އެއް މިނިޓަށް ނޭވާ ހިފަހައްޓާލެވޭ ނަމަ ކޮރޯނާވައިރަސް ޖެހިފައި ނެތްކަން ޔަގީން – އިންޑިޔާގެ ފާދިރީއެއް

ގިނަމީހުން ކޮރޯނާވައިރަހަށް ޓެސްޓްކުރުމަށް ގައުމުތަކުން ނުކުޅެދިފައިވާ މިދަނޑިވަޅުގައި، ހައިރާން ކުރުވަނިވި ގޮތަކަށް މި ވައިރަހަށް ޓެސްޓްކުރެވޭނެ ގޮތެއް، ޔޯގާ ގުރޫ ގެ ގޮތުގައި އިންޑިޔާގައި މަޝްހޫރު ބާބަ ރާމްދޭވް ދީފިއެވެ. އިންޑިޔާގެ ނޫހެއްކަމަށްވާ "އާޖް ތަކް'' އާ ވާހަކަ ދައްކަމުން ރާމްދޭވް ބުނީ، އެއް މިނިޓަށް ނޭވާ އެތެރޭގައި ހިފަހައްޓާލެވޭނަމަ އޭގެ މާނައަކީ އެމީހަކަށް ކޮރޯނާވައިރަސް ޖެހިފައި ނެތްކަމަށެވެ. މިކަން ކުރަން ވީ ގޮތް އިތުރަށް ތަފްސީލްކޮށް ކިޔާދެމުން ރާމްދޭވް ބުނީ، ނޭފަތުން އެތެރަށް ވައި ވައްދާލުމަށްފަހު، 1 މިނެޓްފަހުން މަޑުމަޑުން ދޫކޮށްލުމަށެވެ. މިގޮތަށް އެއް މިނިޓް ނޭވާ ހިފެހެއްޓޭނަމަ، ކޮވިޑް-19 އަލާމާތް ހުއްޓަސް ނެތަސް އެމީހަކަށް ވައިރަސް ޖެހިފައި ނެތީއެވެ.
ރާމްދޭވް އިތުރަށް ހާމަކުރި ގޮތުގައި ލޭމައްޗަށް ދިއުމާއި، ހިތުގެ މައްސަލަތަކުގެ އިތުރުން ހަކުރުބަލި ހުރިތޯވެސް މިހެން ޓެސްޓް ކުރެވޭނެއެވެ. ދުވަސްވީ މިހުންނަށް 30 ސިކުންތު ނޭވާ ހިފެހެއްޓެން ވާނެއެވެ. އަދި ޒުވާނުންނަށް 1 މިނެޓް ނޭވާ ހިފެހެއްޓޭނަމަ އެއީ މިއިން އެއްވެސް ބައްޔެއް ޖެހިފައި ނެތީ އެވެ. ރާމްދޭވް އާ ހަވާލާދީ "އިންޑިޔާ ޓުޑޭ" ގައި ހާމާ ކޮށްފައިވާ ރިޕޯޓެއްގައިވާ ބަޔާންކޮށްފައިވާ ގޮތުގައި، ނޭފަތުގެ ހިނދުރީގެ ތެރޭގައި މަސްޓަޑް ތެޔޮ ފޮދެއް އުނގުޅުމުން، ކޮރޯނާވައިރަސް ބަނޑަށް ގޮސް ބަނޑުގައިވާ އެސިޑްގެ ސަބަބުން މަރުވާނެއެވެ. މީގެ އިތުރުން ގޭގައި ތިބޭ އިރުވެސް ޔޯގާގެ ކަސްރަތުތައް ކުރުމަކީ، ދިފާޢީ ނިޒާމް ވަރުގަދަ ކުރުމާއި، އެތެރެހަށީގެ ގުނަވަންތައް ރަގަޅަށް މަސައްކަތް ކުރުމަށް މަގު ފަހި ކުރުމުގެ އިތުރުން ކޮރޯނާވައިރަސް ޖެހެމުން ރައްކާތެރިވުމަށް ކުރަން ރަގަޅު ކަމެއް ކަމަށް ރާމްދޭވް އިރުޝާދު ދިނެވެ.
އިންޑިޔާ ފާހަގަ ކުރެވެނީ ދީނާއި ސަގާފަތުގެ ނަމުގައި އަސާސެއްނެތް ކަންކަން ގަބޫލުކޮށް އެއަށް އަމަލު ކުރާ ގިނަ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ މާރޗްމަހުގެ ތެރޭގައި، ކޮރޯނާވައިރަހުން ރައްކާތެރި ވުމަށާއި، އެ ވައިރަސް ޖެހިފައިވާ ނަމަ ޝިފާ ލިބޭނެކަމަށް ބުނެ ގެރީގެ ކުޑަކަމުދާ އެއްޗެހި ބުއި ބަޔަކު ބަލިވެގެން ހޮސްޕިޓަލްގައި ވެސް ފަރުވާ ދެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ