ފުވައްމުލަކުގެ ''ޑުރަގު ކެފޭ''އެއް ކަމަށް ތުހުމަތުވާ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުވާ ތަނެއް ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. ފުލުހުން މިއަދު ބުނީ، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ، ފުނާޑު، ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ކަމަށް ތުހުމަތުވާ ބައި ކަމަށެވެ. އެގޮތުން އެއީ، ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ކަމަށް އެ މުއައްސަސާއިން ތުހުމަތުކުރެއެވެ. ފުލުހުން ބުނީ އެ އަމުރު ނެރެފައިވަނީ ބުދަ ދުވަހުން ފެށިގެން 85 ދުވަހަށް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އެ މުއައްސަސާއިން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ބުނެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ. މާލޭގައި ޑުރަގުގެ ޚިދުމަތް ދޭ ތަނެއް ކަމަށް ތުހުމަތުކޮށް، ފުލުހުން މީގެ ކުރިން ބަލައިފާސްކުރި ތަނެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 821 މައްސަަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މާލޭގައި ވެސް ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން ފުލުހުން ފާހަގަކޮށް، މީގެ ކުރިން ބަލައިފާސްކޮށް، އެ ތަންތަނުން ބައެއް މީހުން ހައްޔަރުވެސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ