ޕީޕީއެމްގެ މެމްބަރުންނާ މައުމޫން ބައްދަލު ކުރައްވަން އުޅުއްވި ހަފްލާ ކެންސަލްކޮށްފި

ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވަން މިރޭ ބާއްވަން އުޅުނު ހަފްލާ ކެންސަލްކޮށްފި އެވެ. "ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު" މި ނަމުގައި ރައީސް މައުމޫން މިރޭ ބާއްވަން އުޅުނު ހަފްލާ ކެންސަލް ކުރީ، އެ ހަފްލާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައިވާތީ ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވި އެވެ މައުމޫން މިރޭ ބާއްވަން އުލުނު ހަފްލާ ކެންސަލް ކުރިކަން އިއުލާން ކުރީ ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ މިރޭގެ ހަފްލާ ކެންސަލް ކުރަން ނިންމީ އާންމު މެމްބަރުންނާއި ފުލުހުންނާދެމެދު ހަމަނުޖެހުން ހިނގާފާނެތީ ކަމަށެވެ. ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް މައުމޫން ކޮންމެ ވެސް ގޮތަކަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ. މައުމޫނު ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް "ސަން"އަށް މިރޭ ވިދާޅުވީ ފުލުހުންގެ ދެ ބޭފުޅަކު މިއަދު ރައީސް މައުމޫނާއި ބައްދަލުކުރުމަށް މައުމޫނުގެ އޮފީހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ވަގުތު ރައީސް މައުމޫން އޮފީހުގައި ނޫޅުއްވާތީ ބައްދަލު ކުރެއްވީ ފާރިސް މައުމޫނާ ކަަމަށެވެ. އަލީމް ވިދާޅުވީ ފުލުހުންގެ ދެ ބޭފުޅުން ވަޑައިގެން ފާރިސް އަރިހުގައި ވިދާޅުވީ "ޕީޕީއެމްގެ ދިރުން - މެމްބަރުންގެ ޚިޔާލު" މި ނަމުގައި ހަރަކާތެއް ރައީސް މައުމޫނަށް ނުބޭއްވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަފްލާ ނުބޭއްވޭނެ ކަމަށް އެންގި ސަބަބެއް ފުލުހުން ނުބުނާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ