ފުލުހުން އުމަރު ނަސީރުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ބަޔަކު މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭނާގެ ސެކިއުރިޓީ ކަންކަން ފުލުހުން ބަލަހައްޓަން ފަށައިފިއެވެ.
އެކަމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ގޭންގަކަށް ނިސްބަތްވާ ތިންމީހަކު ރޭ ދަންވަރު 1:00 ހާއިރު އޭނަގެ އޮފީސްދޮށަށް ގޮސް، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި މީހުންނަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި އެމީހުން ދިޔައީ އުމަރަށް ވަޅިން ހަމަލާދޭނެކަމުގެ އިންޒާރު ދީފައި ކަމަށެވެ.
އުމަރު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާ ފުލުހުން މިހާރު އެމަނިކްފާނަށް ސެކިއުރިޓީ ދެމުން ގެންދާކަމަށެވެ. އަދި އެކަމަށްޓަކައި ފުލުހުންނަށް ޝުކުރު ދަންނަވާކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، އުމަރަކީ އެމީހުންގެ ފައިގައި ޓެގު އަޅުވަން އުޅުނު މީހެއް ކަމަށް ބުނެ ހަޑިހުތުރުބަހުން ވާހަކަދައްކާފައިވާ ކަމަށެވެ.
އުމަރުގެ އޮފީސް ހުންނަނީ މެދުޒިޔާރަތް ކައިރީގައި ހުންނަ ހ. ސަކީނާމަންޒިލްގައެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހު ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި އުމަރު ވަނީ ރާއްޖޭގައި ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޮނިކޮން އަމުރު ނެރުއްވައި ގޭންގުތަކުގެ އިސް ބައެއް މީހުންގެ ފައިގައި ޓެގު އަޅުވައި، ގޭންގުތައް ނައްތާލުމަށް މަސައްކަތް ކުރެއްވިއެވެ. އުމަރު މަގާމުން އިސްތިއުފާ ދެއްވީވެސް އެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
ކިތަންމެ ބިރެއް ދެއްކިޔަސް، އޭނާ ގަބޫލުކުރައްވާ ހަމަތަކާއި އުސޫލުތައް ދޫނުކޮށް ސާބިތުކަންމަތީ ހުންނަވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ