ޖޭޕީގެ ހަރަކާތްތަކުން އަލީ ވަހީދު އަދި ފެންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިވަގުތު ޕާޓީގެ މަސައްކަތްތަކުން ފެނިވަޑައިނުގެންނެވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި އަލީ ވަހީދު ފެނިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ގާސިމް އިބްރާހީމް ދެއްވައިފި އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެންބަރުންތަކެއްގެ މެންބަޝިޕް ފޯމް ހަވާލުކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާތީ އެކަމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާ ސަބަބެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެބޭފުޅާ [އަލީ ވަހީދު]ގެ މަސައްކަތްޕުޅު ބަރުކަމުން ގޮސް ހަމަ އޮބިނޯވެގެން ދާތީ މިތަނަށް ވަދެވަޑައިނުގަންނެވެނީއޭ. އަޅުގަނޑު އެއްގޮތަކަށްވެސް ހިތްބަރު ކަމަކުން ނޫން މިހެން މިދެންނެވީ ހަމަހަގީގަތުގައިވެސް،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން އަލީ ވަހީދު އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ ބޭފުޅަކު ގައުމުން ބޭރަށް ވަޑައިގަންނަވާނަމަ އެ މިނިސްޓްރީއެއް ހިންގެވުން އާންމުކޮށް ހަވާލުކުރައްވަނީ އަލީ ވަހީދަށް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެގޮތަށް މެދުވެރިވަނީ އަލީ ވަހީދަކީ ހިންގުންތެރި ގާބިލް ބޭފުޅަކަށް ވާތީ ކަމަށެވެ.
"މިއަދުވެސް އެބޭފުޅާ އަށް ވަޑައިނުގެންނެވެނީ އަޅުގަނޑަށް ކަށަވަރު މިދެންނެވިހެން މަސައްކަތްޕުޅު [ބުރަކަމުންކަން]. ކޮންމެ ރެއަކުވެސް ކޮންމެވެސް ދެ ޕްރޮގްރާމެއް އޮވޭ. މިއީ ދެން ޖެއްސުމަކަށް ނޫން އެނގޭތޯ." އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެންނަ ކަމަށް ގަބޫލުކުރައްވާ ގޮތް ގާސިމް ވިދާޅުވެދެެއްވި އެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ފެނިގެން ދިއުން މެދުކެނޑިގެން ދިޔައީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިދިކޮޅު ޕީޕީއެމްގެ ތާއީދާ އެކު ބައެއް ގޮނޑިތައް ކާމިޔާބުކުރެއްވުމަށް މަސައްކަތް ކުރެއްވުމުން އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި މައިގަނޑު ގޮތެއްގައި އަލީ ވަހީދު ކެމްޕޭން ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ. ޖޭޕީގެ ވަރަށް މަދު ކެންޑިޑޭޓެއްގެ ކެމްޕޭންގައި ވެސް އަލީ ވަހީދު ބައިވެރިވެވަޑައިގެންފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޖޭޕީގެ އެއްވެސް ހަރަކާތެއްގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ