތަށް ޝުކުރުގެ ސަޖިދައަކަށް ތިރިވިއެވެ. އެއީ އޭނަގެ ދުޢާ އިޖާބަކުރެއްވިކަމުގެ އުފަލުގައެވެ. މިފަހަކަށް އައިސް ކޮންމެ ރެއަކު ތަހައްޖުދު ނަމާދަށްފަހު އޭނަ ﷲތައާލާގެ ހަޟުރަތުގައި ދުއާ ދެންނެވުނު އަދަދެއްވެސް ނޭގެއެވެ. އަމިއްލަ ނަފުސަށްޓަކާ އޭނަ ކުރާހާވެސް ދުޢާއަކީ ފާފަ ފުއްސެވުމެވެ. ދެން ހުރިހާ ދުޢާއެއް ކުރެވެނީ ލޯބިވާ މަންމައަށްޓަކައެވެ. މަންމަގެ އުފާތަކާއި ހިތްހަމަޖެހުމަށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމާއި ނަސީބު މަންމައަށް ދެއްވުމަށް އެދިއެވެ. އަދަލް މި އުފާވެރި ޚަބަރު މަންމައާއި ސިދްރާއާއި ހިއްސާކުރަން ކޮޓަރިން ނުކުތްއިރު ބޭރު ފަޒާއޮތީ ހިމަފޮދު ވާރޭގެ ސަބަބުން ފުސްވެލާފައެވެ. މަންމަ ފެންނަން ނެތުމުން ހޯދަމުން ހޯދަމުން އޭނަ އަޒުއާ ހައިޓްސްއަށް ދިޔައިރު އާއިލާގެ އެންމެން ތިބީ ސައިމޭޒުދޮށުަގައި ސައިބުއިމުގައެވެ. އޭރު އެތަނުގައި ދެކެވެމުން ދިޔައީ ޒިހާމްގެ ޕްރޮޖެކްޓް ނާކާމިޔާބުވީ ވާހަކައެވެ. އިންވެސްޓަރުން ފަހަތަށް ޖެި އެމިލީ ތައްޔާރުކުރި އިންޓީރިއާ ޑިޒައިން ކޮންސެޕްޓްވެސް އެމީހުން ހިތްހަމަނުޖެހުން ފައުޅުކުރި ވާހަކައެވެ. އެމިލީގެ މޫނުމަތިން ފެނުނު މޮޅިވެރިކަމާއި ކަންބޮޑުވުން ފެނުމާއެކު އޭނަގެ ހިތަށް ރަހުމްވަނެވެ. މާވަހަރުގެ ޚަބަރު އެމީހުންނާއި ހިއްސާކޮށް މިއިން ލިބޭ ބޮޑު ފައިދާ އެންމެނަށް ބަހައިލަންވީއެވެ. ނަމަވެސް އެފަދަ ބޮޑު އުއްމީދެއް ދިނުމުގެ ކުރިން މިއީ ހަމަ ހަގީގަތުގައިވެސް މާވަހަރެއްކަން ސައްތައިން ސައްތަ ޔަގީންކުރަން އޭނަގެ ޟަމީރު ބުނެލިއެވެ. އެންމެ ފުރަތަމަ ކަމަކަށް މިކަމުގެ މާހިރަކަށް އެ ގާގަނޑު ދެއްކުން ބުއްދިވެރިވާނެއެވެ. *** އިރުއޮއްސެން އުޅެނިކޮށް ބޯ ވާރޭގެ ސައިލެއް އައިނަމަވެސް އަދަލްގެ ފިޔަވަޅުތަކަށް ހުރަހެއް ނޫޅުނެވެ. އޭނަ ވާރޭ ކޯޓުލައިގެން މިސްކިތަށްގޮސް ނަމާދުކޮށްލައިގެން ފޯނުން ގުރުއާން ކިޔަވަން އެތައް އިރެއްވާންދެން އިނެވެ. އެހިމޭން މާހައުލުން އޭނަގެ ހިތަށް ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއްލިބުނެވެ. އިޝާ ނަމާދު ނިންމާލާފައި އެނަ ގެއަށް އައިިއިރު ސިދްރާ ހުރީ އިންތިޒާރުގައި ދޮރުމަތީގައެވެ. ފެންޑާގައި ދިއްލާފައި ހުރި ބޮކީގެ އަލި ފަނޑުކަމާއެކު މުޅިތަނަށް ފަޅުކަން އިތުރުވެފައިވަނީ މޫސުމްގެވެސް ގޮތުންނެވެ. ނަމަވެސް އެ ފަނޑު އަލީގެ ތެރެއިންވެސް ސިދްރާގެ ކަޅިރަވައިގެ ތޫނު ވިދުން އޭނަގެ ލޮލުގައި އަޅައިގަތެވެ. "ޢަދަލް..ކުރިން ދެއްކި ކައިވެނީގެ ވާހަކަ......"ސިދްރާ މަޑުމަޑުން ބުނެލިއެވެ."ސަރަފީނާ ދައްތަ އެއްބަސްވަންޏާ އަހަރެެމން މާލެއަށްގޮސް ކައިވެނީގެ ކަންތައް ނިންމާލާފައި މިކޮޅަށް އަންނާނީ..ކޯޓަށްގޮސް ސިއްރުން ނިންމައިލީމަ އެކަކަށްވެސް ނޭގޭނެ...މިރަށު މީހުންގެ ވާހަކަތަކުން ހަމަ ވަރަށް ބޮލަށް އުދަގޫވޭ..މުސްލިމުންނަށްވީއިރުވެސް ނެތިނުބައި ކިޔުމާއި ގޮސިޕްކުރުން ނޫންކަމެއް މިރަށަކުނެތް..އެހެންވެ އަހަރެން ބޭނުންވަނީ ސިއްރުން މިކަންތައް ނިންމައިލަން..އަދަލްއަށް އެގޮތް ރަގަޅިއްުޔާ...." "މްމްމް..މަންމަ އޯކޭވެއްޖެއްޔާ ތިގޮތް މައްސަލައެއްނެތް..."ޢޭނަ ވާރޭ ކޯޓު ބާލާފައި ފެންޑާގައި ހުރި ހަރެއްގައި އަޅުވައިލަމުން ސިދްރާގެ މޫނަށް ބަލައިލިއެވެ."ސިދްރާ..ކައިވެންޏަށްފަހު އަންހެންކުއްޖާގެމައްޗަށް ބަރޯސާވެގެން ހުރުމަކީ ދުވަހަކު ވިސްނިގޮތެއްނޫން..އެހެންވެ މިއުޅެނީ އަމިއްލަ މަސައްކަތެއް ފަށަން....އެހެންމީހެއްގެ ދަށުގައި މަސައްކަތްކުރީމަ ކޮންމެފަދަ ލަނޑެއްވެސް ލިބިދާނެ.." "އަމިއްލަ މަސައްކަތެއް؟ ކޮންކަމެއް؟"ސިދުރާ ޝައުގުވެރިވިއެވެ. "ފަރުމަސްބާނައިގެން ވިއްކާނީ...ޕޭޖެއް ހަދާފައި އޮންލައިންކޮށް އޯޑަރު ނަގާނީ..."އޭނަ ޕްލޭން ކިޔާދިނެވެ. "އޯ....އެއީ ހަމަ ވަރަށް ރަގަޅުކަމެއް.."ސިދްރާ ހީލީ އުފާވެރިގޮތަކަށެވެ. އެލޮލުގައި ހާސްތަރި ދިއްލުނުފަދައެވެ."އަހަރެެމެންނަށް މިއަށްވުރެ ބޮޑު ވިޔަފާރިއެއް ފެށެންދެން އެއީ ހަމަ އެންމެ ރަަގަޅު ފެށުމެއް ދޯ...." "ސިދްރާއަށް އެނގޭތަ؟ އަހަރެން...."އޭނަގެ އަތުގައި އޮތް އެންމެ ބޮޑު ޚަޒާނާެ ވާހަކަ ބުނަން އަނގަ ހުޅުވައިލިތަނާ ސަރަފީނާ އަންނަތަން ފެނި ސިދްރާ އަވަހަށް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ސިދްރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިތަން ބަލަން ހުރެފައި ސަރަފީނާ ލާނެތްގޮތަކަށް ހިނިތުންވެލިއެވެ. "އަދަލް ދަރިފުޅު...މަންމަ މިއައީ ހަމަ ދަރިފުޅާ މިވާހަކަދައްކަންވެގެން.."ސަރަފީނާ އަދަލްގާތުގައި ހުއްޓުނެވެ. "ކޮންވާހަކައެއް މަންމާ؟" އަދަލްގެ ހިތް ބާރަށް ތެޅިގަތެވެ. އޭނަގެ ހިތުގައި ބިރުވެެރިކަމެއް އުފެދުނެވެ. ސަބަބަކީ މަންމަ އަބަދުވެސް ސިދްރާއާއި ދިމާލަށް އަޑުލާ ކޮންމެ ކަމަކަށް ފާޑުކިޔާތީއެވެ. ސިދްރާ ކިތަންމެ ރަަގަޅަށް ކަމެއްކޮށްދިނަސް ބޯ މޮޑެދީ ހެދިޔަސް މަންމަގެ ދުލުން ޝުކުރުގެ ބަހެއް ބޭރެއްނުވެއެވެ. ގިނަފަހަރު ނުރުހުމެވެ. ޚާއްސަކޮށް އަދަލްއާއި ސިދްރާެ ކައިވެނީގެ ވާހަކަ ރަށުތެރޭ ފެތުރެން ފެށިފަހުން މަންމަ ހުންނަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. "ސިދްރާއަކީ މޮޔަކުއްޖަކަށްވިޔަސް މަންމައަށް އެވަރުެ ހެޔޮލަފާ އަންހެންކުއްޖަކު މި ރަށުން ނުފެނޭ..."ސަރަފީނާ ފުން ނޭވާއެއް ދޫކޮށްލިއެވެ."އެއީ ހިތްތިރި ކިޔަމަންތެރި އަދި މުރާލި ކުއްޖެއް...އެއީ ހަމަ މަގޭ އަދަލްއާއި އެންމެ އެކަށީގެންވާ އަންހެންކުއްޖާ..ދަރިފުޅު އޭނައާއި އިންނަންވީނު؟ މަންމަ ސިދުރާއާއި ދިމާލަަށް ވަރަށް އެއްޗެހި ކިޔާފައި ހުރީ..އެކަމަކު އަދަލްވެސް ރާޅާ އަޅަންގޮސް ކަމެއްނެތި އެހެން އުޅޭތީ ހިތަށް އެރީ ކައިވެންޏެއްކުރީމައޭ ޒިންމާދާރުވާނީ...މަންމަ އުއްމީދުކުރަނީ އިސްލާހުވެ ކަންނެތްކަން ފިލާނެކަމަށް.." މަންމަގެ ދުލުން އިވުނު ކުއްލި ބަސްތަކުން އަދަލްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އޭނަގެ ހިތް އުފަލުން ފުރުނެވެ. އޭނަ ލޯތްބާއެކު މަންމަގެ އަތްތިލައިގާ ހިފާލާ އެ އަތުގައި ބޮސްދިނެވެ. "މަންމަ ހާދަ ރަގަޅޭ..އަލްހަމްދުލިﷲ..މިހާ ރަގަަޅު މަންމައެއް ލިބުނުކަމީ ހަމަ ނަސީބެއް...އެކަމާއި ޝުކުރުވެރިވާނެގޮތެއްވެސް ނޭގޭ......."އަދަލްގެ އެސްފިޔަތައް ތެމުނެވެ."މަންމައަށް އެނގޭތަ؟ ސިދްރާގެ ހުންނަ ތަފާތު ގޮތްތަކާއި އެކީގައިވެސް ހިތް އެންމެ ބޮޑަށް އެދުނީ ސިދްރާއަށް...އެންމެ ކަމުދަނީ ހަމަ ސިދްރާ..." "ވީހާވެސް އަވަހަށް ހަމަ ކައިވެނި ކުރަންވީ..ޖިޔާދުބެއަށް ކަމުދާނެތަ؟"ސަރަފީނާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. *** އަނެއްކޮޅުން، މާރިޔާ އިނީ އޭނާގެ ދަރިފުޅު ޒިހާމްގެ ބޮޑު ޕްރޮޖެކްޓް ފުނޑުވުމުން މުޅިން މޮޅިވެރިވެ ބޯ ހާސްވެފައެވެ. އެމީހުންގެ މުއްސަނދިކަމާއި އަބުރު ދެމެހެއްޓުމަށްޓަކައި މާރިޔާގެ ސިކުނޑީގައި ނުބައި މަކަރުވެރި ރޭވުމެއް ހިނގިއެވެ. ސިދުރާގެ ބައްޕަ ޖިޔާދު ފްރާންސްގެ މުއްސަދި އަންހެނަކާއި ކައިވެނިކުރުމަށްފަހު ވިޔަފާރިއެއް ފަށައިގެން ދިރިއުޅެނީ ނިއުމަތުގައެވެ. ސިދުރާގެ ނަމުގައި މި ރަށުގައި ހުރި ބޮޑު ބިމާއި ގެއަކީ ޒިހާމްގެ ހުއްޓިފައިވާ ޕްރޮޖެކްޓް ސަލާމަތްކުރަން ބޭނުންކުރެވިދާނެ އެންމެ ފަހުގެ އުންމީދެވެ. "ޒިހާމް... ދަރިފުލު އެބަޖެހޭ ސިދުރާއާ އިންނަން......" މާރިޔާ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޒިހާމްގެ ގާތުގައި ސިއްރުން ބުންޏެވެ. "މަންމާ.... މޮޔަވީތަ؟ އެ މޮޔަގަނޑާ ކައިވެނި ކުރާނީ ކިހިނެއް؟ އަހަރެންގެ އަގު ވެއްޓިދާނެ...... ޒިހާމް އިންތިހާ ދަރަޖައަށް ނުރުހުންވިއެވެ. "ވިސްނާބަލަ ޒިހާމް........." މާރިޔާ ލޯ ހަނިކޮށްލިއެވެ. "އޭނާ މޮޔައަކަސް އޭނާގެ ބައްޕަ ދިން ބޮޑު ހަރުމުދާ އެބަހުރި....ޒިމް އޭނާއާ ކައިވެނިކޮށްގެން އޭނާގެ ނަމުގައި ހުރި ގެއާއި އެހެން ތަންތަން ޒިމްގެ ނަމަށް ބަދަލުކޮށް އެ ބިންތައް ބޮޑު އަގުގައި އިންވެސްޓަރުންނަށް ވިއްކާލެވޭނެ..... އޭރުން ޒިމްގެ ޕްރޮޖެކްޓްވެސް ސަލާމަތްވާނެ..... އޭނާގެ މޮޔަކަމުގެ ފައިދާ ނަގަންވީ. އޭނައަށް ކޯޗެއް އެނގޭނީ؟" ޒިހާމް ވިސްނައިލިއެވެ. މަންމަގެ ޚިޔާލު ރަގަޅެވެ. އެއާއެކު އެ ނުބައި ރޭވުމަށް އެއްބަސްވުމުގެ ކުލަވަރު މޫނުމަތިން ފާޅުވިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ