ގާސިމް މަރާލި ކަމަށް އަދުހަމް އިންކާރުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އަދުހަމް އިންކާރުކޮށްފިއެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ބުނީ ގާސިމް މަރާލުމަކީ އޭނާ އަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.
ޤާނޫނު ނަމްބަރ 17/2010 (ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އަދުހަމްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ އަށް އޭނާ އިންކާރުކޮށްފައިވަނީ، އެ މައްސަލައާއި ގުޅިގެން، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަވަސް ނިޔާގެ އަޑުއެހުމުގައެވެ.
މިއަދުގެ ޝަރީއަތް ފެށުމުގެ ގޮތުން، މި މައްސަލަ ބައްލަވާ ޤާޟީ ވަނީ، ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރަށް، އިބްތިދާޢީ އަޑުއެހުމުގައި އަދުހަމް އިޢުތިރާފްވެފައިވާތީ، އެކަން ކަށަވަރުކުރުމުގެ ގޮތުން ސުވާލުކޮށްފައެވެ. އަދި ދަޢުވާ އިތުރަށް ސާފުކުރުމަށް ބޭނުންވާނަމަ، އެ ފުރުޞަތުވެސް އަދުހަމަށް މިއަދުގެ މަޖިލީހުގައި އޮތްކަމަށް، ޤާޟީ ވަނީ ވިދާޅުވެފައެވެ.
އަދުހަމަށް ދިން ފުރުޞަތުގައި އެންމެ ފުރަތަމަ އެދުނީ ދަޢުވާ ސާފުކޮށްދިނުމަށެވެ. އަދުހަމުގެ އެދުމުގެ މަތިން، ދަޢުލަތުން މިއަދުވެސް ވަނީ އަދުހަމުގެ މައްޗަށް ކުރާ ދަޢުވާ އިއްވާފައެވެ. ދައުވާ އިއްވުމާއި އެކު، އެ ދަޢުވާ އަށް ޖަވާބުދެމުން އަދުހަމް ބުނީ، މުޅި ދަޢުވާ އަށް އިންކާރު ކުރާ ކަމަށާއި، ޤާޞިމްގެ މަރަކީ އޭނާ އަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
"އިއްޒަތްތެރި ޤާޟީ. އަޅުގަނޑު މި ދަޢުވާ އަށް އިންކާރު ކުރަން. އަޅުގަނޑު ހައްޔަރު ކޮށްފަ އެންމެ ފުރަތަމަ ވެސް ގެންދިޔައީ، އަޅުގަނޑު ފޮރުވި މަސްތުވާ ތަކެތި ހޯދަން. އަޅުގަނޑު ގޮވައިގެން ގޮސް އެތަކެތި ނެގުމަށްފަހު، އަޅުގަނޑަށް އެ ބޭނުން ކުރަން ފުލުހުން މަޖުބޫރު ކުރި. 24 ގަޑި އިރު އަޅުގަނޑު ބައިދަނީ މަސްތުގެ ޙާލަތުގަ. ފުލުހުންގެ ޚަރަދުގައި ވެސް މަސްތުވާއެއްޗެހި ގަނެދީފަ އަޅުގަނޑަށް ބޯންދިން. މި ކޯޓުގައި ބޭއްވި ޝަރީޢަތުގައިވެސް އަޅުގަނޑަށް އެކަމަށް އެއްބަސް ވެވުނީ މަސްތުގެ ޙާލަތުގައި ހުރެ. އަޅުގަނޑަށް ހޭވެރިކަން އައީ އޭގެ ހަތަރު ދުވަސް ފަހުން. އެއީ ކަރެކްޝަންގެ ބެލުމުގެ ދަށަށް އަޅުގަނޑު ބަދަލު ކުރި ހިސާބުން. އަޅުގަނޑު ނޯންނާނެ ޤަސްތުގައި މީހަކު މަރާފައެއް. ޤާސިމްގެ މަރަކީ އަޅުގަނޑަށް އެނގިގެން ވީ ކަމެއް ނޫން. އެއީ އަޅުގަނޑު ދެނަހުރި ކަމެއްވެސް ނޫން." މިއަދުގެ ޝަރީޢަތުގައި އަދުހަމް ވަނީ އެ ދަޢުވާ އަށް އިންކާރުކޮށްފައެވެ.
އަދުހަމްގެ މި އިންކާރާއި ގުޅިގެން އަދުހަމްގެ ވަކީލަށްވެސް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ. އަދުހަމްގެ ފަރާތުން އެއްވެސް އެއްޗެއް ބުނަން ބޭނުންވާނަމަ، އެ ފުރުޞަތު އޭނާގެ ވަކީލަށްވެސް ޤާޟީ ވަނީ ދެއްވާފައެވެ.
"އިއްޒަތްތެރި ޤާޟީ. މިއަދުގެ މި އަޑުއެހުމަށް އައި އިރުވެސް އަޅުގަނޑަށް އެނގިފައެއް ނެތް އަދުހަމް މި ދަޢުވާ އަށް އިންކާރު ކުރާ ކަމެއް. އަދި ފުލުހުންގެ މައްޗަށްވެސް ބޮޑެތި ތުޙުމަތު ތަކެއް ކުރެވިގެން އެ ދިޔައީ. އޭގެން އެއްވެސް ކަމެއް އަޅުގަނޑާއި ހިއްސާކޮށްފައެއް ނެތް. އެ ތުޙުމަތު ތަކާއި ގުޅިގެން އިތުރަށް ކަންކަން ސާފުކުރުމަށް އަޅުގަނޑުވެސް އިތުރު ވަގުތު ބޭނުންވާ ވާހަކަ ދަންނަަވަން." އަދުހަމްގެ ވަކީލް ވިދާޅުވިއެވެ.
ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ، ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އަށް އޭނާ އިންކާރުކޮށްފައިވާތީ، އެކަން އަދުހަމްގެ މައްޗަށް ސާބިތު ކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތަކަށް ދަޢުވަލުގެ ވަކީލް ވަނީ އެދިލައްވާފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝަރީޢަތް ފަށަން ކަމަށްވެސް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މި މައްސަލަ ބައްލަވާ ޤާޟީ އިސްމާޢިލް ރަޝީދު ވިދާޅުވީ، ދަޢުވާ އަށް އަދުހަމް އިންކާރުކޮށްފައިވާތީ، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި، އަދި ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް ދެ ފަރާތަށްވެސް ފުރުޞަތު ދެއްވާނެ ކަމަށެވެ.
"އަދުހަމް ވަނީ ދަޢުލަތާއި އެކު އިޢުތިރާފުގެ އެއްބަސް ވުމެއްގައި ސޮއިވެސް ކޮށްފަ. އަދި މީގެ ކުރިން ބޭއްވި އަޑުއެހުމުގައިވެސް މިކަމަށް ވަނީ އިޢުތިރާފުވެފަ. މިއަދުގެ މި އަޑުއެހުމަކީ، އަވަސް ނިޔާ އާއި ގުޅިގެން ބޭއްވި އަޑުއެހުމެއް. ނަމަވެސް އަދުހަމް އެ ވަނީ މި ދަޢުވާ އަށް އިންކާރު ކޮށްފަ. އެހެންކަމުން، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ބޭއްވުމަށް ޝަރީޢަތުން މި ނިންމަނީ." ޤާޟީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމަށް، ޤާސިމްގެ އާއިލާގެ 7 މީހަކު ހާޟިރުވެ ތިއްބެވެ. އަދި މިއަދުގެ އަވަސްނިޔާގެ އަޑުއެހުމަށްފަހު، ވާރިޘުންގެ ފަރާތުން ހެކިބަސް ނެގުމަށްވެސް ކޯޓުން ވަނީ ތައްޔާރުވެފައެވެ. ޝަރީޢަތް ފެށި އިރު، ހެކިބަސް ދެއްވާނެ ވާރިޘުންގެ އައިޑީކާޑުތައްވެސް ހުރީ ޤާޟީގެ އަތްޕުޅުގައެވެ.
ޤާސިމްގެ މަރަކީ، އަދުހަމް އަށް އެއްވެސް މިންވަރަކަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނުމާއި އެކު، މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ. ޤާސިމްގެ އާއިލާގެ ފަރާތުން އަޑުއެހުމަށް ވަތް މީހުންނަށްވެސް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ.
ކޯޓު ރޫމްތެރެއަށް އަދުހަމް ވަދެގެން ދިޔައިރު، އޭނާގެ ފަރާތުން ތަފާތު އެތައް ކަމެއް ފެންނަން ހުއްޓެވެ. ލައިގެން ހުރީ، ޤައިދީންގެ ޔުނީފީމެވެ. ބޯ ހުރީ ކުރުކޮށް ކޮށާފައެވެ. މިއަދު އިނީ އައިނެއްވެސް އަޅައިގެންނެވެ. އަދިވެސް އިތުރު ކަމެއް ފާހަގަ ކުރެވުނެވެ. ނޭވަޔަށް އުނދަގޫވާ މީހުން އާއްމުކޮށް، ބޭނުންކުރާ، އިންހޭލާ އެއްވެސް އަދުހަމްގެ އަތުގައި އޮތެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ހިންގި މި ޖަރީމާ އާއި ގުޅިގެން، މީހަކު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރި، ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދުގެ އަމިއްލަ އިޢުތިރާފާއި އެކު، އެ މައްސަލައިގެ ތަޙުޤީޤު އަވަސްކޮށް، އަވަސް ނިޔާ އާއި ހަމައަށް އައިއިރު، މުޅި މަންޒަރު މި ވަނީ ބަދަލުވެފައެވެ. އިޢުތިފާރު އިންކާރަށް ބަދަލުވެ، މައްސަލަ ސާބިތުކުރުމުގެ ބޮޑު މަސްޢޫލިއްޔަތު މިވަނީ ދަޢުލަތުގެ ކޮނޑުގައި އެޅިފައެވެ.
ގާސިމްއަކީ އދ. މާމިގިއްޔަށް ނިސްބަތްވާ މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ