އައްޑޫ ފްލައިން ސްކޫލް ހިންގާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފި

އައްޑޫ ފްލައިން ސްކޫލް ހިންގާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މިދޔަ މަހު 26 ވަނަ ދުވަހުއެވެ. އެ މުއްދަތު މިމަހު 11 ވަނަ ދުވަހު ވަނީ ހަަމަވެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ފްލައިން ސްކޫލަށް ބީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރުކުރީ ބައިނަލްއަގުވާމީ ގިނަ ފަރާތްތަކަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އައްޑޫގައި އޭޝިއަން އެކެޑަމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލްގެ އެގްރިމެންޓް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހަމަވުމުން އިތުރު ތިން މަސް ދުވަހަށް މުއްދަތު އިތުރުކުރިއެވެ. މި އެގްރިމެންޓްގެ މުއްދަތު ވެސް މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މުއްދަތު ހަމަވުމުން އެގްރިމެންޓް އައު ކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އައްޑޫގައި ފްލައިން ސްކޫލް ހިންގާ ކުންފުނިން ވަނީ އެހެން ތަނެއްގައި އެ ސްކޫލު ހިންގަން ބަލަމުންދާ ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންގާފައެވެ. އަދި އައްޑޫގައި ހިންގަމުން އަންނަ ފްލައިިން ސްކޫލް، ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން މިހާރު ވަނީ ބުނެފައެވެ.
ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުލި ބޮޑުވުމުން ކަމަށާއި މާފަރަށް ފްލައިން ސްކޫލް ބަދަލުކުރުމަށް ފަހު އޭވިއޭޝަން އިންޖިނިއަރިން ވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އޭޝިއަން އެކަޑަމީ އޮފް އެރޯނޮޓިކްސް އިން މިހާރު ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ