އިއްތިހާދު އެއާވޭސް އަށް 1.9 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އަށް މިދިޔަ އަހަރު 1.9 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި އިއްތިހާދަށް ގެއްލުމާ ކުރިމަތިވި ފުރަތަމަ ފަހަރެވެ. އެ އެއާލައިނުން ބުނީ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޔޫރަޕް އެއާލައިންތަކަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓްތައް ފެއިލް ވުމުން ކަމަށެވެ.
އިއްތިހާދަށް ގެއްލުންވިކަން ހާމަކުރި އިރު، އެ ކުންފުނީގެ ސީއީއޯ ޖޭމްސް ހޯގަން ވަނީ މި މަހު އެކެއްގައި މަގާމުން ވަކިވެފަ އެވެ. މިހާރު ވަގުތީ ސީއީއޯ އަކީ އިރިޝްމަން ރޭ ގާމެލް އެވެ. އޭނާ ކުރިން ހުންނެވީ އިއްތިހާދުގެ ޗީފް ޕީޕަލް އެންޑް ޕާފޯމިން އޮފިސަރުގެ މަގާމުގަ އެވެ.
ވިޔަފާރި ފުޅާކުރުމަށް ކަމަށް ބުނެ ޔޫރަޕް އެއާލައިންތަކަށް އިންވެސްޓްކުރީ މަގާމުން ވަކިވެފައިވާ ހޯގަންގެ އިސް ނެންގެވުމަށެވެ. އެއީ ވިޔަފާރީގެ ގޮތުން އެމިރޭޓްްސް އެއާލައިން އާއި ގަތަރު އެއާވޭސްއާ އެއްހަމައަކަށް އިއްތިހާދު ގެނައުމަށް ކުރި ކަމެކެވެ.
އިއްތިހާދުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އިޓަލީގެ އަލިޓާލިއާ އެއާލައިންގެ 49 ޕަސެންޓް ހިއްސާ 2.35 ބިލިޔަން ޑޮލަރަށް ގަތުމުންނެވެ. އިއްތިހާދުން އެ އެއާލައިންގެ ހިއްސާ ގަތީ، އަލިޓާލިއާ ވަރަށް ބޮޑު ގެއްލުމެއްގެ ތެރޭގައި އޮއްވަ އެވެ.
ހިއްސާ ގަތުމަށް ފަހު ހޯގަން ވިދާޅުވީ އަލިޓާލިއާ ވަރަށް އަވަހަށް ގެއްލުމުން އަރާގަންނާނެ ކަމަށެވެ. ނަމަވެސް އެ އެއާލައިން ރީސްޓްރަކްޓާ ކުރަން ކުރި މަސައްކަތަށް މުވައްޒަފުން ދެކޮޅު ހެދުމުން ބަނގުރޫޓުވީ އެވެ.
އަލިޓާލިއާ ބަނގުރޫޓުވުމާ އެކު އިއްތިހާދުން ގަތީ އެއާ ބާލިންގެ 29.21 ޕަސެންޓް ހިއްސާ އެވެ. އޭރު އެއާ ބާލިން ވެސް އޮތީ ބޮޑު ގެއްލުމެއްގަ އެވެ. އެއާ ބާލިން ހިންގަން އެކަނި ވެސް 382 މިލިޔަން ޑޮލަރު ހޭދަކުރި އެވެ.
އެ އިންވެސްޓްމަންޓް ވެސް ވަނީ ފެއިލް ވެފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެއާ ބާލިންގެ ދަރަނި ވަނީ 781.9 މިލިޔަން ޑޮލަރަށް އަރާފަ އެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެ ކުންފުނި ވެސް ވަރަށް އަވަހަށް ބަނގުރޫޓުވާނެ އެވެ.
އިންވެސްޓްމަންޓްތައް ފެއިލްވާން ފެށުމާ އެކު މިދިޔަ އަހަރު އިއްތިހާދުން ސްޓްރޭޓީޖިކް ރިވިއުއެއް ވަނީ ހަދާފަ އެވެ. އެ ރިވިއުގެ ދަށުން މިދިޔަ ހަފްތާގައި ޔޫރަޕިއަން ރީޖަނަލް ކެރިއާގައި އޮތް އެ ކުންފުނީގެ ހިއްސާ ވަނީ ވިއްކާލައިފަ އެވެ. އެ އެއާލައިންގެ ހިއްސާ ދޫކޮށްލި ނަމަވެސް އިތުރު ހަ އެއާލައިނެއްގެ މައިނޯރިޓީ ޝެއާ އަދިވެސް އިއްތިހާދުގެ އަތުގައި އެބަ އޮތެވެ.
އިއްތިހާދުގެ ވިޔަފާރި ވެސް މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 7.1 ޕަސެންޓް ދަށްވެފަ އެވެ. އެ ކުންފުންޏަށް 2015 ގައި 103 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ