ސޯޝަލްމީޑިއާގަ ތިމާގެ އެކައުންޓަކީ މަރުވުމުންވެސް ޘަވާބު އިތުރުވާނެ މަސައްކަތަކަށް ހަދާށެވެ!

ދީނީ ޢިލްމުވެރިން ނަޞޭޙަތްތައް ދެއްވަވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އިބްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަ ދައްކަވާއިރު އެއްވެސް މީހަކަތަށް ނިޞްބަތެއް ނުކުރައްވާނެއެވެ. ފާހަގަކުރައްވާނީ ކުރާކުށެވެ. އެއީ ކުށްކުރާ މީހުންނަށް ތިމާއަށް ކުރެވޭ ކުށް ވިސްނި އިޞްލާޙްވުމަށް ފުރުޞަތު ދެއްވުމަށެވެ. އެކަމަށް ނަޞޭޙަތްތެރިވެދެއްވުމަށެވެ.  
އެއީ ދީނީ ޢިލްމުވެރިން އަމިއްލަފުޅަށް ކުރައްވާ ކަމެއްވެސް ނޫނެވެ. އެއީ އެބޭކަލުންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. މަސްއޫލިއްޔަތު އަދާނުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. ހެޔޮ ނަޞޭޙަތްދޭ މީހާގެ އަގު ވަޒަންކުރުމެވެ. އެކަންކަމަށް ހިތްވަރުދިނުމެވެ.  
އިޞްލާޙްވާންޖެހިފައި ތިބޭ މީހުންނަށް އެފަދަ ވާހަކަތަކުގެ އަޑުއިވުމުން ވަރަށް އަސަރުކުރާނެއެވެ. ހީވާނީ އެދައްކަނީ ތިމާގެ ވާހަކަހެންނެވެ. އެހެންވެ އެފަދަ ވާހަކަތައް ދައްކަވާ ޢިލްމުވެރިން ދެކެ ރުޅި އާދެވެނީއެވެ. ނަމަވެސް ކަމުގެ އަޞްލަށް ބަލައިފިނަމަ އެކުރެވެނީވެސް ކުށެކެވެ. އެހެނީ މުސްލިމުންނަށް އޮތީ ހެޔޮބަސްބުނުމާއި ހެޔޮބަސް ޤަބޫލުކުރުމެވެ. އިޞްލާޙްވާން މަސައްކަތްކުރުމެވެ.  
މީހުން ކުރާ ކުށްތައް ފާހަގަކުރައްވައި އިޞްލާޙްވާން ޢިލްމުވެރިން ދެއްވާ ނަޞޭޙަތުގެ އަޑުއިވުމުން ނުވަތަ އެފަދަ ލިޔުންތައް، ވީޑިއޯ، ޕޯސްޓް ފަދަ ތަކެތި ފެނުމުން ރުޅި އައުދެވޭނަމަ އެއިގެ މާނައަކީ ތިމާއަކީ އިޞްލާޙްވާން ބޭނުން ނުވާ މީހެއްކަމެވެ. އަދި މީސްތަކުން އިޞްލާޙްވުމަށްވެސް ނުއެދޭ މީހަކު ކަމެވެ. ޝައިޠޯނާގެ ފަޅީގައި ހުރެވޭ މީހަކުކަމެވެ. އެކަން އޭނާއަށް ނުވިސްނެނީއެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާށެވެ.  
ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ މީހަކަށް ދީނީ ޢިލްމުވެރިއަކަށް ނުވެވިދާނެއެވެ. ނަމަވެސް ޢިލްމްވެރިން ދެއްވާ ނަޞޭޙަތް އަޞްލާއި އެއްގޮތަށް ފަތުރައި މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތްކުރެވޭނަމަ އެކުރެވެނީވެސް ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމުގެ މަސައްކަތެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިވެ ނުހަނުގިނަ ޘަވާބު ދެއްވަވާނެ ކަމެކެވެ.  
ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާނަމަ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށްވާށެވެ. މީސްތަކުންނަށް ދީނީ ގޮތުން ފައިދާކުރާނެ ލިޔުންތައް ހޯދައި ދުވާލަކު އެންމެ ލިޔުމެއް ނަމަވެސް ޝެއާކުރާށެވެ. އެމީހަކު މަރުވާފަހުން އެލިޔުން ކިޔާ މީހުން ތިބޭނެއެވެ. ވީމާ އެއީ ތިމާ މަރުވިނަމަވެސް، މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުވަމުންދާނެ ކަމެކެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ