ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރާއްޖޭގެ މަހުޖަނަކަށްވުމުން ކަމަކު ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީމަ ހިނި އަންނަ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ރައީސް ޑރ.ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަށް ރަށުން މީހުން ގެނެސްގެން އެތައް ހާސް ބަޔަކާއިއެކު ޖުމްހޫރީ ގުޅުމުން މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ނައިބަކަށް ހަމަޖެއްސެވި މުހައްމަދު ވަހީދުއްދީނަކީ ވެސް އޭނާ ފަދަ ބޭފުޅެއް ކަމަށާއި އެހެންކަމުން މީހުންނަށް ފުރައްސާރަކުރަންވީމަ މިއީ ތަންކޮޅެއް ބޮޑު ވަރު ކަމަށެވެ.
ގާސިމް ވިދާޅުވީ މަހްޖަނަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވަހީދު ގަބޫލުކުރައްވާއިރު، އެ މަނިކުފާނުގެ މިހާރުގެ ނައިބު މުހައްމަދު ވަހީދުއްދީނަކީ ވެސް "އަޅުގަނޑު ފަދަ ފަގީރެއް" ކަމަށާއި ރައީސް ވަހީދުގެ މިހާރު ރަނިން މޭޓް އަހްމަދު ތަސްމީން އަލީއަކީ ވެސް "އަޅުގަނޑު ފަދަ ފަގީރެއް" ކަމަށާއި އޭނާ އަށް ވުރެ ވެސް ތަސްމީން "ފަގީރެއްހެން" ހީވާ ކަމަށެވެ.
ޕިކްނިކް ވަޑައިގަތުމަށް ހާއްސަ ރަށެއް ނޯންނަ ކަމަށާއި ނަމަވެސް ތަސްމީނު ޕިކްނިކް ވަޑައިގެންނެވުމަށް ވ. އަތޮޅުގައި އާރަށް ކިޔާ ރަށެއް އޮންނަ ކަމަށެވެ. އެރަށަކީ "ގަހުރަމާނުންނާއި ބާނދީންނާއި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާ" ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމަ އެ ކަހަލަ ވާހަކަ ދައްކަވާއިރު، ދެކޮޅު ނުޖެހޭ ވާހަކަ ދައްކަވާއިރު، އަމިއްލަ ފައިގަ ކަތިވަޅިން ޖައްސަވާކަން ނުވާނެ. އެއީ ދެރަވަރު ކަންތައްތަކޭ. ހަސަދަވެރިވާން ވާނީ ވެސް އަދި ކެމްޕޭނުގައި ވާހަކަ ދައްކަވަން ވާނީ ވެސް އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން. މީހުންނަށް އޮޅުވާލާކަށް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އޭނާގެ ތަނަވަސްކަން ބޭނުންކުރަމުން ގެންދިޔައީ ދިވެހި އުންމަތުގެ ފައިދާ އާއި މަންފާއަށްޓަކައި އާޢި ދިވެހި ދަރިންގެ ދުޅަހެޔޮކަމާއި އަދި އެބައި މީހުންގެ ކުޅަދާނަކަމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި ކަމަށެވެ. އަދި އޭނާ އަތުގައި ހުރި ހުރިހާ މުދަލަކީ އަނބިދަރިންނަށް ބަހާލަން ހުރި ތަރިކަ މުދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ ކުރި މަސައްކަތެއް ކޮށްފައިވަނީ މިގައުމުގެ ކުރިއެރުމާއި މަންފާއަށްޓަކައި ކަމަށާއި ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ދުވަހެއްގައި ގާނޫނު އަސާސީއާ ހިލާފަށް "ޒައްރެއްގެ މިންވަރު ވެސް، ދިވެހި އުންމަތުން" ނުނަގާނެ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ކީރިތި ގުރުއާނުގައި އަތްޕުޅުލައްވައި މާތްﷲ ގަންދީ މިރޭ ވަނީ ހުވާކުރައްވާފައެވެ.
"މާތްﷲ ގައްދީ ހެކިކޮށް މި ދަންނަވަނީ މި އޮތީ ކީރިތި ގުރުއާނުގައި އަތްލާފައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި އަޅުގަނޑުކޮށްގެން ހުރި ހުވަޔާ ހިލާފަށް ހަމަ އެއްވެސް އެއްޗެއް، ޒައްރެއްގެ މިންވަރު ވެސް، އަޅުގަނޑު މި ދިވެހި އުންމަތުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ ދުވަހެއްގައި ނުނަގާނެ ކަން މާތްﷲ ގައްދީ އަޅުގަނޑު ހުވާ ކުރަން،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ ގައުމުގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެގެން ގޮސްފައި ވާތީ ކަމަށާއި އަދި ސިފައިންނާއި ފުލުހުންނާއި ޖުޑީޝަރީގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހުއްޓި، އެކަކު އަނެކަކަށް ޖެއްސުން ކުރަމުންގޮސް މުޅި ގައުމު ސުންނާފަތި ވެގެން ގޮސްފައި ވާތީ ކުރެވުނު ކަމެއް ކުރުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަމަކު ނުދެއޭ ވިދާޅުވީމަ ހިނި އާދޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ