މ. ދިއްގަރު ކައުންސިލުން އެ ރަށުގެ ކަރަންޓުގެ އަގު ބޮޑުކުރުމުން ކަރަންޓް ބިލުދައްކަން ދެކޮޅުހެދި ގޭގެއިން އިއްޔެ ކަރަންޓް ކަނޑާލި މައްސަލަ ހޫނުވެއްޖެ އެވެ.
މައްސަލަ ހޫނުވީ ކުރިން ތިން ރުފިޔާ އަށް ވިއްކަމުން އައި ކަރަންޓް ޔުނިޓެއްގެ އަގު މިދިޔަ މަހު ރަށު ކައުންސިލުން ފަސް ރުފިޔާ އަށް ބޮޑުކުރުމުން، އެކަމަށް އިއުތިރާޒުކޮށް، 45 ގެއަކުން މައްސަލަ ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ވެއްދި ހިސާބުންނެވެ.
އާބާދީގައި 1200 ވަރަކަށް މީހުން ދިރިއުޅޭ ދިއްގަރުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިއްޔެ ބުނީ އެ މައްސަލަ ކޯޓުގައި އޮއްވައި ކަރަންޓް ބިލަށް ފައިސާ ނުދައްކައިވާ 45 ގެއަކުން އިއްޔެ މެންދުރެއްހާ އިރު ކަރަންޓް ކަޑާލާފައިވާ ކަމަށެވެ. އަދި އޭގެ މާގިނައިރެއް ނުވެ އެ ގެތަކުގެ ވެރިން ވަނީ ކަރަންޓް އަލުން ގުޅައި ދިނުމުގެ ވަގުތީ އަމުރަކަށް ރަށު ކޯޓުގައި އެދިފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ފައިސާ ދައްކަން ދެކޮޅު ހަދައި އެ މައްސަލަ ކޯޓަށް ލާފައި އަދި ކައުންސިލަށް ވެސް ލިޔުމަކުން އެކަން އަންގާފައި އޮތީ. ނަމަވެސް ކައުންސިލުން އެކަމަށް އިޖާބަ ނުދީ ބިލުގެ މުއްދަތު ހަމަވުމާ އެކު ކަރަންޓް ކަނޑާލީ. ދެން އަލުން ކަރަންޓް ދޭން ވަގުތީ އަމުރަކަށް އެދުނީ،" އޭނާ ބުންޏެވެ.
ދެ ގަޑިއިރު ތެރޭގައި އަލުން ކަރަންޓް ގުޅައި ދިނުމަށް ކައުންސިލްގެ މައްޗަށް ރޭ 8:00 ޖަހާއެހާކަންހާއިރު ކޯޓު އަމުރު ނެރެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ހުކުމާ އެކު އެކަމާ ހިތްހަމަ ނުޖެހޭ ބައެއް މީހުން ވަނީ ގާޒީގެ ގައިކޮޅަށް އަތްލައި ހަމަނުޖެހުން ހިންގާފައި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
އިއްޔެ މެންދުރެއްހާއިރުން ފެށިގެން ފުލުހުން ވެސް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދިނެ އެވެ.
އެ މައްސަލައިގާ ކައުންސިލްގެ ރައީސަށް ގުޅިއިރު ފޯނު ނިއްވާލާފައި އޮތުމުން ކައުންސިލްގެ ބަހެއް ވަނީ އަދި ލިބޭ ގޮތްނުވެފަ އެވެ. އަދި ކައުންސިލްގެ ނައިބު ރައީސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ކައުންސިލްގެ އެހެން މެންބަރަކާ ގުޅުމުން ވިދާޅުވީ "މައްސަލަ މިހާރު ހިނގަމުން ދާތީ މައްސަލައިގެ މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ" ކަމަށެވެ.
ދިއްގަރު ކައުންސިލުން ކަރަންޓް އަގު ބޮޑު ކުރި މައްސަލަ ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ