ޓެރަރިޒަމާއި މަސްތުވާތަކެއްޗާ ގުޅޭ އިންޓެލިޖެންސް ފަދަ މުހިންމު މަސައްކަތްތަކެއް ނެޝަނަލް އިންޓެލިޖެންސް ސާވިސްގެ ދަށަށް ބަދަލުކޮށްފި

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، މަސްތުވާތަކެއްޗާ ގުޅޭ އިންޓެލިޖެންސްގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެއްބާރުލުމާ ގުޅޭ ސްޓްރެޓީޖިކް މަސައްކަތްތައް ނެޝަނަލް އިންޓެލިޖެންސް ސާވިސް (އެންއައިއެސް) ގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި ބަދަލަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އައު އޮނިގަނޑުގެ ދަށުން ގެނެވުނު ބަދަލެކެވެ. https://sun.mv/222749 ފުލުހުންގެ ޒިންމާތައް ފުޅާވެ، ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ ގުޅިގެން ގެނައި މި އިސްލާހީ ބަދަލުތަކުގެ ދަށުން މުޅި މުއައްސަސާ މިހާރު ވަނީ 14 ބަޔަކަށް ބަހާލެވިފައެވެ. މީގެ ތެރޭގައި ކޮމިޝަނަރުގެ އޮފީހާއި، ތަމްރީނުދޭ ކޮލެޖާއި، އިންޓެލިޖެންސްގެ އިތުރުން މާލެއާއި އަތޮޅުތަކުގެ ޕޮލިސިންގ ކޮމާންޑުތައް ހިމެނެއެވެ. މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމާއި، މަސައްކަތްތައް ތަރުތީބުކޮށް ޒިންމާދާރުކަން އިތުރުކުރުން ކަމަށް ފުލުހުން ބުނެއެވެ. އަލަށް ގާއިމުކުރެވުނު ނެޝަނަލް އިންޓެލިޖެންސް ސާވިސްގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެއްޗާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ އިންޓެލިޖެންސް މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ މި ކޮމާންޑުގެ ދަށުންނެވެ. https://sun.mv/222794 މި އިންތިޒާމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުރިއަށް ވަޒަންކުރުމުގެ ގާބިލުކަން އިތުރުވެ، ސައިބަރ ކުށްތަކާއި އައު ސަލާމަތީ ގޮންޖެހުންތަކަށް އިސްވެ ފިޔަވަޅު އެޅުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަތޮޅުތެރޭގެ ޚިދުމަތްތައް މިހާރު ވަނީ ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސްގެ ނަމުގައި ދެ ރީޖަނަލް ކޮމާންޑަކަށް ބަހާލެވިފައެވެ. ނަމަވެސް މާލެ ސަރަހައްދުގެ ޚާއްސަ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލެ އަދި ހުޅުމާލެ ޕޮލިސް ހިނގަމުންދާނީ ވަކި ޚާއްސަ ކޮމާންޑުތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއަށް ބިނާކޮށް ޚިދުމަތް ކުރިއެރުވުމަށް "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ" ދާއިރާ ވަނީ އަލުން ތަރުތީބުކޮށް، އާޓިފިޝަލް އިންޓެލިޖެންސް އާއި ސައިބަރ ސެކިއުރިޓީ ފަދަ ބައިތައް ހިމަނާފައެވެ. މި ބަދަލުތަކަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މުއައްސަސާއިން ބުނެއެވެ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ބޮޑުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް ޒަމާނީކޮށް މުސްތަގުބަލަށް ބޭނުންވާ ބިންގާ އެޅިގެންދާނެ ކަމަށް ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ