ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބީ ޤާނޫނު އިސްލާހުކުރަންޖެހ
ސުޕްރީމް ކޯޓުން ނެރެފައިވާ އިންތިޚާބުތަކާބެހޭ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބީ ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަމަށް ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމުތައް ހަރުދަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިސްނަންގަވައިގެން ބާއްވަވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބު މުޙައްމަދު އަނިލް ވިދާޅުވީ، 2008 ވަނައަހަރު އާ ޤާނޫނު އަސާސީ ތަސްދީޤު ކުރުމާ ގުޅިގެން އިންތިޚާބާ ބެހޭ ޤާނޫނުތަކާއި އެހެނިގެން ޤާނޫނުތައް ފާސްކޮށް އަމަލު ކުރަން ފަށާފައިވަނީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ކަމަށާ، އެހެން ކަމުން އެންމެ ފުރިހަމަގޮތަކަށް އިންތިޚާބާބެހޭ ޤާނޫނުތަކަށް މިހާތަނަށް އަމަލުކުރެވިފައި ނުވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި 2008 ވަނައަހަރާއި 2009 ވަނައަހަރުގެ އިންތިޚާބުތަކަށްފަހު މި ނިޒާމު ހަރުދަނާ ކުރުމަށް އިތުރު މަސައްކަތް ކުރެވިފައި ނުވުމާއެކު، 2013 ވަނައަހަރާއި މިއަހަރުގެ ކުރީކޮޅު ބޭއްވުނު އިންތިޚާބުތަކުގައިވެސް ބޭނުންކޮށްފައިވަނީ 2008 ވަނައަހަރު ގެންގުޅުނު އުސޫލުތައްކަމަށް އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ އިންތިޚާބާބެހޭ ޤާނޫނަކީ އަވަސްއަވަހަށް ބަދަލުތައް ގެނެވޭނެ ޤާނޫނަކަށް ނުވި ނަމަވެސް އެ ޤާނޫނުގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، ޚާއްސަކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ އިންތިޚާބުތަކާބެހޭ ގައިޑުލައިނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް ފެނިލައްވާ ގޮތެއްގެ މަތިން އިންތިޚާބާ ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި ކުރިން ބޭއްވިފައިވާ އިންތިޚާބުތަކުގައި ވޯޓު ގަނެވިއްކުމުގެ މައްސަލަތަކާއި، އިންތިޙާބީ ޝަކުވާގެ ނިޒާމާއި އިންތިޚާބުގެ ކެންޕެއިނަށް ކެނޑިޑޭޓުން ކުރާ ޚަރަދު ބަލާނެ ނިޒާމެއް ނެތް މައްސަލަ ދިމާވެފައިވާކަމަށާއި، މިކަންކަން، ބޭރުގެ ފަރާތްތަކާއި، ތަޖުރިބާކާރުންގެ ލަފަޔާއެއްގޮތަށް އިންތިޚާބީ ނިޒާމުގެ ތެރެއިން ޙައްލުކުރަން ޖެހޭކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރުދަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯރ އިލެކްޓޯރިއަލް ސިސްޓަމްސް ގުޅިގެން ބަނޑޮސް އައިލެންޑް ރިސޯޓުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި ދައުލަތުގެ ކަމޭބެހޭ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ބައިނަލްއަޤްއާމީ ޖަމާއަތްތަކާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ