ފަރުވާއަށް ފަހު ރައީސް މައުމޫން ގެއަށް ބަދަލުވެވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާލާސްކަންފުޅަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ގެއަށް ބަދަލުވެވަޑައިގެންފި އެވެ. މީގެ ދެ ދުވަސްކުރިން މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓުތައް ހެދުމުގެ ގޮތުންނެވެ. އޭގެ ކުރިން ދެތިން ދުވަހެއް ވަންދެން އާލާސްކަންފުޅާ އުޅުއްވި ކަމަށް ވެސް އާއިލާއިން އޭރު ބުންޏެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲގެ ވާގިފުޅާ އެކު އެމަނިކުފާނަށް ދިމާވި އިންފެކްޝަންއިން ޝިފާ ލިބިވަޑަިއިގެންފައިވާ ކަމަށެވެ. "އަޅުގަނޑަށް ﷲ ދެއްވި އެކި ނިއުމަތްތަކަށް ޝުކުރުވެރިވަން. އޭގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓްއިން ދެއްވި އެހީތެރިކަމާއި ބެހެއްޓެވި ޕްރޮފެޝަނަލްކަމަށް ޝުކުރު ދަންނަވަން،" ރައީސް މައުމޫންގެ ޓުވީޓުގައިވެ އެވެ. https://twitter.com/maumoonagayoom/status/1212611024492228608 މިދިޔަ އާދިއްތަ ދުވަހަކީ މައުމޫންގެ 82 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނަކީ އާންމުކޮށް ވަރަށް ސިއްހަތަށް ބައްލަވައިގެން ގަވައިދުން ކަސްރަތު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ