ނާޒިމް މައްސަލައިގެ އިސްތިއުނާފު ބުދަ ދުވަހު ސުޕްރީމް ކޯޓްގައި

11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޛް ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ އިސްތިޢުނާފު ކުރުމަށް އެދި ސުޕްރީމު ކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ބޭއްވުމަށް ތާވްލަކޮށްފިއެވެ. 
ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ޙުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދު ކޮށްފައެވެ.
ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު 11:00 ގައެވެ.
މިމައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށާއިރު ނާޒިމްގެ ވަކީލް ހުސްނުއް ސުޢޫދު ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި އެންމެ އަޑީގައި ތިބިކަމަށް ނާޒިމްގެ ފަރާތުން ޤަބޫލުކުރަނީ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަމަށެވެ.
މީގެ އިތުރަށް ސުޢޫދު ވަނީ ނާޒިމް ދިރިއުޅުއްވި ގެ، ގ.އެނިފްއަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ސުއޫދު ހާމަައެއް ނުކުރައްވައެވެ. އަދި މި މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭ ބަންދުގައި ހުންނެވި ކާނަލަ ނާޒިމްއަށް ކަމަށާއި، ޤާނޫނީ ޓީމަށް ނާޒިމް މަޢުލޫމާތު ޙިއްސާކުރައްވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާޒިމްގެ ގެއަށް ހަތިޔާރު ވެއްދި ކަމަށް ބުނާ މީހާ ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރު ކުރަން ނާޒިމްގެ ވަކީލުން ވަނީ އެދިފައެވެ. އާންމުކޮށް މަތީމަރުހަލާތަކުގެ ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ހެކި ހުށަހެޅުމުގެ ފުރުސަތެއް ނުދެއެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވަން ފެނިވަޑައިގެންފިނަމަ އެފުރުސަތު ދިނުމަށް ޤާނޫނީ ހުރަހެއް ނޯވެއެވެ.
ނާޒިމް ބަހައްޓާފައި ހުންނަ އައްސޭރި ޖަލުގެ ވީއައިޕީ ބްލޮކް މަރާމާތު ކުރުމަށް އޭނާ ހުންނެވީ މިވަގުތު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ