ރޭވެސް މާލޭގައި ފައިސާތަކެއް ފޭރިގަންނަން އުޅެފި

މާލޭގައި ހެލްމެޓް އަޅައިގެން މީހެއްގެ އަތުން ފައިސާތަކެއް ފޭރިގަންނަން އުޅުނު މީހަކު ރޭ ދަންވަރު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރޭ 11:23 އެހާކަންހާއިރު މާލޭ ފަރީދީމަގު ފަތަހަ ސުންބުލި ކައިރިން ފޭރޭން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެސަރަހައްދުން ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ސައިކަލެއްގައި މީހަކު ދަނިކޮށް ހެލްމެޓު އަޅައިގެން ސައިކަލުގައި އައި ދެ މީހަކު، ފައިސާތައް ހިފައިގެންދިޔަ މީހާގެ ސައިކަލު ކުރިމައްޗަށް އަރާ ހުއްޓުވައި ފައިސާތައް ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހަކަށް އެ މަންޒަރު ފެނިގެން ފޭރެން މަސައްކަތް ކުރި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މީހާ ވަނީ ފިލާފައި ކަމަށްވެސް ފުލުހުން ބުންޏެވެ. މާލޭގައި މަގުމަތިން ފައިސާ ފޭރޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިއާއެކު ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް އުފުލާއިރު، ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ