އެޗުއާރުސީއެމްގެ ޑިރެކްޓަރު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް: ހައި ކޯޓު

ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި ހ. ނީލްމަންޒިލް، އާގިސާ މޫސާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އާގިސާ ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށ ކަމަށެވެ.
ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނަނީ އެއް މަސް ދުވަހުގެ ނޯޓިސް ދިނުމަށް ފަހު އާގިސާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާގިސާގެ އަޚުލާގީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ފަހު ކަމަށް އެޗްއާރްސީއެމް އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާއާ އެއްގޮތަށް އެކަން އެޗްއާރްސީއެމްއަށް ސާބިތުކޮށްދެވިފައި ނުވާތީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައެޅީކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
އާގިސާ ވަޒީފާ އިން ވަކިކުރި ތާރީހު ކަމަށްވާ އޯގަސްޓް19، 2009 އިން ފެށިގެން އެހެން ވަޒީފާއެއް އޭނާ އަށް ހަމަޖެހުނު ތާރީހު ކަމަށްވާ ޑިސެމްބަރު3، 2009 އާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތަކަށް 60،025ރ. ހަތް ދުވަހުގެ ތެރޭގައި އާގިސާ އަށް ދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އެޗްއާރްސީއެމްގެ މައްޗަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޓްރައިބިއުނަލްގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެޗްއާރްސީއެމް އިން ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލުގެންނަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ އެގޮތަށް ހުކުމް ކުރީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ