އަޅުގަނޑުގެ އެއްވެސް ޓެކްސްޓް މެސެޖެއް އަލްޖަޒީރާއަކު ނޯންނާނެ: އުމަރު

ދިވެހި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަމަށް ބައެއް މީހުން ތުހުމަތުކުރާ ހިޔާނާތުގެ އަމަލުތައް ދައްކުވައިދޭ ގޮތަށް މަޝްހޫރު ނިއުސް އެޖެންސީ އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިޒް"ގައި އެމަނިކުފާނުގެ ޓެކްސްޓް މެސެޖެއް ކަމަށް ބުނެ ދައްކާ މެސެޖަކީ އެމަނިކުފާނު މެސެޖެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މި ޑޮކިއުމެންޓްރީގައި މިނިވަން ނޫހުގެ ނުސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭގޮތުން ގެނެސްދޭ ވާހަކަތަކުގެ ތެރެއިން ދައްކާލާ ރައީސް އަބްދުﷲ ޔާމީންގެ މެސެޖެއް ކަމަށް ބުނާ މެސެޖުގައި ބުނެފައިވަނީ ރިލްވާންގެ މައްސަލާގައި އުމަރު ކަންބޮޑުވެވަޑައިނުގަތުމަށެވެ. މި މެސެޖު އުމަރަށް ފޮނުވާފައިވާ ކަމަށް ބުނެފައިވަނީ 22 ސެޕްޓެމްބަރު 2014 ވަަނަ ދުވަހުގެ 17:25 ގައި ކަަމަށެވެ.
މި މެސެޖާ ގުޅިގެން އުމަރު ޖަވާބު ދެއްވުމުގެ ގޮތުން ފޮނުވި ކަމަށް ބުނާ ޓެކްސްޓް މެސެޖުގައި ބުނެފައިވަނީ އެކަން ނޯޓް ކުރެވިއްޖެ ކަމަށެެވެ. ރައީސް ޔާމީންގެ މެސެޖެއް ކަމަށް ބުނާ މެސެޖަށް އުމަރު ޖަވާބު ދެއްވި ކަމަށް ބުނެފައިވަނީ 22 ސެޕްޓެމްބަރު 2014 ވަަނަ ދުވަހުގެ އިރުއޮއްސި 19:12 ގައި ކަަމަށެވެ.
މި މެސެޖާ ގުޅިގެން ވީނިއުސް އިން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އޭނާގެ އެއްވެސް ޓެކްސްޓް މެސެޖެއް އަލްޖަޒީރާއަށް ލިބިފައި ނުވާނެ ކަމަށެވެ. އެހެންކަމުން އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ އެއްވެސް ހަގީގަތެއް ނެތް އަދި އެމީހުން އަމިއްލައަށް ހަދާފައިވާ މެސެޖެއް ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިލްވާންގެ މައްސަލާގައި އެއްވެސް ކަމެއް ކުރަންވީ ގޮތުގެ އިރުޝާދު ރައީސް ޔާމީން އެއްވެސް އިރެއްގައި ދެއްވާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ހަނދާން ބަލި ނޫން ކަަމަށާއި ރިލްވާންގެ މައްސަލާގައި ރައީސް ޔާމީންގެ ޓެކްސްޓް މެސެޖެއް ވެސް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު 100 ޕަސަންޓް ޔަގީންކަން މިދެނީ އަލްޖަޒީރާ އަކު ނޯންނާނެ އަޅުގަނޑުގެ މެސެޖެއް. ރިލްވާންގެ ކޭސްގައި ރައީސް ޔާމީންގެ އިންސްޓްރަކްޝަނެއް އެއްވެސް އިރަކު އަޅުގަނޑަކަށް ނުލިބޭ. އަޅުގަނޑު ބުނާނީ ކަން ހިނގި ގޮތަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީއަށް އެމަނިކުފާނުގެ ބަހެއް ހޯދުމަށް އެ އެޖެންސީން އީމެއިލް އަކުން މީގެ ދޮޅުމަސް ކުރިން އެދުނު ކަމަށެވެ. އަދި އެ އީމެއިލްގައި ފާހަގަކޮށްފައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަލްޖަޒީރާއިން އެމަނިކުފާނާ ގުޅުވައިގެން ހަގީގަތާ ހިލާފު މެސެޖެއް ފޮނުވި ނަމަވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅަން ނުވިސްނާ ކަމަށެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށާއި ސަރުކާރަށް އަމާޒުކޮށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ވީނިއުސް އަށް ލިބޭ ގޮތް ނުވެފަ އެވެ. ރައީސް އޮފީހާއި ރައީސް ޔާމީންގެ ބަހެއް ލިބުމުން އެވާހަކަތައް ހަބަރުގައި ގެނެސްދޭނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ