އިންތިހާބުގައި ދެވަނަ ފަހަރަށް ގުނަން ޖެހޭ ވޯޓު ފޮއްޓެއް ނެތް: އީސީ

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ އިންތިހާބު ދިޔައީ އަމާން އޮމާންކޮށް ކަމަށާއި، ދެވަނަ ފަހަރަށް ގުނަން ޖެހޭ ވޯޓުފޮއްޓެއް ނެތް ކަމަށެވެ.
އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދެވަނަ ފަހަރަށް ގުނަންޖެހޭ ވޯޓު ފޮއްޓެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅު ވެއްޖެ އެވެ. 
އިންތިހާބުގައި މިހާތަނަށް ލިބުނު ޝަކުވާތަކާ ގުޅޭގޮތުން ފުއާދު "މިރާ"އަށް ވިދާޅުވީ، މިހާތަނަށް ވޯޓު ފޮއްޓެއް ދެވަނަ ފަހަރަށް ގުނަން ޖެހޭ ފަދަ ޝަކުވާއެއް އެ ކޮމިޝަނާ ހަމައަށް ނާންނަ ކަމަށެވެ. އިންތިހާބާ ގުޅިގެން ލިބިފައި ހުރީ ކުދި ޝަކުވާތައް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވަ އެވެ. "މިސާލަކަށް ވޯޓުލަމުން ދިޔަ އިރު އެހިސާބުގައި ބައެއް މީހުން މަޑުކޮށްގެން ތިބުމާއި، ކެންޑިޑޭޓުން ވެސް އެ ހިސާބުގަނޑުގައި ތިބުމާއި، މީހުންނާ ވާހަަކަ ދެއްކެވުމާ، އަދި ސޮފްޓު ޑްރިންކް ކަަހަލަ އެއްޗިހި ކިއުގައި ތިބޭ މީހުންނަށް ބެހުން ކަހަލަ ޝަކުވާތަކެއް ލިބުނު" ފުވާދު ވިދާޅުވެ އެވެ. ފުއާދު ވިދާޅުވީ، އެކަންކަން ވެސް އިލެކްޝަން ކޮމިޝަނުން ހުއްޓުވާފައިވާނެ ކަމަށެވެ. އަދި ވޯޓުލުން ނިމި ގުނުމާ ހިސާބުން އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. ތިނަދޫ ވޯޓުފޮއްޓެއް ކައިރީގައި ކެންޑިޑޭޓެއްގެ މަންދޫބެއް ނެތި ވޯޓު ގުނުން ކުރިއަށް ގެންދިޔަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ އެކަމާ ސުވާލުކުރުމުން ފުއާދު ވިދާޅުވީ، އެފަދަ ޝަކުވާއެއް ލިބުން އެކަށީގެންވާކަމަށާއި، ނަމަވެސް މަންދޫބަކު ނެތި ވޯޓު ގުނަން ފެށުމަކީ ކެންޑިޑޭޓުގެ މައްސަލަ ކަމަށެވެ. "އަޅުގަނޑާ ހަމައަށް ތި ޝަކުވާ ނުލިބި އޮވެދާނެ އިނގޭތޯ. ކެންޑިޑޭޓުގެ ޒިންމާއެއް ކެންޑިޑޭޓުގެ މަންދޫބެއް އެތަނުގައި ބެހެއްޓުމަކީ. ކޮންމެ ޕާޓީއެއްގެ ވެސް ބޭފުޅުން ބޭތިއްބުމަކީ ޕާޓީގެ މަސްއޫލިއްޔަތެއް،" ފުއާދު ވިދާޅުވި އެވެ. އާދީއްތަ ދުވަހުގެ އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށެވެ. އޭގެ ތެރެއިން 75 އިންސައްތަ މީހުން ނިކުމެ ވޯޓު ދިނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ