ތައިލެންޑުގެ ޝާހީ އާއިލާއަށް ފާޑުކިޔުމުން ދައުވާ އުފުލި ސިޔާސީ ލީޑަރު ކޯޓުން ސަލާމަތްވެއްޖެ

ތައިލެންޑުގެ އިދިކޮޅު ސިޔާސީ މީހަކާ ދެކޮޅަށް އުފުލާފައިވާ ސައިބާ ކުށްތަކާއި ޝާހީ އާއިލާގެ އަބުރަށް އަރައިގަތުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅައިފި އެވެ. 
މި މައްސަލައަކީ 2021 ވަނަ އަހަރު ފޭސްބުކް މެދުވެރިކޮށް އޭނާ ކުރިއަށް ގެންދިޔަ ލައިވްސްޓްރީމަކާ ގުޅިގެން އުފުލާފައިވާ ދައުވާތަކާ ގުޅޭ މައްސަލައެކެވެ. 
ތައިލެންޑުގެ މިހާރުގެ އިދިކޮޅު ޕާޓީ ކަމަށްވާ "ޕީޕަލްސް ޕާޓީ" އާ ގުޅުން އޮންނަ އުމުރުން 47 އަހަރުގެ ތަނާތޯން ޖުއަންގްރޫންގްރޫއަންގްކިޓްގެ މައްޗަށް ދައުވާކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ކުރިއަށް ގެންދިޔަ ލައިވްސްޓްރީމެއްގައި ރަސްގެފާނަށް ފުރައްސާރަކުރުމާއި ގައުމުގެ ސައިބާ ގާނޫނުތަކާ ޚިލާފުވި ކަމަށް ބުނެ އެވެ.
އެ ލައިވްސްޓްރީމްގައި ތަނާތޯން ބުނެފައިވަނީ ސަރުކާރުން ކޮވިޑް-19 ގެ ވެކްސިން ކެމްޕޭން ކުރިއަށް ގެންދިޔައީ ގޯސްކޮށް ކަމަށާއި، ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ މިލްކުވެރިކަން އޮންނަ "ސިޔާމް ބަޔޯސައިންސް" ކުންފުންޏަށް ނުހައްގުން ފައިދާ ހޯދައިދީފައިވާ ކަމަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިވަނީ 2022 ވަނަ އަހަރުގަ އެވެ.
ތައިލެންޑަކީ ޝާހީ އާއިލާއަށް ފާޑުކިޔުމާ ދެކޮޅަށް ދުނިޔޭގެ އެންމެ ހަރުކަށި ގާނޫނުތައް އޮންނަ ގައުމެވެ. އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ ގިނަވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނައިރު، ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތަކުގެ ގާނޫނާ ޚިލާފުވުމުން ފަސް އަހަރާ ހަމައަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެ އެވެ.
ތަނާތޯންގެ ވަކީލު ކްރިސަޑަންގް ނުޗަރާތު ވިދާޅުވީ، ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރުންނަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަކި އެއްޗެއް ބުނުމަށް އެދުމުން، އެ އޮފީހުން ވަގުތުން ޖަވާބެއް ދީފައި ނުވާ ކަމަށް ރޮއިޓާޒްއިން ރިޕޯޓުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ