ދުޝްމަނުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ އަލިފާނަކީ ފިނިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ލެއްވުމަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން މިރޭ ދުއާ ކުރައްވައިފި އެވެ.
އެމަނިކުފާނު އެގޮތަށް ދުއާ ކުރެއްވީ މައުމޫން ފައުންޑޭޝަންގެ ފަރާތުން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ. މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް މައުމޫން ވަނީ ދީނީ ނަސޭހަތް ދެއްވާފަ އެވެ. އެމަނިކުފާނު ދީނީ ނަސޭހަތް ދެއްވި ދުއާ ކުރެއްވުމާ ގުޅޭ ގޮތުންނެވެ.
މައުމޫން އިސްވެ ހުންނަވައިގެން މިރޭ ކުރެއްވި ދުއާގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރާއި ފަތަހަ ދެއްވުމަށާއި ދުޝްމަނުންގެ ވަކިތަކުން ފަލަސްތީން މިނިވަންކޮށްދެއްވުމަށެވެ. އަދި އިޒުރޭލުގެ ނުބައި ރޭވުންތަކުން މަސްޖިދުލް އަޤުސާ ރައްކާތެރި ކުރެއްވުމަށާއި ފަލަސްތީނުގައި ޝަހީދުވި މީހުންގެ ދާއިމީ ގޯއްޗަކީ ސުވަރުގެ ކަމުގައި ލެއްވުމަށް އެދި މައުމޫން ދުއާ ކުރެއްވި އެވެ.
"ފަލަސްތީނުގެ ލޮބުވެތި އަހުލުވެރިންނަށް، އެ އުރެންގެ އަދުއްވުންގެ މައްޗަށް ނަސްރު ދެއްވައިފާނދޭ. އެބައި މީހުންގެ ފައިތިލަތައް އެބައިމީހުންގެ ބިމުގައި ސާބިތު ކުރައްވައިފާނދޭ. އެބައި މީހުންގެ ދުޝްމަނުންގެ އަލިފާނަކީ އެބައިމީހުންނަށް ފިނިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ލައްވައިފާނދޭ،" އިސްލާމީ މަރުކަޒުގައި މިރޭ ކުރެއްވި ދުޣާގައި މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިރޭ ދެއްވި ދީނީ ދަރުސްގައި އެމަނިކުފާނު ވަނީ އެކި ހާލަތްތަކުގައި ދުއާ ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ރަސޫލު ބޭކަލުންނަށް ދަތިހާލަތްތައް ދިމާވާ ދަނޑިވަޅުތަކުގައި ﷲ އަށް ކުރައްވާފައިވާ ދުއާތައް ރައީސް މައުމޫން މިރޭ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މޫސާގެފާނާއި ނޫހުގެފާނާއި އިބްރާހިމްގެފާނާއި ސުލައިމާންގެފާނާއި ޔޫނުސްގެފާނާއި ޒަކަރިއްޔާގެފާނުގެ އިތުރުން އީސާގެފާނު ކުރައްވާފައިވާ ދުއާތަކުގެ ތަފްސީލު ކީރިތި ގުރުއާނާއި ސުންނަތުން އައިސްފައިވާގޮތަށް މައުމޫން މިރޭ ވަނީ ތަފްސީލުކޮށްދެއްވާފަ އެވެ.
ދުޝްމަނުންގެ އަލިފާނަކީ ފަލަސްތީނަށް ފިނި އެއްޗެއްގެ ގޮތުގައި ލެއްވުމަށް މައުމޫން ދުއާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ